ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައިގެ މައްސަލަ ހައްލުކޮށް އިގްތިސާދީ ހާއްސަ ސަރަހައްދު ކަނޑައެޅުމުގައި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ވެސް މަޝްވަރާ ކޮށްފައި ވަނީ މި ސަރުކާރުން މިހާރު ވެސް މި ކަމުގައި ކުރިއަށްދާ ގޮތަށް އެކަން ކުރަން ކަމަށާއި އޭގެ ކުރިން ވެސް ނިންމާފައި އޮތީ ބޯޑަރު ހަމަޔަށް ބަހާލަން ކަމަށް ހާމަވެއްޖެ އެވެ.
ރާއްޖޭގެ އެކްސްޓެންޑެޑް ކޮންޓިނެންޓަލް ޝެލްފް ކްލެއިމް ކުރުމުގެ މައްސަލައާ ބެހޭ ގޮތުން އެކުލަވައިލި ކެބިނެޓްގެ ސަބް ކޮމިޓީއަކުން ސެޕްޓެމްބަރު 2، 2012 ގައި ބޭއްވި ބައްދަލުވުމެއްގެ ޔައުމިއްޔާ "މިހާރު" އަށް ފެނިފައި ވާއިރު އޭގައި ވަނީ ކޮންޓިނެންޓަަލް ޝެލްފް އިތުރު ކުރުމަށް ރާއްޖޭން 2010 ވަނަ އަހަރު ހުށަހެޅުމުން އެކަމަށް ދެކޮޅު ހެދީ މޮރިޝަސް އިން އެކަނި ކަމަށެވެ.
މިފަދަ ހުށަހެޅުމަކަށް އެއްވެސް ގައުމަކަށް ރިޒަވޭޝަނެއް ހުށަހަޅައިފި ނަމަ އެ ކަމެއް ނުބަލައި އަސްލު މައްސަލަ ކޯޓުން ނުނިންމާނެ ކަމަށް އެ ބައްދަލުވުމުގައި ބުނެފައި ވާއިރު އެންމެ ބޮޑަށް ފާހަގަވާ އެއް ކަމަކީ މޮރިޝަސް އިން ދައުވާކުރާ ގޮތަށް ޗާގޮސް އަކީ އެ ގައުމުގެ ބައެއް ކަމަށް ހަމަޖެހިއްޖެ ނަމަ މޮރިޝަސް އަށް ލިބޭ ބައި ބޮޑުވާނެ ކަމަށް ބުނެފައި ވުމެވެ.
އިމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ނިންމާނެ އެވެ.
މި ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނީ މޮރިޝަސް އަށް ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވީ ކަމަށް ބުނެ އެވެ. އެކަމަކު ކުރީގެ ރައީސް ވަހީދުގެ ސަރުކާރުގެ ސަބް ކޮމިޓީގެ ޔައުމިއްޔާގައި ވެސް ފާހަގަކޮށްފައިވާ ގޮތަށް، ޗާގޮސް އަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު ލަފަޔަށް އދ. ގެ އާންމު މަޖިލީހުން ތާއީދުކޮށް އަދި އިޓްލޮސް އިން ވެސް އެކަން ބަލައިގަނެ މޮރިޝަސް އަށް ވެސް 200 މޭލުގެ އިގްތިސާދީ ސަރަހައްދެއް ކަނޑައަޅައިދޭން ޖެހުނީ އެވެ. މިއަދު ނިންމަނީ މިގޮތަށް 200 މޭލު ކަނޑައެޅުމުން ރާއްޖެ އާއި މޮރިޝަސްގެ އިމުން ފުށުއަރާ ބައި ބަހާނެ ގޮތެވެ.
ސަބް ކޮމިޓީގެ މެންބަރު:
- އެޓާނީ ޖެނެރަލް އައިޝަތު އާޒިމާ ޝަކޫރު
- ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް
- ފިޝަރީޒް މިނިސްޓަރު އަހްމަދު ޝަފީއު
- އިކޮނޮމިކް މިނިސްޓަރު އަހްމަދު މުހައްމަދު
ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންގެ ބޭރުން ދެން ބައިވެރިވެ ވަޑައިގަތީ އޭރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނާއި ޖޮއިންޓް ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ކެބިނެޓް ސެކްރެޓަރީ ޑރ. އަބްދުﷲ ނަޒީރު އަދި ޕޮލިސީ ސެކްރެޓަރީ ޑރ. މަހްމޫދު ރިޔާޒެވެ. އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ އާއި އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ރަށުގައި ނޫޅުއްވާތީ ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.
މޮރިޝަސް އިން، އެ ގައުމުގެ އިން ކަނޑައަޅަން ރޮނގު ދަމަން ފަށަންޖެހޭ ބޭސް ޕޮއިންޓަކީ "ބްލެންހެމް ރީފް" ކަމަށް ބުނާތީ ސަބް ކޮމިޓީގައި ވެސް ވާހަކަ ދައްކާފައި އޮތީ އެ ޕޮއިންޓް ބެލުމުން މޮރިޝަސް އަށް ލިބޭ ބައި ބޮޑުވާނެ ކަމަށެވެ. މިއަދު އިޓްލޮސްގައި މައްސަލަ ނިންމާއިރު، ރާއްޖޭން ދޫނުކޮށް ހިފަހައްޓާފައި ވަނީ އެ ޕޮއިންޓުން ފެށިގެން މިން ނޭޅޭނެ ކަމަށެވެ. އެއީ އެންމެ ކުރިން ވެސް ރާއްޖޭން ބުނަމުން އައި ގޮތެވެ.
ކޮމިޓީގެ ޔައުމިއްޔާގައި ބުނެފައިވަނީ ފޮރިން މިނިސްޓަރު ކަމުގައި ޑރ. އަހްމަދު ޝަހީދު ހުންނެވި އިރު، މޮރިޝަސް އިން ހުށަހަޅާފައިވާ ގޮތަށް ރާއްޖޭގެ ހުށަހެޅުން ވެސް ބަދަލުކުރަން އެއްބަސްވެފައިވާ ކަމަށެވެ. އަދި 1982 ވަނަ އަހަރު ރާއްޖެ އާއި ޗާގޮސްގެ މެދުން ބަހާލަން އިނގިރޭސި ވިލާތާ އެކު އެއްބަސްވެފައިވާ ބައްދަލުވުމެއްގެ ޔައުމިއްޔާއެއްގައި މުހައްމަދު ޝިހާބު ސޮއިކުރައްވާފައި އެބައޮތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަަހައްދަށް ވުރެ އިތުރުން 200 މޭލުގެ ކޮންޓިނެންޓަލް ޝެލްފް ހޯދަން މިހާރު ވެސް ހުށަހަޅާފައި ވާއިރު އެ ބައްދަލުވުމުގައި ބުނެފައިވަނީ މިއީ ސީބެޑް އެކްސްޕްލޯ ކުރުމުގެ ހައްގު ހޯދަން މުހިންމު ކަމަކަށް ވާނެ ކަމަށާއި އެހެން ނޫނީ އެ ސަރަހައްދު ވާނީ އިންޓަނޭޝަނަލް ވޯޓާސް އަށް ކަމަށެވެ.
ސަބް ކޮމިޓީގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީން ހުށަހަޅާފައިވަނީ އޭރު ވެސް ހުށަހަޅާފައި އޮތް ގޮތަށް މައްސަލަ ބާއްވައިގެން މޮރިޝަސްއާ އެކު އެއްބަސްވުމަކަށް އައުމަށެވެ. މޮރިޝަސްއާ އެކު މިކަމުގައި އެއްބަސްވުމެއް އޮތުމުން ހައްލު ހޯދަން އުނދަގޫ ކަމަށާއި ޑރ. ޝަހީދު މިކަމާ ބެހޭ ގޮތުން ސޮއިކުރެއްވި އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ކޮމިޓީން އޮތީ ނިންމައިފަ އެވެ.