މީހުންގެ ތެރެއަށް ގޮސް، ސޯޝަލައިޒް ވެ އުޅެންޖެހުމަކީ ހާދަ އުނދަގޫ ކަމެކެވެ. އެހާ ބޮޑަށް ވަރުބަލިވާ ކަމެކެވެ. ރައްޓެއްސަކު ދެކެ ވާ ލޯބިން، ބުނި ބުނުމަށް އެކުގައި ތަނަކަށް ދިޔަޔަސް، އަބަދު ބޭރުގައި ވަގުތު ހޭދަކުރަން ސިކުނޑި ހޭނޭ ގޮތެއް ނުވި އެވެ.
މީހުންގެ ތެރެއަށް ނިކުމެ، ރައްޓެހިންނާ އެކު ޕްލޭން ހަދައި، މަޖާކޮށް ސަކަރާތްޖަހައި އުޅުމުން ބޭކާރު ހިޔާލުތަކުން ދުރުކޮށްދީ، މޫޑު އުފާވެރިކޮށް ބަހައްޓައިދޭން އެހީވާކަން މިހެން ބުނާއިރުވެސް އެނގެ އެވެ. މީހުންނާ ގުޅުން ބަދަހިކޮށް، އަމިއްލަ ހިޔާލުތަކާ ދުރުން އުޅޭ މީހުން މާ އުފާވެރިވެފައި އުމުރު ދިގު ކަމަށް ދިރާސާތަކުން ދެނެގަނެވިފައިވާކަން ވެސް އެނގެ އެވެ. އަދި އެކި ކަހަލަ މީހުންނާ ދިމާވެ، ރަހުމަތްތެރިންގެ ބުރު ބޮޑު ކުރި ވަރަކަށް، ތަފާތު ކަންކަން ދަސްވެ، ތަފާތު ހުނަރު ދަސްވެ، މީހާ ތަރައްގީވުމަށް އެހީތެރިވެދޭނެކަން ވެސް ގަބޫލުކުރަމެވެ.
އެކަމަކު، މީހުންނާ ވަކިން، އެކަނި ވަގުތުތަކަށް ލޯބިކުރާ "އިންޓްރޮވާޓް" މެޓީރިއަލް ގެ މީހަކަށް ވެ ހުރެ، މި ހުރިހާ ފައިދާއެއް އަދި އެނގުނަސް، މީހުންނާ ދިމާވެ، މަޖާ ޕްލޭންތަކާ ގުޅެން މޯޓިވޭޝަން ހޯދަން ކުރަންޖެހޭ މަސައްކަތް ގިނަ ކަމުން މި ހުރިހާ ފައިދާއަކުން މަހުރޫމްވުން ވެސް މާ ރަނގަޅޭ ހިތަށް އަރައެވެ.
މީގެ މާނައަކީ އަހަރެމެން ކަހަލަ މީހުން މާނަ ފުން ރިރޭޝަންޝިޕް ބޭނުން ނުވާ ވާހަކައެއް ނޫނެވެ. އެކަމަކު، އެކުގައި ދާ ބަޔަކާއި އެ ދާ ތަނަކާއި، ވަގުތު ވަރަށް ބޮޑަށް މުހިއްމުވެ އެވެ.
"އިންޓްރޮވާޓް" މާނަކުރަނީ މިހެންތަ؟
އިންޓްރޮވާޓެކޭ ބުންޏަސް އެކި މީހުން މީގެ މާނަ އެކި ގޮތަށް ކުރެ އެވެ. އެކަމަކު އަސްލު އިންޓްރޮވާޓް ކެޓަގަރީއަށް ފެތޭނީ ސޯޝަލް އެންޒައިޓީ ހުންނަ މީހުން އެކަންޏެއް ނޫނެވެ. ގިނަ މީހުންނާއެކު ވަގުތު ހޭދަކޮށްފައި ޖެހިގެން އަންނަ ހަފްތާ އެއްކޮށް ގެއިން ނިކުންނަ ހިތް ނުވެފައި ވަރުބަލި ފިލުވާލަން އެކަނި ވަގުތު ބޭނުންވާ މީހުން ވެސް މި ގުރޫޕުގައި ހިމެނެ އެވެ. ނުވަތަ ޕްލޭން ހެދިޔަސް، އަދި ބޭރުގައި ވަގުތު ހޭދަކުރިޔަސް، އެންމެ ގާތް މީހާ ނޫން މީހުން މީހުންނަށް ސޯޝަލް އެނާޖީކޮޅު އިންވެސްޓު ކުރަން ބޭނުން ނުވާ މީހުން ވެސް މީގެ ތެރެއަށް ވަދެ އެވެ.
އެހެންވީމަ، މިކަހަލަ މިޒާޖުގެ ރައްޓެހިންގެ ގޮތް ދެނެގަނެ، ގުޅުން ބަދަހިކުރާނީ ކިހިނެއް ހެއްޔެވެ؟
ކުއްލި ޕްލޭނެއް ނުހެދޭނެ
މި ބުނަނީ، ގާތް ރައްޓެއްސަކާ އެކީ އެކަނި ތަނަކަށް ދާން ނުވަތަ ވާހަކައެއް ހިއްސާކުރަން ހަދާ ކުއްލި ޕްލޭންގެ ވާހަކައެއް ނޫނެވެ. ގިނަ މީހުން ހިމަނައިގެން ޕްލޭން ހަދާނަމަ ކުއްލި ޕްލޭނެއް މިކަހަލަ މީހުން އެހާ ބޭނުމެއް އެވެ.
މިޒާޖު ނުގުޅޭ މީހުން ޕްލޭނަށް އިން ކުރަން ބޭނުމެއް ނުވާނެ
މިޒާޖު ނުގުޅޭ މީހުން ތިބެއްޖެނަމަ ކޮންފޯޓް ޒޯން ގެއްލުނީ އެވެ. އެއީ އިންޓްރޮވާޓުން ބޭނުންވާނެ ގޮތެއް ނޫނެވެ. ގެންދަންޏާ ގެންދަންވީ އެވެ. އެކަމަކު އެމީހުން އެހެން ދުވަހެއްގެ ޕްލޭނަކަށް ހަދަންވީ ނޫންހެއްޔެވެ.
ރައްޓެހިވާން ފުރުސަތު ދީ
ހަމަ ފެންނައިރަށް އެންމެ އުންމީދުކުރި ވަރަށް ގިނައިން ވާހަކަ ނުދެކެވުނަސް، ފޮނި މީހެއް ކަމަށް ނުނިންމާށެވެ. ބައެއް މީހުންނަކީ ވާހަކަދައްކައިގަންނަން ވަގުތުކޮޅެއް ބޭނުންވާ މީހުންނެވެ. ގާތް ރައްޓެހިންގެ ބުރަށް މީހުން ނަގާއިރު ވަގުތު ބޭނުންވާ މީހުންނެވެ.
ކޮންމެ ކަހަލަ މިޒާޖެއްގެ ރައްޓެއްސަކާ އެކު ވެސް އުފާވެރި، މާނަ ހުރި ގުޅުމެއް ފައްކާކުރެވިދާނެ އެވެ. އެކަމަކު އެގޮތް ވާނީ އެކަކު އަނެކެއްގެ މިޒާޖު ދެނެގަނެ، އިހުތިރާމްކުރަން އެނގިގެންނެވެ.