ހުރިހާ ސްކޫލެއްގެ ކިޔެވުން އެއްދަންފަޅި އަށް ބަދަލުކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 1.3 ބިލިއަން ރުފިޔާ ހަރަދުވެއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ފ. ބިލެއްދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ހުރިހާ ސްކޫލެއް އެއް ދަންފަޅި އަށް ބަދަލުކުރުމުގެ ގޮތުން ހެދި ދިރާސާ އިން ފާހަގަކުރެވުނު ކަންކަން ތަންފީޒުކުރުމަށް މިހާތަނަށް ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއްކޮށް، އާ އިމާރާތްތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އެ ދިރާސާއިން ފާހަގަކުރެއްވުނު ކަންކަން ތަންފީޒު ކުރެއްވުމަށް މިހާތަނަށް 1.3 ބިލިއަން ރުފިޔާ ބަޖެޓްކުރައްވައި އިމާރާތްތައް އެޅުއްވުމުގެ މަސައްކަތް ފެށިއްޖެ،" އައިޝަތު އަލީ ވިދާޅުވި އެވެ.
"މިހާތަނަށް ތައުލީމީ ދާއިރާއަށް، މަދަރުސާތަކަށް އުމްރާނީ ތަރައްގީ ގެނައުމަށްޓަކައި މުޅިއަކު 247 މަޝްރޫއެއް އެބަ ހިންގަން. އޭގެ ތެރޭގައި ޖުމްލަ 1،716 ކްލާސްރޫމާއި 92 މަލްޓިޕާޕޮސް ހޯލާއި 563 އެހެނިހެން އިމާރާތްތަކުގެ މަސައްކަތްތައް އެބަ ކުރިއަށް ދޭ،"
ލެބޯޓްރީ އާއި ލައިބްރަރީތަކާއި ސްޓާފް ރޫމްތަކާއި އޮފީސް އިމާރާތް ފަދަ ތަންތަން ވެސް ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިލެއްދޫ ސްކޫލުގައި މިއަދު ހުޅުވި މަލްޓިޕާޕަސް ހޯލަކީ ދައުލަތުގެ ބަޖެޓުން 8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި މަޝްރޫއެކެވެ. މިއީ މި ސަރުކާރުން ހުޅުވި މިކަހަލަ 15 ވަނަ މަލްޓިޕާޕަސް ހޯލެވެ.
އެ މަލްޓިޕާޕަސް ހޯލްގެ ސަބަބުން ސްކޫލާއި މުޖުތަމައުގެ ގުޅުން ބަދަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސްކޫލް ދަރިވަރުންނަށް ތަފާތު ކުޅިވަރުތައް ކުޅޭނެ މާހުއުލެއް ލިބޭނެ ކަމަށާއި ރަށުގެ އެކި ހަރަކާތްތަކާއި ޖަލްސާތައް ބޭއްވުމަށް މަގުފަހިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.