ޚަބަރު / ރައްޔިތުންގެ މަޖިލިސް

އަފީފް ރިޔާސަތު ބަލަހައްޓަވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ، ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތް ބަހުސްގައި އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ހާޒިރުވެ ތިއްބެވި މެމްބަރުންގެ ތެރެއިން މެދުނުކެނޑި މަޖިލީހުގައި އެންމެ ދުވަސްވީ މެމްބަރުކަމަށް 19 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ނިންމައި، ގަވައިދުގައި ހިމަނާފައިވާ ކަމަށެވެ.

މަޖިލީހުގެ ގަވައިދާ އެއްގޮތަށް، އެ ދުވަހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ކަން ރެކޯޑުތަކުން އެނގެން އޮންނާނެކަން ޝިފާއު ފާހަގަކުރެއްވި އެވެ.

މަޖިލިހުގެ ގަވާއިދާ ހަވާލާ ދެއްވައި ޝިފާއު ވިދާޅުވީ، ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ވެސް ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ތެރެއިން މެދުނުކެނޑި މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ ފަސް މެމްބަރުންގެ ތެރެއިން މެމްބަރެއް ކަމަށެވެ.

"...މަޖިލީހުގެ ގަވައިދާ ކަނޑައެޅިގެން ހިލާފަށް ހަސަން އަފީފް ތި ގޮނޑީގައި ތި އިންނަވަނީ. މަޖިލީހުގެ ރިޔާސަތު ފޭރިގެން މި އުޅެނީ،" އެ ވަގުތު ރިޔާސަތުގައި އިންނެވި އަފީފަށް ނިސްބަތް ކުރައްވައި ޝިފާއު ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ

އެކަމަކު، އޭނާގެ އެ ވާހަކަތަކަށް ރައްދު ދެއްވައި، އެމްޑީޕީގެ ކުރީގެ މެމްބަރު އަދި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރަށް ތާއީދު ކުރައްވާ އަފީފް ވިދާޅުވީ، ރިޔާސަތާ ހަވާލުވެ އިންނެވީ އަމިއްލައަށް ނޫން ކަމަށެވެ.

"އަޅުގަނޑާ މިތަން ހަވާލުކުރީމާ މިތަނަށް އަރާ މި އިންނަނީ. އެހެންވީމާ އަޅުގަނޑާ ދިމާއަކަށް ތިހެން ވިދާޅެއް ނުވެވޭނެ،" އެކަމާ ހިތްހަމަނުޖެހޭ ނަމަ، ސީދާ މަޖިލީހުގެ ރައީސާ ހަމައަށް އެ މައްސަލަ ގެންދިޔުމަށް އެދިވަޑައިގެން އަފީފް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނަނީ ކީކޭ؟

މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ހާލަތެއްގައި، ރިޔާސަތު ބަލަހައްޓާނެ މެމްބަރަކު ކަނޑައަޅާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެމްބަރުންގެ ތެރެއިން ޖުމްލަ ފަސް މެމްބަރުން ކަމަށެވެ.

އެ މާއްދާގެ (ނ) ގައި ބުނަނީ އެ ފަސް މެމްބަރުންގެ ތަރުތީބު ކަނޑައެޅުމުގައި އެ މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތަށް އިސްކަންދޭންޖެހޭނެ ކަމަށެވެ. މެމްބަރުކަމުގެ މުއްދަތު ދެ މެމްބަރެއްގެ ދޭތެރޭގައި ހަމަހަމަ ވެއްޖެ ހިނދެއްގައި، އެފަދަ މެމްބަރުން ތަރުތީބު ކުރާނީ މެމްބަރުންގެ އުމުރުގެ ދޮށީ ކަމަށް އިސްކަންދީގެން ކަމަށް ވެސް ބުނެފައި ވެ އެވެ.

ނަވާރަ ވަނަ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ފަސް މެމްބަރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ އަފީފްގެ އިތުރުން، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އިތުރުން މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެ.

ފަސް މެމްބަރުންގެ ތަރުތީބަށް ބަލާއިރު، އެންމެ ކުރީގައި އިންނަވަނީ އަފީފެވެ.

އެއާ އެކު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ރިޔާސަތުގައި ނީންނަވާ ވަގުތުތަކުގައި ރިޔާސަތު ބަލަހައްޓަވަނީ އަފީފެވެ. މިގޮތުން، އާންމުކޮށް ޖަލްސާތަކުގެ މެންދުރު ދަންފަޅީގެ ރިޔާސަތު ބަލަހައްޓަވަނީ އަފީފެވެ.

އެކަމަކު މަޖިލީހުގައި ގަވާއިދާ އެއްގޮތަށް ރިޔާސަތު ބަލަހައްޓަވާ މެމްބަރުން ތަރުތީބު ކުރާ ނަމަ، މެދުނުކެނޑި މަޖިލީހުގައި އެންމެ ގިނަ ދުވަހު މެމްބަރުކަން ކުރައްވާފައިވާ މެމްބަރަކީ ސިޔާމާއި އަސްލަމެވެ.

މިހާރު ހިނގަމުން އަންނަ 19 ވަނަ މަޖިލީހުގެ ހަތަރު ވަނަ އަހަރުގައި ރިޔާސަތުގެ މައްސަލަ އެމްޑީޕީގެ މެމްބަރަކު މި ޖެއްސެވީ އެ ޕާޓީން ވަކިވެ، ނަޝީދަށް ތާއީދުކުރައްވާ އެ ޕާޓީގެ 12 މެމްބަރަކު "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އިސްވެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެ މެމްބަރުންގެ ތެރޭގައި އަފީފްގެ އިތުރުން އީވާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އަފީފް ރިޔާސަތު ބަލަހައްޓަވާ މައްސަލަ މިއަދު ޖެއްސީ، މަޖިލީހުގެ ރިޔާސަތުގެ ކޮންޓްރޯލް އަނބުރާ އެމްޑީޕީ އަށް ހޯދުމަށް އީވާ މަގާމުން ވަކިކުރަން މައްސަލައެއް މަޖިލިހަށް ވައްދާފައި ވަނިކޮށެވެ.

2 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮކިފުރާޅު ޢީސާ

29 May 2023

މީ މީހުން "ޖޭ" އަކުރު، ނަމުގެ ކުރިއަށް ލައިގެން ނަންކިޔާ އަފީފުތަ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

29 May 2023

އެތައްޒަމާނެއްވަންދެން ޤަވާއިދާއި ޙިލާފުކަމަކަށް ރުހިގެންތިބެފައި މިއަދު މިދެންނެވި ޤަވާއިދާއި ޙިލާފު ޤަވާއިދަކީ ތިމާމެންގެފައިދާއަށް އޮތް ހުރަހަކަށްވީތީ އެއީ ޤަވާއިދާއި ޙިލާފު ޤަވާއިދެއްކަމަށް ބުނުމަކީ ޝިފާޢު ރަނގަޅު މަގުގައި ހުރިކަމަށް ޤަބޫލުކުރެވޭނެ ކަމެއްނޫން. # އަނެއްކާ ވިލުފުށިދާއިރާގެ މެންބަރުގެފަހަތުން ތިއޮތް 2 ނަމުގެ އަހުލުވެރިންނަކީ މަޖިލީހުގެޖަލްސާއަށް ހާޒިރުނުވުމުގެ މަތިވެރި ޝަރަފު ޙަސިލްކޮށްގެންތިއްބެވި ޝަރަފުވެރި މެންބަރުންތަކެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454