އިންޑިއާގެ އެހީގައި ރާއްޖޭގެ ގިނަ ރަށްތަކެއްގައި ހިންގާ އިޖުތިމާއީ ތަރައްގީގެ އިތުރު މަޝްރޫއުތަކެއްގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުރީ ފޮރިން މިނިސްޓްރީގައި ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރަސްމީ ދަތުރެއްގައި މިހާރު ރާއްޖެ ވަޑައިގެން ހުންނެވި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވެލާމްވެލީ މުރަލީދަރަން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.
މަޝްރޫއުތަކުގެ ތަފުސީލު
• ހއ. ދިއްދޫ، ގދ. ވާދޫ އަދި ސ. ހިތަދޫ ބޭރުމައްޗާއި ރަސްގެދަރާގައި އައުޓްޑޯ ޖިމެއް ހެދުން.
• ހދ. ކުޅުދުއްފުށި، ނ. ކެނދިކުޅުދޫ، ލ. ގަން އަދި ފުވައްމުލަކަށް ސްކޫލް ބަހެއް ގެނައުން.
• ށ. މިލަންދޫގައި ދުވާ ޓްރެކެއް ހެދުން.
• ޅ. ހިންނަވަރު ކައުންސިލްގެ އާ އޮފީސް އިމާރާތް ހެދުން.
• މާލޭގައި އާޓް ސެންޓަރެއް ހެދުން.
• ލ. އަތޮޅު ތައުލީމީ މަރުކަޒުގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް.
• ގދ. ތިނަދޫގައި ހުންނަ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މެންޓަލް ހެލްތު ޔުނިޓެއް ހެދުން.
އެ މަޝްރޫއުތަކަށް ފަންޑުކުރަނީ އިންޑިއާ އެކު ރާއްޖެއިން ވެފައިވާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޕްރޮޖެކްޓުގެ އެއްބަސްވުމުގެ ދަށުން މިދިޔަ ޖެނުއަރީ މަހު އިތުރުކޮށްދިން 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ޓީބީ ބައްޔަށް ބޭނުންކުރާ ބޭސް ވެސް ހަވާލުކޮށްފަ އެވެ. ރާއްޖޭގެ ފަރާތުން އެއާ ހަވާލުވެވަޑައިގެންނެވީ ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު މައިމޫނާ އަބޫބަކުރު އެވެ.
އިންޑިއާގެ އެހީގައި މާލެ އާއި ރަށްރަށުގައި ގިނަ މަޝްރޫއުތަކެއް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ.