ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށު އަރާ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލާގައި ކުރީގެ ސަރުކާރުތަކާއި ކުރީގެ ބަންޑާރަ ނައިބުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
ޗާގޯސް އަކީ މޮރިޝަސްގެ ބާރު ހިނގާ ތަނެއް ކަމަށް ބެލުމާ އެކު އިން ކަނޑައަޅަން ޖެހުމުން އެކަން ޓްރައިބިއުނަލްގައި ހިންގި އިރު ރާއްޖެއަށް ގެއްލުންވާ ގޮތަށް އަމަލުކުރި ކަމުގެ ތުހުމަތާ އެކު ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ރިފްއަތު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވިދާޅުވީ ޗާގޯސް މައްސަލައަކީ ވަރަށް ޒަމާންވީ މާޒީއެއް އޮތް މައްސަލައެއް ކަމަށެވެ.
"މި މައްސަލާގައި ކުރީގެ އެއްވެސް ސަރުކާރަކުން ގޮތެއް ނިންމަން ނުކެރުނު. މިކަމުގައި ކުރީގެ ބަންޑާރަ ނައިބުން ވެފައިވާ އިހުމާލު ބޮޑުކަން ވަރަށް ލަދުވެތިކަމާއެކު އަޅުގަނޑު ފާހަގަކުރަން،" ރިފްއަތު ވިދާޅުވި އެވެ.
މޮރިޝަސްއަށް ދިވެހި ކަނޑުން ބައެއް ދޫކޮށްލަން ސަރުކާރުގެ ކަމާގުޅު ހުރި ވެރިން ރިޝްވަތު ނެގިކަމުގެ ތުހުމަތަށް އޭޖީ ވަރަށް ވަރުގަދަ ރައްދެއް ދެއްވި އެވެ.
"މިކަމުގައި އަޅުގަނޑަށް މޮރިޝަސް ސަރުކާރުން ލިބުނު ރަން މެޑައްޔެއް، ލަގަބެއް އިއްޒަތެއް ނެތް. ޑޮލަރުލާން އެސްކްރޯ އެކައުންޓެއް ހުޅުވާފައެއް ނޯންނާނެ،" ރިޔާސަތުގައި އިންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނުސީދާކޮށް އިޝާރާތް ކުރައްވައި ރިފްއަތު ވިދާޅުވި އެވެ.
އެހެން ވިދާޅުވުމާ އެކު އިދިކޮޅު ބައެއް މެމްބަރުން ވަނީ ނިޒާމީ ނުކުތާތައް ނަންގަވައި، ކުރީގެ ރައީސުންނާއި ސަރުކާރުތަކަށް "އެޓޭކް" ކުރުމުގެ ފުރުސަތު އޭޖީއަށް ނުދެވޭނެ ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވައިފަ އެވެ.
އެ ނިޒާމީ ނުކުތާ ނަޝީދު ބަލައިގަންނަވައި، ހުށަހެޅިފައިވާ މައްސަލައަށް ޖަވާބު ދެއްވުމަށް ރިފްއަތުގެ އަރިހުން އެދިވަޑައިގަތެވެ.
އެކަމަށް ރައްދު ދެއްވައި، ރިފްއަތު ވިދާޅުވީ މިހާރު ހިނގަމުންދަނީ ވަޒީރާ ސުވާލުކުރުމުގެ އިޖުރާއަތެއް ނޫން ކަމަށާއި އިތުބާރުނެތްކަމުގެ މައްސަލަގެ ދިފާއު ހުށަހެޅުމުގެ އިޖުރާއަތް ކަމަށެވެ.
އެހެން އޭޖީ ވިދާޅުވުމުން، ރިޔާސަތުން ނަޝީދު ވަނީ ވަރަށް ބޮޑަށް ނުރުހިވަޑައިގެން ރައްދު ދެއްވައިފަ އެވެ.
"މިތަނުގެ އިޖުރާއަތް ހިފަހައްޓާނީ އަޅުގަނޑު. މަޖިލީހުގެ އިޖުރާއަތް ކުރިއަށްގެންދާނެގޮތް އެނގޭނީ މަޖިލީހުގެ ރިޔާސަތަށް،" ނަޝީދު ވިދާޅުވި އެވެ.
ރައީސްގެ ސިޓީ މައްސަލަ ހޫނުވި
ރިފްއަތުގެ ދިފާއުގެ ތެރެއިން އެންމެ ބޮޑަށް ހޫނުވީ، އިމުގެ މައްސަލަ ބެލި ބައިނަލްއަގުވާމީ ޓްރައިބިއުނަލް އިޓްލޮސްގައި ކުރިއަށްދިޔަ އަޑުއެހުންތަކާ ގުޅޭގޮތުން ދިވެހި ސަރުކާރުގެ ދިފާއު ބިނާކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް މަޖިލީހާ ހިއްސާކުރެއްވި ކަމަށް ވިދާޅުވުމުންނެވެ.
"އެ މައްސަލާގައި ލިޔެކިޔުންތަކާއި ޗާޓުތައް ވެސް ފޮނުވިން. މިއީ ސިޓީން ބިޓީން ފެންނަން ހުރި ހަގީގަތް،" އޭޖީ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ އެ ލިޔެކިޔުންތައް އޭޖީ އޮފީހުން ފޮނުވީ، އިޓްލޮސްގެ މައްސަލަ ނިމެންދެން އެ ލިޔެކިޔުންތަކުގެ ސިއްރު ހިފަހައްޓަން އެދި ކަމަށެވެ.
އެއާ އެކު މަޖިލީހާ ހިއްސާކުރި ލިޔެކިޔުންތަކުގެ ތެރޭގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ ނުހިމެނޭކަން އިދިކޮޅު މެމްބަރުން ތަކުރާރުކޮށް ނިޒާމީ ނުކުތާތައް ނަންގަވައި ފާހަގަކުރެއްވި އެވެ.
އޭގެ ޖަވާބުގައި ރިފްއަތު ވަނީ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލާގައި ދިވެހި ސަރުކާރުން ދޫނުދޭނެކަން އެ ސިޓީގައި ވެސް ބަޔާންކޮށްފައިވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އޭޖީ ވިދާޅުވީ، ދެކުނުގެ އިން ވަކިކުރުމުގެ މައްސަލާގައި ކޮންމެ ނިންމުމެއް ނިންމުމެއް ނިންމާފައިވާނީ، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ތަރަހައިގެ ތެރެއިން ކަމަށެވެ. އަދި އެ މައްސަލައިގައި ރާއްޖޭން ވަކާލާތު ކުރި ގޮތަށް ފުރިހަމައަށް ކާމިޔާބު ލިބިފައިވާކަމަށް ވިދާޅުވި އެވެ.
އެގޮތަށް އަމަލުކޮށްފައި ވަނިކޮށް، އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ގޮތާމެދު ވެސް ރިފްއަތު ސުވާލު އުފެއްދެވި އެވެ.
"މަޖިލީހުގެ ރައީސާއި އިތުބާރުނެތް ކަމުގެ މައްސަލާގައި ސޮއި ކުރި 13 މެމްބަރުންނަށް ހިތަށް ފެންނަ ގޮތަކީ ގާނޫނުއަސާސީގައި ބުނާ ސަބަބެއް ނޫން،" ގާނޫނުއަސާސީގައި ބުނާ ސަބަބު ބަޔާންކޮށްފައިނުވާކަން ފާހަގަކުރައްވައި ވިދާޅުވި އެވެ.
އޭގެ އިތުރުން، އިޓްލޮސްގެ ނިންމުން އިސްތިއުނާފުކޮށް، ނިންމުން ބަދަލުކުރެވޭނެ ކަމަށް ދެކެވޭ ވާހަކަތަކަށް އޭޖީ މިއަދު ރައްދު ދެއްވި އެވެ.
"އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރެވޭނެއޭ ބުނާ ވާހަކައަކީ ގާނޫނީ މާހިރެއް ނޫން ގާނޫނު ކިޔަވާ ކުއްޖެއް ވެސް ދައްކާނެ ވާހަކައެއް ނޫން،" ރިފްއަތު ވިދާޅުވި އެވެ.