އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހަށް އަރިހުގައި ވަޑައިގަތް ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީން އާއި ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމަށް އިދިކޮޅު ޕީޕީއެމްގެ ޕީޖީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް) އަނގަބަހުން ފުރައްސާރަކޮށްފި އެވެ.
މަޖިލީހުގައި ހިނގި ބަހުސްގައި، ނިޒާމީ މައްސަލައެއް ނަންގަވައި ވާހަކަ ދައްކަވަމުން ސަލީމްގެ ނުރުހުން ރިފްއަތާ އެކު ތިއްބެވި ދެ ބޭފުޅުންނަށް އަމާޒުކުރެއްވި އެވެ. އިޓްލޮސްގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރިތޯ ސުވާލު އުފައްދަވައި ފާޑުވިދާޅުވުމުގެ ތެރެއިން އެތަނުގައި ތިއްބެވި އަންހެން ދެ ބޭފުޅުންނަކީ "18 އަހަރު ނުފުރޭ ދެ ކުދިންތޯ" ސަލީމް އެއްސެވި އެވެ.
"ބަންޑާރަ ނައިބުގެ ދެ ފަރާތުގައި ތި ތިއްބެވީ 18 އަހަރު ނުފުރޭ ކުޑަ ދެ ކުދިން ކަމަށް އަޅުގަނޑަށް ޝައްކުވާތީ، އެކަން ޔަގީންކޮށްލަދޭން އަޅުގަނޑު ބޭނުންވޭ،" ސަލީމް ވިދާޅުވި އެވެ.
އޭޖީ އޮފީހުގެ ގާނޫނީ މަަސައްކަތުގައި މުހިއްމު ޒިންމާތަކަކާ ހަވާލުވެވަޑައިގެން ތިއްބެވި އަންހެން ދެ ބޭފުޅުން ދަށްކޮށްލައި، މަލާމާތެއްގެ ގޮތުގައި ސަލީމް ކުރެއްވި ސުވާލާ މެދު މަޖިލީހުގެ ރިޔާސަތުން ވެސް ކަންބޮޑުވުންފާޅުކުރެއްވި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަލީމް ނިސްބަތްކުރެއްވި މޭރަމުން އެ ދެ ބޭފުޅުންނާ މެދު މުހާތާބް ނުކުރެއްވޭނެ ކަމަށެވެ.
"އެއްވެސް އިއްޒަތްތެރި މެމްބަރަކު މިތަނަށް ވަޑައިގަންނަވާ ހާއްސަކޮށް ޖިންސުއްލަތީފުންނާ ގުޅޭ ގޮތުން، މތަނަށް ވަޑައިގަންނަވާ ބޭފުޅުންނާ ގުޅޭ ގޮތުން ކުޑައިމީސްވާ ގޮތަށް ވާހަކަ ނުދެއްކުމަށް ވަރަށް ބޮޑަށް އެދެން،" ނަޝީދު ވިދާޅުވި އެވެ.
ސަލީމް ފުރައްސާރަކުރި އަންހެން ދެ ބޭފުޅުންގެ ތެރެއިން ފާތިމަތު ހަލީމްއަކީ އޭނާއާ އާއިލީ ގޮތުން ގާތް ބޭފުޅެކެވެ. އެނގިފައިވާ ގޮތުގައި ސަލީމާއި ފާތުމަތު ހަލީމްގެ މުނިމާމައަކީ އެކަކެވެ.
މަޖިލީހުގެ ހުރުމަތް ކެނޑޭ ގޮތަށް ސަލީމް ފުރައްސާރަކުރި މައްސަލާގައި މަޖިލީހުގެ ބައެއް މެމްބަރުންނާއި އާންމުން ވެސް ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާ ވަޒީރުންނާއެކު ތިއްބަވާ އަންހެނުންނަށް ކުޑައިމީސްކޮށް، ފޮށެން ފެށުނު މި ދުވަހަކީ 19 ވަނަ މަޖިލީހުގެ ހަޔާތުގައި ކަޅު، ހަތުރު ދުވަހެއް،" ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ ޓުވީޓެއްގައި ވިދާޅުވި އެވެ.
މަޖިލީހުގެ ތަޅުމުގައި ދައުލަތުގެ އަންހެން ދެ ބޭފުޅަކަށް މިއަދު ފުރައްސާރަކޮށްފައިވާ އިރު، އެކި ކަންކަމުގައި ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހުގެ ކޮމިޓީތަކަށް ވަޑައިގަންނަވާ އަންހެން މުވައްޒަފުންނަކީ "ކުޑަކުދިންގެ" ގޮތުގައި ސިފަކޮށް ފުރައްސާރަކުރުމުގެ އަމަލުތައް ބައެއް މެމްބަރުންގެ ފަރާތުން ހިނގާފައި އެބަހުއްޓެވެ.