ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ "ބޮޑެއް" ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެ އެމްޑީ ފައިޖުލް އިސްމާއިލް ކިޔާ ބަންގުލަދޭޝްގެ ފިރިހެނެކެވެ.
އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް ދީފަ އެވެ.
ކޯޓު އަމުރުގައި ބުނި ގޮތުގައި، ފުލުހުން ހުށަހެޅި އިންޓެލިޖެންސް ރިޕޯޓްތަކާއި ތަހުގީގު ރިޕޯޓްތަކުން އޭނާ އަކީ ރާއްޖެއިން ބޭރުން މީހުން ގެނެސްގެން ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ މީހެއް ކަމަށް ބެލެވެ އެވެ.
"މައްސަލާގައި ބަޔާން ނެގުނު މީހުންގެ ބަޔާންތަކުން މީނާއަކީ މިކަމުގެ އިސް ފަރާތްތަކަމަށް ބުނޭ. ތުހުމަތުކުރެވޭ ފަރާތްތަކުގެ ފޯނުން މީނާއާ މުއާމަލާތްކޮށްފައިވާކަން އެނގޭ،" އެ އަމުރުގައި ބުނެފައިވެ އެވެ.
އޭނާ އަކީ އެ ބާވަތުގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ވެސް ކޯޓުގައި އަމުރުގައި ބުންޏެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ ބެއްލެވި މައްސަލާގައި ވަނީ އެ މީހާ އަކީ ރާއްޖޭގައި ގަވާއިދާ އެއްގޮތަށް އުޅޭ މީހެއްތޯ ބެލުމަށް ވެސް ފުލުހުންނަށް އަންގައިފަ އެވެ.
މާލޭގައި ހަށި ވިއްކުމުގެ ތުހުމަތުގައި ފުލުހުން ވަނީ މިދިޔަ މަހު ވެސް 14 މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހުން ހައްޔަރުކުރީ ފުޅާ ދާއިރާއެއްގައި ރާވައިގެން ހިންގާ ހިއުމަން ޓްރެފިކިންގް ނެޓްވޯކެއްގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.
މާލޭގައި ހަށިވިއްކުން ވަރަށް ބޮޑަށް އާންމުވެ، އެކަން ހުއްޓުވުމަށް ފުލުހުން ފިޔަވަޅު ނާޅާތީ އާންމުންގެ ފާޑުކިޔުން އޮތީ އަމާޒުވެފަ އެވެ. ނަމަވެސް ފުލުހުން އަންނަނީ ދޭތެރެދޭތެރެއިން އޮޕަރޭޝަންތައް ހިންގައި ބައެއް މީހުން ހައްޔަރު ވެސް ކުރަމުންނެވެ.