ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ މެމްބަރުން ހުށަހަޅާފައިވާ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން، ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފި އެވެ.
ނަޝީދު، މަޖިލިސް ރައީސްގެ މަގާމުން ވަކިކުރަން ހުށަހެޅީ އެމަނިކުފާނު ރައީސަކަށް ހުންނެވި އެމްޑީޕީން އިސްވެ މަޖިލީހުގެ 54 މެމްބަރުން ސޮއިކުރައްވަ އެވެ.
މަޖިލީހުގެ އަމީންއާއްމަށް ނަޝީދު ފޮނުއްވި ސިޓީގައި، އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި ވިދާޅުވީ މި ހާލަތުގައި ރިޔާސަތު ބެލެހެއްޓެވެމުން އުޒުރުވެރިވެވަޑައިގަތުމަކީ ލިިބިވަޑައިގަންނަވާ އިހްތިޔާރެއް ކަމަށެވެ.
""[އިތުބާރު ނެތް ކަމުގެ] އެ މައްސަލައަށް ވަކި ގޮތެއް ނިމުމާ ހަމައަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް އަޅުގަނޑު އުޒުރުވެރިވަމެވެ. މަޖިލީހުގެ ގަަވައިދުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން އަޅުގަނޑަށް މި އިހްތިޔާރު ލިބޭ ކަމަށް ދެކެމެވެ،" ނަޝީދުގެ ސިޓީގައިވެ އެވެ.
ރިޔާސަތު ނުބެލެހެއްޓެވިޔަސް، ނަޝީދު ވިދާޅުވި ގޮތުގައި، މަޖިލީހުގެ ގަވައިދު ބަޔާންކުރާ މިންވަރުގައި ހުރިހާ ކަމެއް ހިންގެވުމުގައި ދެމިހުންނަވާނެ އެވެ.
"އަޅުގަނޑުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހިނގަމުންދާއިރު ކަމަނާގެ މަސްއޫލިއްޔަތުތަކަށާއި ވާޖިބުތަކަށް ކުޑަވެސް ހުރަސްއެޅޭ ބާވަތުގެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަމެވެ،" ނަޝީދު ވިދާޅުވި އެވެ.
ރިޔާސަތުން ނަޝީދު ދުރުކުރަން ހުށަހެޅުމުގެ ކުރިން މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ އަބްދުﷲ ވަކިކުރަން ވެސް އޮތީ އެމްޑީޕީން ހުށަހަޅައިފަ އެވެ. އެމްޑީޕީއަށް އެނގިގެން މަޖިލިސްގައި "މަރުތަޅު އެޅޭގޮތަށް" މައްސަލަތައް ވެއްދީކަަމަށް އީވާ ތުހުމަތުކުރައްވަ އެވެ. އެކަމަކު އެމްޑީޕީގެ މަޖިލިސް މެމްބަރުން ވިދާޅުވަނީ މަޖިލިސް ހުއްޓުވާލައިގެން އުޅެނީ އީވާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގިޔަ ނުދޭން ކަމަށެވެ.
އީވާގެ އިތުބާރު ނެތް މައްސަލާގައި ދިން 14 ދުވަހުގެ މުއްދަތު މިއަދަށް ހަމަވާނެ އެވެ. އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ މެންބަރުންނަށް ސިޓީއެއް ފޮނުއްވައި އެ ޖަލްސާ ކުރިޔަށް ނުގެންދެވޭނެ ކަމަށް އަންގަވައިފަ އެވެ. ސަބަބެއް ގޮތުގައި އޭނާ ވިދާޅުވީ ކޮމިޓީތައް އެކުލަވާލާފައި ނުވާތީ އާންމު ކޮމިޓީން ވަގުތު ކަނޑައެޅުމުގެ މަސައްކަތް ނުކޮށް އޮތުމެވެ.
އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އޮތީ މަސައްކަތްތައް ހުއްޓި މަޖިލިސް ޑެޑްލޮކަށް ދާ ގޮތަކަށް ނޫނެވެ.
ގަވާއިދުގައިވާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މަގާމުން ވަކިކުރާ މައްސަލަ ކުރިއަށް ގެންދާއިރު ރިޔާސަތުގައި އިންނަވާނީ މަޖިލިހުގެ ނައިބު ރައީސެވެ. ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދާއިރު ރިޔާސަތުގައި އިންނަވާނީ ރައީސެވެ.
އަސްލަމް ވިދާޅުވީ، މަޖިލިސް ޑެޑްލޮކަކަށް ގެންދަން ބޭނުން ނުވާ ކަމަށާއި އަންނަ ހޯމަ ދުވަހުގެ ޖަލްސާ ގަވައިދާ އެއްގޮތަށް ބޭއްވޭނެ ކަމަށެވެ. ރައީސާއި ނައިބު ރައީސް ބައިވެރިވެވަޑައިނުގެންނެވޭ ހާލަތެއްގައި ދެން އަމަލު ކުރަންވީ ގޮތް ވެސް ބަޔާން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ބޭފުޅުން ދާއިމީ ކޮމިޓީތައް ވެސް އެކުލަވާލަން ހުރަސް އަޅުއްވައިގެން އެ އަމަލު ކުރައްވަނީ ވީހާ ވެސް ގިނަ ދުވަހު މަގާމުގައި ދެމި ތިބެވޭނެ ގޮތަކަށް،" މަޖިލިހުގައި 19 ވަނަ އަހަރު ގުނުއްވަމުން ގެންދަވާ އަސްލަމް ވިދާޅުވެފައިވެ އެވެ.
ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދު މި އެންގެވީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން، މާދަމާގެ ޖަލްސާ ކުރިއަށް ގެންދާނެ ކަަމަށް ބުނެފައި ވަނިކޮށެވެ.