ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރި މިއަދުގެ ޖަލްސާގެ ރިޔާސަތާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިނުގަތުމުން ޖަލްސާ ފެށެން ނެތްކަން އިއުލާނުކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކި ކުރާ އިރު ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ރައީސް ކަމަށެވެ.
ނަމަވެސް މިއަދުގެ ޖަލްސާގައި ވެސް ނަޝީދު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
"މި މައްސަލާގައި ގޮތެއް ކަނޑަނޭޅެނީސް މިވަގުތު މި ޖަލްސާ ކުރިޔަށް ގެންދެވެން ނެތް ވާހަކަ މެންބަރުންނަށް ދަންނަވާލަން." ނިއުޝާ ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެޖެންޑާ ކުރެވޭ ޖަލްސާއެއްގައި، އެ މައްސަލަ ނުނިންމައި އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެ އެވެ.
ރިޔާސަތުގައި އިންނަވަން ނަޝީދު އުޒުރުވެރިވެ ވަޑައިގަންނަވަނީ ކީއްވެ؟
އީވާގެ އިތުރުން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ވަނީ މަޖިލީހަށް ވައްދާފަ އެވެ.
އެ އާއެކު އެއް މައްސަލައި އޮއްވައި، މަޖިލީހުގެ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް ނަޝީދު ވަނީ މަޖިލީހުގެ އިދާރާއަށް އަންގަވައިފަ އެވެ.
ނަޝީދާއި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ އިތުރުން، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލެވި މަޖިލިސް "ޑެޑްލޮކް" އެއްގައި އޮންނަތާ ދެ ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަންޖެހުނީ، އީވާ އާ އެކު އެމްޑީޕީގައި ތިއްބެވި 13 މެންބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެންނެވެ.
އީވާ މަގާމުން ވަކި ކުރުމަށް މަޖިލީހުގެ 50 މެންބަރުން ސޮއި ކުރައްވައި ހުށަހެޅި އެ ގަރާރަށް ދީފައިވާ 14 ދުވަހުގެ ނޯޓިސް މިދިޔަ އާދީއްތަ ދުވަހަށް ހަމަވި ނަމަވެސް، އެ ދުވަހަށް މައްސަލަ އެޖެންޑާ ނުކުރެއްވުނީ، އެ މައްސަލައިގެ ބަހުސް ކުރުމާއި ދިފާއުވުމުގެ ވަގުތު އާންމު ކޮމިޓީ ނުބޭއްވޭތީ ކަނޑައެޅިފައިނެތުމުން ކަމަށް މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވަނީ ވިދާޅުވެފަ އެވެ.
އެކަމަކު އެ ނިންމުން ބަދަލުކުރައްވައި، ވަގުތު ކަނޑަނޭޅެނީސް، އީވާގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރެއްވީ އެކަން ކުރެއްވުމަށް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ތަކުރާރުކޮށް އެދުމުންނެވެ.