ރިޔާޟް (ޖޫން 13) - ސައޫދީ އަރަބިއްޔާގެ ގައުމީ އެއާލައިނެއްގެ ގޮތުގައި އަލުން ވައިގެ ދަތުރުތައް ފެށުމަށް އުފެއްދި ރިޔާޒް އެއާގެ މަތިންދާބޯޓުތައް، އޮފުގަދަ ކުލަތަކުން ޖަރީކޮށްފައި އޮންނާނެ ގޮތް އިއްޔެ ދައްކާލައިފި އެވެ.
ދަނބުގެ ތަފާތު ކުލަތަކާއި ހުދު ކުލައިން ފަވާފައިވާ، ރިޔާޒް އެއާގެ މަތިންދާބޯޓު އާންމުކޮށް ދައްކައިލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ފަރަންސޭސި ވިލާތުގައި ފަށާ 54 ވަނަ ޕެރިސް އެއާ ޝޯގަ އެވެ. އެ ދަތުރަށް ބޯޓު ގެންދިއުމުގެ ކުރިން، އިއްޔެ އެ ބޯޓު ދައްކައިލުމުގެ ގޮތުން އުދުއްސީ ވެރިރަށް ރިޔާޒްގެ ވައިގެ ސަރަހައްދުގަ އެވެ.
ރިޔާޒްގައި އޮންނަ ކިންގް ޚާލިދު ބައިނަލްއަގުވާމީ ވައިގެ ބަނދަރުން އުދުއްސައިލި، ބޮއިންގް 787-9 ޑްރީމްލައިނާގެ ބޯޓު ރިޔާޒްގެ ވައިގެ ސަރަހައްދުގައި ބުރުޖަހަމުން ދިޔައީ ވަރަށް ތިރިންނެވެ. އެ ބޯޓު އުދުއްސައިލުމަށް ރަންވޭގައި ތައްޔާރުވެގެން އޮތް އިރު، ސައޫދީ ވައިގެ ސިފައިންގެ މަތިންދާބޯޓުތަކުން، ސައޫދީ ދިދައިގައި ހިމެނޭ ހުދު ކުލަ އާއި ފެހި ކުލައިގެ ދުން ބުރުވަމުން ރިޔާޒްގެ މަތިން ބުރު ޖަހަމުން ދިޔަ އެވެ.
ރިޔާޒް އެއާގެ މަތިންދާބޯޓު ދައްކައިލުމަށް އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި ސައުދީ ޝާހީ އާއިލާގެ ބޭފުޅުންގެ އިތުރުން ސަރުކާރުގެ އިސް ވެރިންނާއި ބޭރު ގައުމުތަކުގެ ބައެއް ޑިޕްލޮމޭޓުން ވެސް ބައިވެރިވެވަޑައިގަތެވެ.
ސައޫދީ ސަރުކާރުން ބުނި ގޮތުގައި ރިޔާޒް އެއާގެ ބައިނަލްއަގުވާމީ ދަތުރުތައް ފަށާއިރު، ޒަމާނީ ޓެކްނޮލޮޖީގެ ލުއިފަސޭހަކަން، ބޯޓުގައި ދަތުރުކުރާ މީހުންނަށް ވަރަށް ރަނގަޅަށް އިހްސާސްކުރެވޭނެ އެވެ. މި އެއާލައިންގެ ދަތުރުތައް ފެށުމުން، ސައޫދީގެ ވެރިރަށް ރިޔާޒް އިން ދުނިޔޭގެ އެކި ގައުމުތަކުގެ 100 އަށް ވުރެ ގިނަ މަންޒިލަށް ބައިނަލްއަގުވާމީ ދަތުރުތައް ކުރާނެ އެވެ.