މެދުއިރުމަތީގެ އަރަބި ގައުމުތަކާއި ޗައިނާއާ ދެމެދު އިގްތިސާދީ ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ސައޫދީގެ ރިޔާޒްގައި މިހާރު ކުރިއަށް ދާ ވިޔަފާރީގެ މަހާސިންތާގެ ފުރަތަމަ ދުވަހު ވެސް އިންވެސްޓްމެންޓްގެ ދާއިރާ އިން 30 އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

ސައޫދީ ސަރުކާރުން ބުނި ގޮތުގައި ޗައިނާއާ ދެމެދު އިއްޔެ ސޮއިކުރި އިންވެސްޓްމެންޓް ދާއިރާގެ 30 އެއްބަސްވުމުގެ އަގު 10 ބިލިއަން ޑޮލަރަށް ވުރެ މަތިވާނެ އެވެ. އެ އެއްބަސްވުންތަކުގެ ދަށުން އިންވެސްޓްކުރާ ދާއިރާތަކުގެ ތެރޭގައި، ޓެކްނޮލޮޖީ، އިއާދަކުރަނިވި ހަކަތަ، ދަނޑުވެރިކަން، ރިއަލް އެސްޓޭޓް، މައުދަން، މުދާ ސަޕްލައިކުރުން، ފަތުރުވެރިކަން އަދި ސިއްހީ ދާއިރާ ހިމެނެ އެވެ.

ސައޫދީގެ އިންވެސްޓްމެންޓް މިނިސްޓްރީން ބުނި ގޮތުގައި ސައޫދީ ސަރުކާރުން އިއްޔެ ވަނީ، ޗައިނާގެ ބައެއް ވިޔަފާރި ކުންފުނިތަކާ އެކު ތަފާތު ދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި އެއްގަމު އުޅަނދު އުފެއްދުމުގެ ދިރާސާތައް ކުރުމާއި، ތަރައްގީގެ ދާއިރާ އާއި މުދާ އުފައްދައި ވިއްކުމާއި، ފަތުރުވެރިކަން ތަރައްގީކުރުމާއި، ރޭލުގެ ތަފާތު ބައިތައް ސައޫދީގައި އުފެއްދުމާ ބެހޭ އެއްބަސްވުންތައް ހިމެނެ އެވެ.

އޭގެ އިތުރުން ސައޫދީގެ އަމިއްލަ ވިޔަފާރި ކުންފުނިތަކާއި ޗައިނާގެ ސަރުކާރު އަދި އަމިއްލަ ކުންފުނިތަކާ އެކުގައި ވެސް ގިނަ އެއްބަސްވުންތަކެއްގައި އިއްޔެ ސޮއިކުރި އެވެ.

ސައޫދީގެ ވެރިރަށް ރިޔާޒްގައި އިއްޔެ ފެށި އަރަބި-ޗައިނާ ވިޔަފާރި މަހާސިންތާގައި ވާހަކަ ދައްކަވަމުން ސައޫދީގެ ހަކަތައާ ބެހޭ ވަޒީރު އަމީރު އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވީ ސައުދީ އާއި ޗައިނާއާ ދެމެދު އިންވެސްޓްމެންޓްގެ ދާއިރާ އިން އަދިވެސް އިތުރު އެއްބަސްވުންތައް ގާއިމުކުރާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިގްތިސާދީ ގޮތުން ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު ބާރާ ވާދަ ކުރުމުގެ ބަދަލުގައި ސައޫދީ ބޭނުންވަނީ، އެ ބާރާ އެކުގައި ގުޅިގެން ކުރިއަށް ދާށެވެ.

މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ސައޫދީގެ އިންވެސްޓްމެންޓް ވަޒީރު ޚާލިދުލް ފާލިހް ވިދާޅުވީ އިގްތިސާދީ ގޮތުން ދުނިޔޭގެ ދެ ވަނަ ބޮޑު ބާރު، އަރަބި ދުނިޔެއާ އެކުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރަން ބޭނުންވާ އިރު، އެކަމުގައި ޗައިނާ ބޭނުންކުރާނެ ދޮރާއްޓެއްގެ ގޮތުގައި ސައޫދީ އޮންނާނެ ކަމަށެވެ.

ޗައިނާ އާއި އަރަބި ގައުމުތަކާ ދެމެދު 2022 ވަނަ އަހަރު 432 ބިލިއަން ޑޮލަރުގެ ވިޔަފާރި ކޮށްފައިވާ އިރު، އޭގެ 25 އިންސައްތައަކީ ޗައިނާ އާއި ސައޫދީއާ ދެމެދު ކޮށްފައިވާ ވިޔަފާރި އެވެ. ޗައިނާ އާއި ސައޫދީއާ ދެމެދު 2022 ވަނަ އަހަރު ކުރި ވިޔަފާރީގެ ޖުމްލަ އަގު 106 ބިލިއަން ޑޮލަރަށް އަރާފައިވާ އިރު، އެއީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު، 30 އިންސައްތައިގެ އިތުރުވުމެކެވެ.

އަރަބި ގައުމުތަކާއި ޗައިނާއާ ދެމެދު އިގްތިސާދީ ގޮތުން ގުޅުން ބަދަހިކުރުމުގެ ގޮތުން، ސިލްސިލާ މަހާސިންތާތަކެއް ބާއްވަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. އިއްޔެ އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ދާ، އެ ސިލްސިލާގެ 10 ވަނަ ބައްދަލުވުމަކީ، ސައޫދީގައި ބާއްވާ ފުރަތަމަ މަހާސިންތާ އެވެ.

ޗައިނާ އާއި އަރަބި ގައުމުތަކުގެ ސަރުކާރު ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ބައިވެރިވާ މި މަހާސިންތާގައި 3500 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ.