ސައޫދީ އަރަބިއްޔާ އާއި އީރާނާ ދެމެދު މެދުކެނޑިފައި އޮތް ޑިޕްލޮމެޓިކް ގުޅުން މިހާރު އަލުން އިއާދަކުރެވިފައިވާތީ، އީރާންގައި އިންވެސްޓްކުރުމަށް ތައްޔާރަށް އޮތް ކަމަށް ސައޫދީ އަރަބިއްޔާގެ މާލީ ވަޒީރު މުހައްމަދު އަލް ޖަދުއާން އިއްޔެ ވިދާޅުވެއްޖެ އެވެ.
ވެރިރަށް ރިޔާޒްގައި މިހާރު ކުރިއަށް ދާ މާލީ ދާއިރާގެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ސައޫދީ ވަޒީރު ވިދާޅުވީ އީރާނުގައި އެކަށީގެންވާ ވަރުގެ ބޮޑެތި އިންވެސްޓްމެންޓްތަކެއް ސައޫދީ އަރަބިއްޔާ އިން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ވަރަށް އަވަހަށް ފަށާނަމޭ. އަހަރެމެންގެ އަމާޒަކީ ހަމަޖެހުން ގާއިމުވެފައިވާ، އަދި ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދިނުމުގެ ގާބިލުކަން ލިބިގެންވާ، އަދި ރައްޔިތުންނަށް ފާގަތިކަން ހޯދައިދެވޭ ފަދަ ސަރަހައްދެއް ގާއިމުވެފައި އޮތުން. އެކަން ނުވާންވީ އެއްވެސް ސަބަބެއް ނުފެނޭ. އީރާނަކީ މީގެ ކުރިން ވެސް، މިހާރުވެސް އަދި ކުރިއަށް އޮތް އެތައް ގަރުނަކަށް ވެސް، ސައޫދީގެ އަވައްޓެރި ގައުމެއް،" ސައޫދީގެ މާލީ ވަޒީރު ވިދާޅުވި އެވެ.
"އީރާނުގައި ވަރަށް ގިނަ ފުރުސަތުތައް އެބަހުރި. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަމުން ދާއިރު، އިންވެސްޓްމެންޓްގެ ދާއިރާ އިން އަހަރެމެން ވެސް އީރާނަށް ވަރަށް ގިނަ ފުރުސަތުތައް ހޯދައިދޭނަން."
މާލީ ވަޒީރު ވިދާޅުވި ގޮތުގައި އެއް ގައުމުން އަނެއް ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އިހްތިރާމްކުރުމާއި، ގައުމުގެ ދާޚިލީ ކަންކަމަށް ނުފޫޒު ނުފޯރުވުމަށް ދެ ގައުމުން އެއްބަސްވެގެން ތިބޭހާ ހިނދަކު، ދެ ގައުމުގެ ދެމެދުގައި އެކުވެރިކަމުގެ ގުޅުން ދެމިނޯންނަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަދި އެކަމަށް އެއްވެސް ހުރަހެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ސައޫދީ އަރަބިއްޔާ އާއި އީރާނާ ދެމެދު ގުޅުން ގޯސްވެ ސިޔާސީ ގުޅުންތައް ކަނޑާލިތާ ހަތް އަހަރު ފަހުން އަލުން ގުޅުންތައް ގާއިމުކުރުމާ ބެހޭ އެއްބަސްވުމެއް ހަދައި، މާޗް 10، 2023 ގައި ދެ ގައުމުން ވަނީ އެކަން އިއުލާނުކޮށްފި އެވެ.
ޗައިނާގެ އިސް ޑިޕްލޮމޭޓް ވާންގް ޔީގެ ދެފަރާތުގައި، ސައޫދީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މުސާއިދު ބިން އަލް އައިބާން އާއި އީރާންގެ ގައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ސެކްރެޓަރީ، އެޑްމިރަލް އަލީ ޝަމްޚާނީ ތިއްބަވައިގެން އިއުލާން ކުރެއްވި އެއްބަސްވުމުން، އެމެރިކާގެ ސްޓްރެޓެޖީގައި ރެނދުލާފައިވާ ކަން ދުނިޔެއަށް ވަނީ ހާމަވެފަ އެވެ.
އީރާނާ އެކުގައި އޮތް ޑިޕްލޮމެޓިން ގުޅުން، ޖެނުއަރީ 3، 2016ގައި ސައޫދީ އަރަބިއްޔާ އިން ކަނޑައިލީ، އީރާންގެ ވެރިރަށް ތެހެރާންގައި ހުރި ސައޫދީ އެމްބަސީ އަށް އީރާންގެ އާންމުންތަކެއް ވަދެގަނެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ސައޫދީއާ ދެކޮޅަށް މުޒާހަރާ ކުރަމުން ގޮސް އެމްބަސީ އަށް ވަދެގަތީ، ސައުދީގެ މަޝްހޫރު ޝީއީ އިލްމުވެރިއެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.