ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރަކު އިސްވެ، ޗެނަލް 13 ގެ ނޫސްވެރިއެއްގެ ފޯނު އަތުލައި، އޭނާއަށް ފުރައްސާރަކޮށް ބިރު ދެއްކި ކަމަށް ބުނާ ވާހަކަ އެ ކޮމިޝަނުން މިރޭ ދޮގުކޮށްފި އެވެ.
އިއްޔެ ޕީޕީއެމްގެ ލީޑަޝިޕުން އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރުމަށް ދިޔައިރު އެތަނުގައި ހިނގަމުންދިޔަ ކަންތައްތައް ކަވަރުކުރުމުގައި އުޅުނު ޗެނަލް 13 ނިއުސް ހެޑް، މަރިޔަމް އިއްސާދާގެ ފޯނު އަތުލައި ބިރު ދެއްކީ ކޮމިޝަންގެ މެންބަރަކާ ގުޅުން އޮންނަ މީހެއް ކަމަށް އެ ޗެނަލުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އެކަމާ ގުޅިގެން އެޗްއާރުސީއެމުން ބުނީ އެ ކޮމިޝަނުން އަންގައިގެން އަދި އެނގިގެން މީހަކު މެދުވެރިކޮށް އަދި އެހެން ގޮތަކަށް ވެސް ނޫސްވެރިއަކަށް ފުރައްސާރަކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަސް އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށެވެ.
"އެފަދަ ކަމެއް މި ކޮމިޝަނުން ނުކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" ކޮމިޝަނުން ބުންޏެވެ.
ކޮމިޝަނުން ބުނީ އެތަނުގެ މެމްބަރަކަށް ނިސްބަތް ފަތުރަނީ ދޮގު ވާހަކައެއް ކަމަށެވެ.
ޗެނަލް 13 އިން ނެރުނު ބަޔާނެއްގައި ބުނީ އެ ސަރަހައްދުގައި ނޫސްވެރިޔާ ހުއްޓާ، އެ އިދާރާގެ މެމްބަރަކު ނިކުމެ އެ ސަރަަހައްދު ދޫކޮށް ދިއުމަށް އަންގައި އެކި ގޮތްގޮތަށް އިންޒާރުދީފައި ކަމަށެވެ. އޭގެ ފަހުން އެތަނަށް އެހެން މީހަކު ގޮސް ވެސް އެކި ގޮތްގޮތަށް އިންޒާރުދިން ކަމަށް އެ ބަޔާނުގައިވެ އެވެ.