މާލޭގައި އިދިކޮޅު ފަރާތްތަކުން މިއަދު ކުރި މުޒާހަރާ ކަވަރު ކުރަމުން ދަނިކޮށް އަނިޔާވި ނޫސްވެރިޔާގެ ހާލު ސީރިޔަސްވެ، އިތުރު ފަރުވާ އަށް ސްރީ ލަންކާ އަށް ފުރުވާލަން އޭނާގެ އާއިލާ އިން ނިންމައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްޔިތުންގެ މަޖިލިހަށް އިއްވެވި ރިޔާސީ ބަޔާނާ ދިމާކޮށް އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާ ފުލުހުން ރޫޅާލީ ބާރުގެ ބޭނުންކޮށްގެންނެވެ.
މުޒާހަރާ ރޫޅާލުމުގެ ތެރޭގައި، މުޒާހަރާ ކަވަރު ކުރަމުން ދިޔަ ދެ ނޫސްވެރިއަކަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދިނެވެ.
ޕީޕީއެމުން ބުނި ގޮތުގައި އަނިޔާވި ހަސަން ޝަހީދު ނަމަކަށް ކިޔާ ނޫސްވެރިޔާގެ ސިކުނޑި އާއި މައިބަދަ އަށް ގެއްލުންވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އެހެންވެ، ވަގުތުން ލަންކާ އަށް ފުރުވާލުމުގެ މަސައްކަތް އާއިލާ އިން ފަށާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އޭގެ ސަބަބުން އެ ސަރަހައްދުގައި ހުރި ޗެނަލް-13 ގެ ވީޑިއޯގްރަފަރަކަށް ވެސް އަނިޔާވި އެވެ.
ޕީޕީއެމުން ބުނީ، ދެ ނޫސްވެރިންގެ އިތުރުން އާންމުންގެ ހަތް މީހަކަށް ވެސް އަނިޔާވެ ހޮސްޕިޓަލުން ފަރުވާ ދޭން ޖެހުނު ކަމަށެވެ. އަދި 11 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.