ސްކޫލް ބޮޑު ޗުއްޓީ އާއި އީދު ބަންދަށް ގިނަ ބަޔަކު މިއަދު ރަށްރަށަށް ފުރާތީ ޑޮމެސްޓިކް ދަތުރުތަކަށް ވަރަށް ބާރުބޮޑުވެއްޖެ އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނީ މިއަދު އެކަނިވެސް އެ އެއާލައިންގެ 50 ޑޮމެސްޓިކް ފްލައިޓް ޝެޑިއުލް ދަތުރުތައް ކުރާނެ ކަމަށެވެ. މާދަމާއަށް 56 ފްލައިޓް ޝެޑިއުލްކޮށްފައިވާ ކަމަށް ވެސް އެ އެއާލައިން އިން ބުންޏެވެ.
ޑޮމެސްޓިކް ދަތުރުތައް ކުރާ އިތުރު އެއާލައިނެއް ކަމަށްވާ މަންޓާ އެއާގެ 10 ފްލައިޓެއް މިއަދަށް ޝެޑިއުލްކޮށްފައިވެ އެވެ. އަދި ވިލާ އެއާއިން ވެސް 10 ފްލައިޓް ދަތުރުކުރެ އެވެ. އެއާ އެކު މިއަދު ޑޮމެސްޓިކް ފްލައިޓްތަކުގެ 70 ދަތުރު އޮންނާނެ އެވެ.
އާންމުކޮށް ދުވާލަކު އޮންނަނީ ޑޮމެސްޓިކް ފްލައިޓުތަކުގެ 20-30 ދަތުރެވެ. އެހެންވެ މިއީ ވަރަށް ބޮޑު އަދަދެކެވެ.
ލޯންޗުފަހަރުގައި ވެސް ގިނަ ބަޔަކު މިއަދު ރަށްރަށަށް އަންނަނީ ފުރަމުންނެވެ. މާލޭ ރަސްމީ ފާލަން އޮންނަ ސަރަހައްދާއި އާންމުކޮށް އޮޑިދޯނިފަހަރު ފުރާ އެމްޕީއެލްގެ ޖެޓީ ކައިރި އަދި ދުވާ ޓްރެކް ކުރިމަތިން ބަނދަރު ސަރަހައްދު ވެސް އޮތީ ފުރާލައިފަ އެވެ.
ވެލާނާ އެއާޕޯޓާއި މާލޭ ބަނދަރުމައްޗާއި އުޅަނދުތައް ފުރާ އެހެން ސަރަހައްދުތައް މި ގޮތަށް ބިޒީ މިވީ ބޮޑު އީދާއި ސްކޫލް ބަންދާ އެކު ބޮޑު ޗުއްޓީއެއް ލިބޭތީ އެވެ.
ބޮޑު އީދު ދުވަހަށް ވަނީ އަންނަ ބުދަ ދުވަހެވެ. މާދަމާއިން ފެށިގެން އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމައަށް އީދު ޗުއްޓީގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. ބޮޑު ޗުއްޓީއަށް މިއަދު ސްކޫލްތައް ބަންދު ކުރި އިރު، ކިޔެވުން ދެން ފެށޭނީ އަންނަ އޮގަސްޓް މަހު ހައެއްގަ އެވެ.