ޑޮމެސްޓިކް ދަތުރުތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް (ޓާމިނަލް 2) އިން މިއަދު ފަށާތީ ވެލާނާ އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފި އެވެ. 

ވެލާނާ އެއާޕޯޓުން ނެރުނު ދެންނެވުމެއްގައި ބުނީ، އެ އެއާޕޯޓުގެ ޑޮމެސްޓިކް އޮޕަރޭޝަންތައް ޓާމިނަލް 2 (ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް) އަށް ބަދަލުކުރުމާ ގުޅިގެން ޓްރެފިކް ފްލޯ އަށް މިއަދުން ފެށިގެން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެއާޕޯޓުގެ ޓްރެފިކް ފްލޯ އަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ޑޮމެސްޓިކް ޓާމިނަލަށް އަންނަ ފަސިންޖަރުން ޓެކްސީ ހޯދުމަށް އާ ޓާމިނަލްގެ ޓެކްސީ ކިއުއަށް އަރަން ޖެހޭ ގޮތަށް ހެދުމެވެ. މީގެ ކުރިން ޑޮމެސްޓިކް ޓާމިނަލުން ދަތުރުކުރާ ފަސިންޖަރުން ޓެކްސީ ހޯދަން ދާން ޖެހެނީ އެއާޕޯޓުގެ ބަނދަރަށް ވާ ފަޅިން ހަދައިފައި އޮންނަ ކިއު އަށެވެ.

ޓްރެފިކް ފްލޯއަށް ގެނައި ބަދަލުތައް

  • ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން ދާ އުޅަނދުތައް މަޑުކުރާނީ ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް ކުރިމައްޗަށް.
  • ޑޮމެސްޓިކް ޓާމިނަލްގެ ގޮތުގައި ކުރިން ބޭނުންކުރަމުން އައި ސަރަހައްދަށް އުޅަނދުތައް މަޑުކުރުމާއި ފަސިންޖަރުން ބޭލުމަކީ މަނާ ކަމެއް.
  • ޑޮމެސްޓިކް ޓާމިނަލުން އަންނަ ފަސިންޖަރުން ޓެކްސީ ހޯދުމަށް ބޭނުންކުރާ ޓާމިނަލް 1 (އާ ޓާމިނަލް)ގެ ޓެކްސީ ކިއު.
  • މި ބަދަލާ އެކު، އެއާޕޯޓު ބަސް ރޫޓަށް އެއްވެސް ބަދަލެއް ނާންނާނެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރީގެ ޓެކްސީ ކިއު: މިހާރު ޓެކްސީއަށް އެރޭނީ އާ ޓާމިނަލް (ޓާމިނަލް 1) ޓެކްސީ ކިއު އިން އެކަނި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރީގެ ޓެކްސީ ކިއު: މިހާރު ޓެކްސީއަށް އެރޭނީ އާ ޓާމިނަލް (ޓާމިނަލް 1) ޓެކްސީ ކިއު އިން އެކަނި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްއޭސީއެލުން ވަނީ ވެލާނާ އެއާޕޯޓުގެ ޓާމިނަލް 2 އިން ޑޮމެސްޓިކް ދަތުރުތައް ފެށުމަށް އެތަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ޓާމިނަލް އެއްކޮށް މަރާމާތުކޮށްފަ އެވެ. މިއަދުގެ ވަގުތެއްގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި އެ ޓާމިނަލް ރަސްމީކޮށް ހުޅުއްވައިދެއްވާނީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ނުވަތަ ޓާމިނަލް 1 މިދިޔަ އަހަރު ޖުލައި 26 ގައި ހުޅުވައި، މިދިޔަ އަހަރުގެ ނިޔަލަށް ހުރިހާ އިންޓަނޭޝަނަލް އެއާލައިންތަކުގެ ދަތުރުތައް ވަނީ އެ ޓާމިނަލަށް ބަދަލުކޮށްފަ އެވެ. 

ޑޮމެސްޓިކް ވައިގެ ދަތުރުތައް ޓާމިނަލް 2 އަށް ބަދަލުކުރުމާ އެކު، ކުރީގެ ޑޮމެސްޓިކް ޓާމިނަލް ބަންދުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.