ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 2 ނުވަތަ ޑޮމެސްޓިކް ޓާމިނަލްގެ ކުރިމަތިން ޓެކްސީ ލިބޭނެ ގޮތް މިއަދު ހަދައިފި އެވެ.

އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ގެނައި ބައެއް ބަދަލުތަކާ ގުޅޭ ގޮތުން އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ޓާމިނަލް 2 ބޭނުންކުރާ ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން މިއަދު ހެނދުނު 10:00 އިން ފެށިގެން އެ ޓާމިނަލްގެ ކުރިމަތިން ފަސިންޖަރުންނަށް ޓެކްސީތަކަށް އަރައިފޭބޭނެ ގޮތް ހަދާފައިވާ ކަމަށެވެ. 

އެމްއޭސީއެލުން ބުނީ އެ އިންތިޒާމުގެ ދަށުން ޓާމިނަލް 2 ގެ އެރައިވަލްގެ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ބޭލުމަށް ހާއްސަކޮށްފައިވާ ސަރަހައްދު ކަމަށެވެ. އެ ސަރަހައްދުގައި ފަހަރަކު ހަތަރު ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. 

ޓާމިނަލް 2 ގެ ޑިޕާޗާ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ޓެކްސީއަށް އެރުމަށް ހާއްސަކޮށްފައިވާ ސަރަހައްދު ކަމަށާއި އެތަނުގައި ފަހަރަކު ފަސް ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކޮށްފައި ހުންނާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ. 

ވެލާނާ އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ގެނެވުނު ބަދަލު ފެންނަ ކުރެހުމެއް.-- ފޮޓޯ: އެމްއޭސީއެލް
ވެލާނާ އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ގެނެވުނު ބަދަލު ފެންނަ ކުރެހުމެއް.-- ފޮޓޯ: އެމްއޭސީއެލް

މި ގެނެވުނު ބަދަލަށް އާންމުން އަހުލުވެރިކޮށް ޓްރެފިކް ފްލޯ މެނޭޖްކުރުމަށް އެ ކުންފުނީގެ މުވައްޒަފުން އެ ސަރަހައްދުގައި ތިބޭނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ. 

އެމްއޭސީއެލުން މި ބަދަލު ގެނައީ ޑޮމެސްޓިކް ފްލައިޓްތަކުގައި ދަތުރުކުރާ ފަސިންޖަރުން ޓެކްސީ ހޯދުމަށް ޓާމިނަލް 1 ގެ ޓެކްސީ ކިއުއަށް މާ ދުރަށް ދާން ޖެހޭތީ އާންމުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

ކުރީގެ ޑޮމެސްޓިކް ޓާމިނަލް ބަންދުކޮށް، އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް ނުވަތަ މިހާރުގެ ޓާމިނަލް 2 އަށް ބަދަލުކުރީ މިދިޔަ މަހު އެވެ. އޭގެ ފަހުން، ޑޮމެސްޓިކްގައި ދަތުރުކުރާ ފަސިންޖަރުންނަަށް ޓެކްސީ ލިބޭނެ އިންތިޒާމު ހަމަޖެއްސީ ޓާމިނަލް 1 ގެ ޓެކްސީ ކިޔޫންނެވެ. 

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ނުވަތަ ޓާމިނަލް 1 މިދިޔަ އަހަރުގެ ޖުލައި 26 ގައި ހުޅުވައި، މިދިޔަ އަހަރުގެ ނިޔަލަށް ހުރިހާ އިންޓަނޭޝަނަލް އެއާލައިންތަކުގެ ދަތުރުތައް ވަނީ އެ ޓާމިނަލަށް ބަދަލުކޮށްފަ އެވެ.