ފަތިސްނަމާދުން ފައިބައިގެން ދަނިކޮށް މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލުން ޖެހި އަނިޔާވި މީހާގެ ހާލު ވަރަށް ސީރިއަސްކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

މަޖީދީ މަގުން ހިނގާފައިދަނިކޮށް މިދިޔަ އަންގާރަދުވަހުގެ ފަތިހު ސައިކަލުން ޖެހި އަނިޔާވީ ގައުމީ ޔުނިވާސިޓީގެ ދުވަސްވީ ލެކްޗަރާއެއް ކަމަށްވާ އަލީ ހަފީޒަށެވެ. އޭނާ އަށް ފަރުވާދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގަ އެވެ.

އެނގިފައިވާ ގޮތުގައި، އެކިތަންތަން ބިނދި، އެ އެކްސިޑެންޓުގައި ހާފިޒުގެ ހަށިގަނޑަށް ގިނަ އަނިޔާތަކެއް ލިބިފަ އެވެ. އެކްސިޑެންޓްވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާގެ ހާލަތަށް ބަދަލެއް ނާދެ އެވެ.

އެ އެކްސިޑެންޓުގައި ސައިކަލް ދުއްވި މީހާ އަށް މާބޮޑު އަނިޔާއެއް ނުވެ އެވެ.

ފުލުހުން ބުނީ ސައިކަލް ދުއްވި 22 އަހަރުގެ މީހާ އަކީ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށެވެ. ގަވާއިދާ ޚިލާފަށް ދުއްވައި މީހެއްގެ ފުރާނައަށް ނުރައްކާވި މައްސަލާގައި މިހާތަނަށް އެމީހާ ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ އެ ނޫން ފިޔަވަޅެއް ވެސް އެޅި ކަމެއް ފުލުހުން އަދި ނުބުނެ އެވެ.

އެ ހާދިސާ ހިނގިތާ ކުޑައިރުކޮޅެއް ފަހުން މީހަކު ނަގާފައިވާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، އޭގެން ފެންނަ ގޮތުގައި ސައިކަލްގައި ތިބި މީހުން ވަނީ އެކްސިޑެންޓްވުމާ އެކު އެ ސަރަހައްދު ދޫކޮށް ފިލައިފަ އެވެ.

މި އެކްސިޑެންޓާ ގުޅިގެން ސޯޝަލްމީޑިއާގައި ގިނަ ބަޔަކު ވަނީ، ނުރައްކާތެރިކޮށް ދުއްވާ މީހުންނާ މެދު އެކަށީގެންވާ ފިޔަވަޅު އަޅަމުން ނުދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިފަދަ ގިނަ އެކްސިޑެންޓްތަކެއް ހިނގަން މެދުވެރިވަނީ އެފަދަ މީހުންނާ މެދު ފިޔަވަޅު އަޅަމުން ނުދާތީ ކަމަށް ވެސް އެ މީހުން ދެކެ އެވެ.

މާލޭ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ގިނަވެފައިވާއިރު ހުޅުމާލޭގައި ދެ ކާރު ޖެހި ހިނގި އެކްސިޑެންޓެއްގައި މި މަހުގެ ތެރޭގައި މީހަކު މަރުވެފައިވެ އެވެ. އަދި ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބި ޒުވާނަކު އޮތީ ސީރިއަސް ހާލަތުގަ އެވެ.

މިފަދަ މަގުމަތީ އެކްސިޑެންޓްތަކުގައި ފަރުވާކުޑަ ގޮތެއްގައި އަމަލު ކުރުމުގެ ސަބަބުން އެހެން މީހެއްގެ ފުރާނައަށް ގެއްލުންވެއްޖެ ނަމަ، އެއީ ބޮޑެތި ޖިނާއީ ދައުވާތައް އުފުލޭ ބާވަތުގެ ކުށެކެވެ. ގާނޫނުލްއުގޫބާތުގެ ދަށުން މިފަދަ ބައެއް މައްސަލަތަކުގައި މީގެކުރިން ވެސް މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާތައް އުފުލާފައިވެ އެވެ.