އދ. ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމެރިކާގެ ނިއުކޯޔަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަަނަރު އެންގި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
އދ. ގައި ތަގްރީރު ކުރެއްވުމަށް ރައީސާއި ސަރުކާރުގެ އިސް ވަފުދެއް 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހިމެނޭ ރިސިޓްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން މިދިޔަ މެއި މަހު ވަނީ ތާއީދުކޮށްފަ އެވެ.
އެ ހުކުމް އިސްތިއުނާފް ކުރަން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ދައުލަތުން ބުނެފައިވަނީ އެ ރިސިޓްތައް ހާމަކޮށްފިނަމަ ރައީސްގެ ސެކިއުރިޓީއަށް ބުރޫ އަރައި އަދި ބައެއްގެ ޒާތީ މައުލޫމާތުތަކެއް އާންމުވެދާނެ ކަމަށެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އެފަދަ މައުލޫމާތުތައް އުނިކުރުމަށްފަހު ވެސް ހަރަދުތަކުގެ ރިސިޓްތައް ހާމަކުރަން ޖެހޭނެ ކަމަށެވެ.