ހުޅުމާލޭގައި އިތުރު 4،000 ފްލެޓް އިމާރާތް ކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިންޑިއާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
އެފްޑީސީން ބުނީ އެތަނުގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާ ކަމަށެވެ.
އެއީ އިންޑިއާގައި ފުޅާ ދާއިރާއެއްގައި ތެލާއި ގޭހާއި ހަކަތަ އުފެއްދުމާ އަދި އިންފްރާސްޓްރަކްޗާގެ އެކި މަސައްކަތްތައް ކުރާ ކުންފުންޏެކެވެ. އެ ކުންފުނީގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީން މިހާރު ވެސް އަންނަނީ ހުޅުމާލެ 2 ގައި 2،000 ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ ވެސް އެފްޑީސީގެ ޕްރޮޖެކްޓެކެވެ.
ހުޅުމާލޭގައި އިތުރު 4،000 ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރެވެ. ކޭޕީއައިއެލް އިން ސޮއިކުރެއްވީ، އެ ކުންފުނީގެ ފަރާތުން ރާއްޖޭގައި ހުންނަވާ ކަންޓްރީ ހެޑް ސަރުވަޖީތު ސިންގެވެ.
އެފްޑީސީން ބުނި ގޮތުގައި، މި 4،000 ފްލެޓްގެ މަޝްރޫއު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާނީ 2،000 ފްލެޓެވެ. އެއީ؛
• 3 ކޮޓަރީގެ 1400 ޔުނިޓް
• 2 ކޮޓަރީގެ 600 ޔުނިޓް
އެ ކުންފުނިން ބުނީ 165 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ)ގެ މި މަޝްރޫއުގެ މަސައްކަތް ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށެވެ.
އެފްޑީސީން މިހާރު ވެސް އަންނަނީ ހުޅުމާލެ 2 ގައި 18 ބުރީގެ 32 ޓަވަރު އަޅަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމެންޓެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އަށް ޓަވަރުގެ މަސައްކަތް ނިންމާލުމެވެ. އަދި މި މަހު އެ ތަންތަން ލިބޭ މީހުންގެ ލިސްޓު ނެރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.