ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަނިންމޭޓު އަދި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ގާސިމަށް ސަރުކާރެއް ހިންގަން ލިބިއްްޖެނަމަ އެހީތެރިވުމުގެ ކަންކަން މާ ފުރިހަމަށް ކޮށްދެއްވާނެ ކަމަށް..-- ފޮޓޯ: މިހާރު
06 އޯގަސްޓް 2023 - 18:04
ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދޭނެ ކެންޑިޑޭޓަކަށް ހުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް އެމަނިކުފާނުގެ ރަނިންމޭޓު އަދި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމްގެ ރަނިންމޭޓަކަށް އަމީން ހަމަޖެއްސުމަށްފަހު މިއަދު ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުން ބޭނުންވާ ފެންވަރަށް، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދޭނެ އެހެން އެއްވެސް ލީޑަރެއް ރާއްޖެއަކު ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ގައުމުގެ މުސްތަގުބަލް އުޖާލާކޮށް، ގައުމަަށް ހަމަޖެހުން ގެންނަން ބޭނުންނަމަ މިފަހަރު ހޮވަންވީ ގާސިމް ކަމަށެވެ.
"ރައްޔިތުންނަށް އުންމީދެއް ގެނެސްދޭނަމަ އެ އުންމީދެއް ގެނެސްދޭނެ މީހަކީ އަޅުގަނޑުމެންގެ ކެންޑިޑޭޓޭ. އެ ކެންޑިޑޭޓަކީ އަޅުގަނޑުމެންގެ ކެންޑިޑޭޓް، ގާސިމް އިބްރާޙިމް،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ރާއްޖެ މިހާރު މި އޮތް ހިސާބުން އެހެން ހިސާބަކަށް ގެންގޮސް ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރަން ބޭނުންނަމަ ކުރަން ޖެހޭ ކަމަކީ ގާސިމަށް ވޯޓު ދީގެން ރައީސްކަމަށް ހޮވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަކިވަކި ފަރުދުންނަށް ދިމާވާ ދަތި ހާލުތަކުގައި އެހީތެރިވާ ދެވަނަ އިންސާނަކު، އެފަދަ އެހީތެރިކަމެއް ދެއްވަވާ، އަމިއްލަ ޖީބުން ހަރަދު ކުރައްވައިގެން އެ ކަންކަން ހައްލު ކޮށްދެއްވާ ދެވަނަ ބޭފުޅަކު އަޅުގަނޑަށް ފެންނާކަށް ނެތް. އެއިން އަންގައިދެނީ ރައްޔިތުންނަށް އެފަދަ ހާލަތެއް ދިމާވެއްޖެނަމަ އެންމެ ކައިރީގައި، އެ މީހެއްގެ ހިތަށް، އެ މީހެއްގެ ސިކުނޑިއަށް މި ވަންނަނީ ގާސިމް އިބްރާހިމް،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާސިމަށް ސަރުކާރެއް ހިންގަން ލިބިއްްޖެނަމަ އެހީތެރިވުމުގެ ކަންކަން މާ ފުރިހަމަށް ކޮށްދެއްވާނެ ކަމަށެވެ.
"ގާސިމަށް ސަރުކާރެއް ހިންގަން ލިބިއްޖެނަމަ އެ ކަންކަން މާ ފުރިހަމައަށް، މާ ރަނގަޅަށް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އޮތީމަ އަޅުގަނޑު ގާސިމްގެ ފަހަތުގައި މަސައްކަތް ކުރައްވަން މި މަގާމުގައި މި ފުރުސަތުގެ ބޭނުން މި ހިފީ،" އަމީން ވިދާޅުވި އެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖޭޕީގެ އިތުރުން ވާދަ ކުރައްވަން ނިންމަވާފައި ވާކަން އިއުލާން ކުރައްވާފައި ވަނީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ އިތުރުން އެމްއެންޕީގެ ފަރާތުން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.
ޕީޕީއެމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ނެރެން ނިންމާފައިވާ ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ހުކުމް ކުރީ ޔާމީންގެ މައްޗަށް އޮތް ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނުގެ ރިޔާސީ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމީ ރަނގަޅަށް ކަމަށެވެ. ޔާމީން ވަނީ އެމަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެއްވޭތީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ޕީޕީއެމް/ޕީއެންސީ އަށް އަންގަވައިފަ އެވެ.
ނަމަވެސް އެ ދެ ޕާޓީގެ ޖޮއިންޓު ސެނެޓުން ނިންމާފައި ވަނީ އިންތިހާބު ބޮއިކޮޓް ނުކުރުމަށެވެ. ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި އެކުގައި މަސައްކަތް ކުރާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ވަނީ އެ ޕާޓީގެ ޓިކެޓު ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަމަ
07 August 2023
ބަލަގަ ބަލަގަ ތިދައްކާ ވާހަކަ ޤާސިމް ކަމަކުނުދޭ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށް ގެންނާކަށް އަމީނޫ މީ 21 ވަނަ ޤަރުނު މިޤައުމުގެ ގިނަރައްޔިތުންނަށް ޤާސިމްއެއީ ކާކުކަންއެގޭ! ތަޢުލީމީ މިޖީލުގެ އެއްވެސް މީހަކު ޤާސިމް ކަހަލަ މީހަކު ވެރިކަމަށް ގެންނަން ތާއީދު ނުކުރާނެ!
އާދޭސް
07 August 2023
އަބަދުވެސް ތިގެންގުޅެނީ ކަލަގޮވުމާއި އާދޭސް ދަންނަވާ އުސޫލު. ކޮށްދެވޭނެ މާބޮޑުކަމެއް ނެތް. ފުއްދާނެކަމަށް ބުނާ ވައުދުތަކުގެ އަޑުއިވޭ ކޮންމެ މީހަކު ބާރަށް ހެނީ. އެގޮތުން 100 މިލިޔަނަރުން އުފައްދާނަމޭ ބުނިއިރު ތަނަވަސްކަމަކީ ވަކިފަރާތަކުން ދެއްވާ އެއްޗެއް ކަމެއް ނޭނގުނު. ހުރިހާ ފުލެޓެއްގެ ކުލި މާފުކުރުމަކީ ދައުލަތް ބަނގުރޫޓުވާފަދަ ކަމެއް. އެއީ ހުރިހާ ރައްޔިތުންނަށް ދައުލަތުން ދިރިއުޅޭނެ ތަނެއް ހަމަޖެއްސުން ކަހަލަ ކަމެއް.
ސަހަރޯތް
07 August 2023
އަދިވެސް ހަނދާން އެބަ ހުރި، މަޖިލިސް އިންތިހާބަށް އެހާ ވަރަށް ޚަރަދުކޮށްފަ، އެކު އުޅޭ ގިނަ ބަޔަކު ނުހޮވުނީމަ، އެކަމާ ގާސިމް ރުޅިއައިސް ދެރަވި ވަރު. މި ފަހަރު ބަލިވެއްޖިއްޔާ ވިސްނޭނެބާ! ހަމަ އަޖައިބުވެ އަންތަރީސްވޭ ކައިރީގައި ތިއުޅޭ އާންމުންގެ މެދުގައި މާ ބޮޑު މަޤްބޫލުކަމެއްނެތް ބަޔަކު ގޮވައިގެން އެމީހުންގެ ވާހަކަ އަޑު އަހާތީ. ގާސިމަށް ހަމަ ނުވިސްނޭ.
ޔަމީނު
07 August 2023
އެތައްބަޔަކަށް ދަރާފައި އެ އޮންނަނީ ހެޔޮއެދޭވަރުންތޯ؟
އަފްރާސިޔާބު
06 August 2023
އެހެންވީމާ ކަމަކު ނުދާކަން ތިއެގުނީ. އަހަރެންހީކުރީ ގާނޫނު ނަގަހައްޓާނެ ކަމަށް. އެކަމަކު ތިބުނީ ރައްޔިތުން ބޭނުންވާ ގޮތަކަށް ވެރިކަން ކޮށްދޭނެ ކަމަށް. ރައްޔިތުން ބޭނުންވަނީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކަންތައް ރަނުންރަނަށް ހިންގުން ކަން ކޮންމެ މީހަކުވެސް ދެނެހުންނާނެ. ވެރިކަން ލިބުމާއެކު އެކަމެއް ހަނދާނެއް ނުހުންނާނެ. ބުނާނީ އެކަން ކޮށްފިއްޔާ ބައިނަލް އަގްވާމީ ޕްރެޝަރ ބޮޑުވާނޭ. އެހިސާބުން ރައްޔިތުންގެ އެދުން ނިމި އަމިއްލަ އެދުންފެށުނީ
އަލީހަމީދު
06 August 2023
އަމީން، ތީ ދެން އެކަމު ބޮޑުވަރު. ތިކަހަލަ ވާހަކަދެއްކީމަ ތިމާގެ އަގުވެއްޓޭނީ. ދިވެހިން ބޭނުންވާ ގޮތަށް ކަންކަން ކޮށްދޭނެ ހަމައެކަނި ކެންޑިޑޭޓަކީ ގާސިމޭ ބުނީމަ ތީ އެހެން ކެންޑިޑޭޓުންނަށް ބުނެވޭ ބަދުބަހެއް ނޫންތޯ.
އަނީލު
06 August 2023
ގައިމުވެސް އޭނަ އެއް ރައްޔިތަކަށް ހެޔޮ އެދޭކަން ކަށަވަރު.. ރަނިންމޭޓްކަން ދީފި އެމީހަކަށް
އައްޔަ
06 August 2023
ތީއަމީނައް ހީވާގޮތް އަދިފެންނަގޮތް އަހުރެމެނައް ގާސިމްގެފަރާތުން ތިބުނާކަހަލަ އެއްވެސް ކަމެއްނުފެނެ އަހުރެމެނައް ފެންނަނީ ވެރިކަމަ ހެދިބޫތުކައިފަހުރިމީހެއްގެ ގޮތުގަ,
ހޯރަބޭ
06 August 2023
އަމީން އަކީ ރަށްއިތުންގެ މެދުގަ މަގުބޫލު ބޭފުޅެއް ނޫން. ގިނަ މީހުންނަކަށް އަމީން މި ކާކުކަން ވެސް ނޭގޭނެ
އާރުކޭ
06 August 2023
އަޅުގަނޑު ގާސިމްގެ ފަހަތުގައި މަސައްކަތް ކުރައްވަން މި މަގާމުގައި މި ފުރުސަތުގެ ބޭނުން މި ހިފީ،" އަމީން ވިދާޅުވި އެވެ." އަހަރެން ހީކުރީ އަމީނަކީ ދިވެހިބަހުން ރަނގަޅަށް ވާހަކަ ދައްކަން އެނގޭ މީހެއްކަމަށް