ސޯޝަލް މީޑިއާގެ ބާރުގަދަވެ، ފޯނަށް ބަރޯސާވެ، ހުރިހާ ސިއްރެއް މިހާރު ފޮރުވަނީ ފޯނުގަ އެވެ. ރައްޓެހިންނާއި އާއިލާއާ މެދު ދެކެވޭ ވާހަކަތަކުން ފެށިގެން އޮފީހުގެ ކަންކަމާއި ޕާސަނަލް ސޭފްޓީއަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ވެސް ހުންނާނެ އެވެ.

ފޯނަކީ އަހަރުމެންގެ އެންމެ ޕާސަނަލް އެއްޗެވެ. އެކަމަކު މި ވެސް ބައެއް ފަހަރު ރައްޓެހިވެގެން ނުވަތަ އިނދެގެން އުޅޭ މީހާއާ ޝެއާކުރަން ޖެހެ އެވެ. ބައެއް މީހުންނަށް މިކަން މާބޮޑަށް ނޯމަލައިޒްކުރެވިފައި ވެސް އޮވެ އެވެ. އެކަމަކު ފޯނުގެ ޕާސްވޯޑު އަހައި، ގަދަކަމުން ވެސް ޕާސްވޯޑު ހޯދުމަކީ އެ މީހެއްގެ ކައިރިން ދުވެ ފިލަންޖެހޭވަރުގެ ކަމަކަށް ވެސް ވެދާނެ އެވެ.

ބައެއް މީހުންގެ ބައިވެރިން ފޯނުގެ ޕާސްވޯޑުގެ އިތުރުން ސޯޝަލް މީޑިއާ އެކައުންޓުތަކުގެ ޕާސްވޯޑުތައް ވެސް ހޯދާ ކަމަށްވެ އެވެ. އޭގެ މީހުން ޗެޓްލޮގުތައް ބަލައި، ބޭނުން މީހަކު ރިމޫވްކޮށް ބޭނުން ގޮތަކަށް މި އެކައުންޓުތައް ކޮންޓްރޯލްކުރެ އެވެ. މި ފަދަ ކަންތައްތަކަކީ ބޮޑު ރެޑް ފްލެގެކެވެ. މި ކަހަލަ ކަންތައްތައް ކުރާ މީހުންނަކީ ކޮންޓްރޯލިން އަދި ގިނަ ފަހަރު އިމޯޝަނަލީ އެކި ގޮތްގޮތުން އެބިއުޒް ކުރާ މީހުންނެވެ.

ހެލްތީ ރިލޭޝަންޝިޕަކަށް އިތުބާރު ބޭނުންވެ އެވެ. އަދި ބައުންޑްރީޒް އަށް ރެސްޕެކްޓުކޮށް ކޮންމެ މީހެއް ވެސް އަމިއްލަ ތަކެތި އަމިއްލައަށް ގެންގުޅުމުގެ މިނިވަންކަން ދޭންޖެހެ އެވެ.

ބައުންޑްރީޒްއަށް އަރައިގަނެ، އަމިއްލަ މިނިވަންކަން ގެއްލި، ރައްޓެއްސަކާ ދެމެދު ދައްކާ ޒާތީ ވާހަކަތަކަށް ބައިވެރިޔާ ވައްދައިފި ނަމަ އެ ގެއްލެނީ ވަރަށް ބޮޑު ހައްގުތަކެކެވެ. މި ކަހަލަ ކަންތައްތައް ޓޮލެރޭޓު ކޮށްގެން ތި ބޭނުންވާ "ހެޕިލީ އެވާ އާފްޓާ" އެއް ނުހޯދޭނެ އެވެ. އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ކަންތައްތަކާއި ތަކެތީގެ ކޮންޓްރޯލު އެހެން މީހެއްގެ އަތަށް ދޭން ހެޔޮނުވާނެ އެވެ.

އަމިއްލަ މީހާ ޕާޓްނަރަށް ޕާސްވޯޑު ދޭން ބޭނުން ނަމަ އެއްވެސް ޕްރެޝަރެއް ނެތި އަމިއްލަ އިހުތިޔާރުގައި ޕާސްވޯޑު ދިނުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު އެ ދޭ އިރު ވެސް އެއީ އޭގެ އެޑްވާންޓޭޖް ނުނަގާނެ މީހެއްކަން އަމިއްލަ އަށް ޔަގީންކުރުން މުހިންމެވެ.

ކިތަންމެ ލޯބި ވިޔަސް، ނުރަނގަޅު ޓޮކްސިކް ބިހޭވިއާ ދެނެގަނެ، އެކަމަކު ދުރުވުމަކީ މީހާގެ މެންޓަލް ހެލްތާއި މުސްތަގުބަލަށް ކުރެވޭނެ އެންމެ ރަނގަޅު ކަންތަކެވެ.

ލޯބި ވެސް ވާން ވާނެ އެވެ. އެކަމަކު ޕާސްވޯޑު ދޭން މަޖުބޫރުވާ މިންވަރަކަށް ނޫނެވެ.