މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލޭގެ މީހުންނަށް މި ސަރުކާރުން ދޭން ނިންމާފައިވާ ގޯއްޗާއި ފްލެޓްތައް އޭނާގެ ވެރިކަމެއްގައި އަތުނުލާނެ ކަމަށާއި މުޅި ޕްލޭން ރާވާފައިވަނީ ހުރިހާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ، ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ އެކީގައި ހައްލުކުރުން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މުއިއްޒުގެ ރިޔާސީ ކެމްޕޭނު ރަސްމީކޮށް ލޯންޗުކޮށް، އަލިމަސް ކާނިވަލުގައި ޕީޕީއެމް/ޕީއެންސީގެ ކެމްޕޭން ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ރާއްޖެ އަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކުގެ އަސްލަކީ ބޯހިޔާވަހިކަން ނެތުން ކަމަށެވެ.
އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ނަމަވެސް، މި ސަރުކާރު އައުމާ އެކު އެ މަސައްކަތް ހުއްޓުނު ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ދޭނެ މީހުންގެ ލިސްޓެއް އާންމުކޮށްފައިވީ ނަމަވެސް، އެ ފްލެޓުތައް އިމާރާތް ކުރާނެ ބިމާއި ޕްލޭނެއް ނެތް އިރު، ދޭނެ ކަމަށް ބުނާ ގޯތިތަކުގެ ބިން ވެސް އަދި ހިއްކާފައިނުވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެކަމަކު މާލޭގައި އޮތް އެންމެ ބޮޑު މައްސަލައަށް ރައްޔިތުންނަށް އެ އޮތީ އުއްމީދެއް ދީފައި. އަޅުގަނޑު ގަބޫލުކުރާ ހަމައަކީ ސަރުކާރަކުން ދީފި އެއްޗެއް އަތުލައިގެން ނުވާނެއޭ. އަޅުގަނޑުމެންގެ ކުރާނެ ކަމަކީ އެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދެވޭނެ މަގު ފަހިކޮށްދިނުން،" ކުރީގެ ރައީސް މުހައްމަދު ވަހީދާއި ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަން ކުރާނެ ގޮތުގެ ޕްލޭންތައް ވަނީ ނިންމައިފަ އެވެ. ފައިސާ ހޯދާނެ ގޮތާއި ފްލެޓާއި ގޯތި ކަނޑާނެ ސައިޒު ވެސް ހުރީ ކަނޑައަޅާފައި ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ބޯހިޔާވަހިކަމުގެ ޕްލޭނު ޗާޓުތަކާއި ކުރެހުންތަކާ އެކު ވަކި ބައްދަލުވުމެއް ބާއްވައި، ހާމަކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ޔާމީންގެ އަރިހުގައި އުޅުއްވައިގެން، ކަން ކުރަންޖެހޭ ގޮތް ދަސްވި ކަމަށާއި ވެވަޑައިގަންނަވާ ވައުދެއް ވާނީ ކަން ކުރެވޭނެ ގޮތަށް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަމުގެ މި މައްސަލަ އަޅުގަނޑުމެން ތާއަބަދަށް ހައްލު ކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި އިދިކޮޅުން ގެންގުޅޭ ބޯހިޔާވަހިކަމުގެ ޕްލޭންގެ ކޮންމެވެސް ވަރެއް މުއިއްޒު ވަނީ ހިއްސާކޮށް ދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅު ހިއްކައިގެން ބޯހިޔާވަހިކަމުގެ މުޅި މައްސަލަ ހައްލުކުރުމުގެ ޕްލޭނެއް ޔާމީންގެ ވެރިކަމުގައި އިއުލާން ކުރި އެވެ.
އޭރު ގެންގުޅުނު ޕްލޭންގެ ދަށުން، މުއިއްޒު ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކައިގެން 1،600 އަކަފޫޓުގެ 11،000 ގޯއްޗާއި 1،400 އަކަފޫޓުގެ 20،000 ފްލެޓު އިމާރާތް ކުރެވޭނެ ކަމަށެވެ. އަދި ގުޅިފަޅުގައި 5،000 ގޯއްޗާއި 15،000 ފްލެޓު އެޅޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ރައްޔިތުން އިތުބާރުކޮށް މި މަސައްކަތް ހަވާލުކޮށްފިއްޔާ ހަގީގީ މާނާގައި ނަތީޖާ ނެރެދޭނަމޭ. ރައްޔިތުންނަށް މި މައްސަލަ ހައްލުކޮށްދޭނީ ރައްޔިތުން ދެން އިތުރަށް އެއްޗެއް ދަންނަވަން ނުޖެހޭ ގޮތަށް،" މުއިއްޒު ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ވެސް މުއިއްޒު ވަނީ އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ޔާމީން މިނިވަންކުރުމުގެ މަސައްކަތް އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އިންތިހާބު ބޮއިކޮޓު ކުރަން އެދިވަޑައިގެންނެވުމަށްފަހު، ފަހު ވަގުތު ނިންމުން ބަދަލުކުރައްވައި ޔާމީން މިހާރު ވަނީ މުއިއްޒަށް ފުރިހަމައަށް ތާއީދުކުރައްވައިފަ އެވެ.
މި ފަހަރުގެ އިންތިޚާބުގައި މުއިއްޒުގެ ކެމްޕޭނު މިއަދު ރަސްމީކޮށް ފެށީ ހުޅުމާލޭގައި ދޮރުންދޮރަށް ހިނގުމުގެ ހަރާކަތަކުންނެވެ. އަދި ހޮނިހިރު ދުވަހު، އަތޮޅުތެރެއަށް ކެމްޕޭނު ދަތުރުތައް، ރަނިންމޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އާ އެކީ ފައްޓަވާނެ ކަމަށް ޕާޓީން ވަނީ ބުނެފަ އެވެ.