ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ ވެރިކަން ކުރާ، އެމްޑީޕީއަށް ސޮއިކުރަން ނިންމައިފި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމެވެ. އަދި، އެމަނިކުފާނުގެ ވެރިކަމެއްގައި "އުފާވެރި އަމާން ރާއްޖެ"އަކަށް ވާސިލްވެވޭނެ ކަމަށް ހަމަދު ކުރެއްވި ޓްވީޓެއްގައިވެ އެވެ.
ހަމަދު މިހާތަނަށް އެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.
ހަމަދަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ގާތް ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަ އެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމް ވެސް ދާދިފަހުން ވަނީ އެ ޕާޓީން ވަކިވެ ވަޑަައިގެންފަ އެވެ. އަދި އެހެން ބައެއް ސިޔާސީ މަގާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވެސް އެ ޕާޓީން ވަކިވެ، އެމްޑީޕީއާ ވަނީ ގުޅިފަ އެވެ.