މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، އެމްޑީޕީން ވެސް މިއަދު ވަކިވެވަޑައިގެންފި އެވެ.
އެމްޑީޕީން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ އެކްޓިވިސްޓެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އަދި ހެލްތު މިނިސްޓްރީގެ ހެޑް އޮފް މީޑިއާ ކޮމިއުނިކޭޝަންސްގެ މަގާމުގައި ހުންނެވި އައިމިނަތު ސަފުތާ އާއި ހއ. ދިއްދޫ ކައުންސިލްގެ ކުރީގެ ރައީސް އަދި މި ސަރުކާރުގައި ތައިލެންޑްގެ އެމްބަސީގެ އިސް މަގާމެއްގައި ހުންނެވި އަލީ ހާޝިމާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޢަނީ ހިމެނިވަޑައިގަންނަވަ އެވެ.
ސަތުފާ އާއި ހަމަދު އަދި ހާޝިމް ވަނީ އެމްޑީޕީގެ ދަފުތަރުން އެ ބޭފުޅުންގެ ނަން އުނިކޮށްދެއްވުމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ސިޓީއަކުން ދަންނަވައިފަ އެވެ.
އެމްޑީޕީން ވަކިވެވަޑައިގެންނެވި ސަބަބާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަތުފާ ވިދާޅުވީ ބޭނުމަކީ އެހެން ޕާޓީއަކާ ގުޅިވަޑައިގަތުމަށް ނޫން ކަމަށާއި ދެން ހުންނަވާނީ ވަކި ފަރާތަކަށް ޖެހިވަޑައިނުގެން މަސައްކަތް ކުރެއްވުމަށް ކަމަށެވެ. އަދި މިދިޔަ ދުވަސްތަކުގައި އެމްޑީޕީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
ހަމަދުގެ ގިނަ ތުހުމަތުތަކެއް
ހަމަދު ހުށަހެޅުއްވި ސިޓީގައި ވިދާޅުވީ އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ ދަތުރުފަތުރުގެ ދާއިރާ އިން ސަރުކާރުން ހާސިލުކުރަން ބޭނުންވި ނަތީޖާ އާއި ހިދުމަތް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ. މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާސިލު ކުރައްވަން ބޭނުންފުޅުވި ކަންކަން އާމުންނާ ހަމަ އަށް ތިލަކޮށްދިނުމުގެ ޒިންމާ ވަރަށް ފުރިހަމަ އަށް އަދާކުރެއްވުނު ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ޓްރާންސްޕޯޓް މިނިސްޓްރީގައި ކޮރަޕްޝަންގެ ގިނަ އަމަލުތައް ހިންގާއިރު، ކޮރަޕްޝަނާއި ފަސާދައިގެ ބޮޑެތި އެ މައްސަލަތައް ކަމާ ބެހޭ މުއައްސަސާތަކަށް ހެއްކާއި ގަރީނާއާ އެކު ހުށަހެޅި ނަމަވެސް އެކަންތައް ހުއްޓުވުމަށް މި ސަރުކާރުން މިއަދާ ހަމަ އަށް އައިއިރު ވެސް އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަމަށް ހަމަދު ތުހުމަތު ކުރެއްވި އެވެ.
އެ މައްސަލަތައް ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅަން ފެށުމުން މި ސަރުކާރުން އޭނާ އަށް ހަރުކަށި ފިޔަވަޅު އަޅާފައިވާ ކަމަށާއި ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިކޮށް، ރަސްމީ ކަންކަމުގައި މުއާމަލާތް ކުރުމަށް ދެއްވާފައިވާ އީމެއިލް އެޑްރެސް ޑީއެކްޓިވޭޓް ކުރި ކަމަށް ހަމަދު ވަނީ ވިދާޅުވެފަ އެވެ. އެހެންވެ، މަގާމުން އިސްތިއުފާ ދެއްވައި ޕާޓީން ވެސް ވަކިވާން އޭނާ ނިންމެވީ ކަމަށް ހަމަދު ވިދާޅުވި އެވެ.
ހަމަދު އެމްޑީޕީއާ ގުޅިވަޑައިގަތީ ވެސް މިދިޔަ އޮގަސްޓް މަހު އެވެ.
ޕާޓީގެ އުސޫލުތަކާ ސިޔާސަތުތަކާ ހިލާފުވެއްޖެ: ހާޝިމް
ހާޝިމް ޕާޓީން ވަކިވުމަށް ހުށަހެޅުއްވި ސިޓީގައި ވިދާޅުވީ 2006 ވަނަ އޭނާ އެ ޕާޓީގެ މެމްބަރަކަށް ވުމަށް ސޮއިކުރެއްވީ ޕާޓީގެ އުސޫލުތަކާއި ސިޔާސަތުތަކަށް ތާއިދުކުރައްވާތީ ކަމަށެވެ. ނަމަވެސް، މިއަދު އެ ޕާޓީގެ ހިންގުމުގެ ކަންކަން ދަނީ އެ އުސޫލުތަކާއި ސިޔާސަތުތަކާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ މި ސަރުކާރު ވުޖޫދުކުރި އަސާސްތައް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ މައްސަލަ ތަހުގީގުކުރުމާއި މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމާއި އަދުލު އިންސާފައި ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ރާއްޖެ އަށް ފައިދާކުރަނިވި ކަންކަން ކުރުން ކަމުގައި ވީ ނަމަވެސް، އެއިން އެއްވެސް ކަމެއް ނުވެ، ސަރުކާރު ފެއިލްވި ކަމަށް ހާޝިމް ވިދާޅުވި އެވެ.
އެހެންވެ، އޭނާ އެތައް މަސައްކަތަކާ އެކު އަދި އުއްމީދަކާ އެކު މި ދިޔަ ދިގު މުއްދަތުގައި ހިދުމަތްކުރި ޕާޓީއާ އިތުރަށް ބައިވެރިވެގެން ހުންނެވުމަށް، އަމިއްލަ ޒަމީރު ގަބޫލުނުކުރާތީ ޕާޓީގެ ދަފުތަރުން އޭނާގެ ނަން އުނިކޮށްދޭން ހާޝީމްގެ ސިޓީގައި ވަނީ އެދިވަޑައިގެންފަ އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ލުއިކޮށްދީ، އެ ދެމީހުން މިނިވަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން އެމްޑީޕީގެ އެހެން ބައެއް އާންމު މެމްބަރުން ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ބޮޑެތި ކުށްތައް ކޮށްފައިވާ މީހުންގެ އަދަބު ލުއިކޮށްދިނުމާ ގުޅިގެން ވެސް ރައީސް އަށް ވަރަށް ބޮޑަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.