ވެރިކަމުގެ ދެ ވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާ ކެމްޕޭންގައި ބޮޑުތިލަދުންމަތީގެ 40 ރަށަށް އަރާވަޑައިގަތް އިރު ވާދަވެރި ޕީޕީއެމް/ޕީއެންސީން އެރީ އިސްކަންދޭ 17 ރަށަށް އެކަނި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ދެ ވަނަ ދައުރަކަށް ކުރައްވާ ކެމްޕޭންގައި ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އަބްދުﷲ ޝާހިދު ވިދާޅުވީ ކުދިރަށްތައް ބާކީކުރާނެ ކަމުގެ ހެކި ދަތުރުތަކުން ފެންނަ ކަމަށާއި ކެމްޕޭންގައި ވެސް ވާދަވެރިން ވަނީ ގިނަ ރަށްތަކެއް ބާކީކޮށްފައި ކަމަށެވެ.
އެކަމަކު ރައީސް ހުރިހާ ރަށަކަށް ވަޑައިގަތީ މި ދައުރުގައި އެމަނިކުފާނު ގެންގުޅުއްވި އެއްވެސް ރަށެއް ތަފާތުނުކޮށް އަސާސީ ހިދުމަތް ދެއްވުމުގެ ސިޔާސަތުގެ ދަށުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
ކުދިކުދި ރަށްތަކެއް ވީމާ ބާކީކޮށްލާފައި އެކަހެރިކޮށްލާފައި ކުދިކުދި ރަށްތަކެއް ވީމާ ކަމެއް ނުހިންގާފައި އެ ރަށްރަށަށް ނާރާފައި ރައްޔިތުންގެ ވޯޓަށް އައްސަވާނެ [ވާދަވެރިން] ކަމެއް ނެތް. -- ޝާހިދު
ކުޅުދުއްފުއްޓަށް އިއްޔެ ހަވީރ ވަޑައިގަތް އިރު ބަނދަރުމަތީގައި މަރުހާބާއަށް އަތުރާލާފައި އޮތް ސަފުން، އެއްބުން އިންތިހާބު ނިމެނޭ ކަމުގެ ސާފު ހެކި ފެންނާން އޮތް ކަމަށެވެ. މިއީ މިހާތަނަށް ވަޑައިގަތް ކޮންމެ ރަށަކުން ވެސް ފެންނާން އޮތް މަންޒަރު ކަމަށާއި މުޅި ބޮޑުތިލަދުންމަތި ރައީސްގެ ފަހަތަށް އަރާ ނިމިއްޖެ ކަމަށް ވިދާޅުވި އެވެ.
ފޯރީގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މި އިންތިހާބު ރައީސް ކާމިޔާބު ކުރައްވައިފި ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ [ބޮޑުތިލަދުންމަތީގެ] 40 ރަށަށް ޒިޔާރަތްކުރައްވައިފި. ރައީސުލްޖުމްހޫރިއްޔާއާ ވާދަކުރައްވާ ބޭފުޅުން މި 40 ރަށުގެ ތެރެއިން މިހާތަނަށް ޒިޔާރަތްކޮށްލެއްވުނީ އެންމެ 17 ރަށަށް،" ރައީސް ވަޑައިގަތް ރަށްތަކުގެ ލިސްޓު ވިދާޅުވަމުން ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ފިޔަވައި މި އިންތިހާބުގައި ވާދަކުރައްވަނީ ކޮން ބޭފުޅެއްތޯ ބޮޑުތިލަދުންމަތީގެ އެ ރަށްތަކުން ސުވާލު އުފައްދާ ކަމަށެވެ.
"ތިމަންނަމެން ކައިރިއަކަށް ނާދެއޭ މީހަކު. އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ކޮންމެ ރަށަކަށް އަރާވަޑައިގެން ރައްޔިތުންނާ ހަތަރު ކަޅި ހަމަކޮށް ވާހަކަ ދައްކަވާ ހާލުއަހުވާލު ބައްލަވާ ހައްދަވާފައި ނުކުމެވަޑައިގެން އެ ހުންނެވީ، އެއީ ސާފު ހެކި މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގެ،" އޭނާ ވިދާޅުވި އެވެ.
"ކުދިކުދި ރަށްތަކެއް ވީމާ ބާކީކޮށްލާފައި އެކަހެރިކޮށްލާފައި ކުދިކުދި ރަށްތަކެއް ވީމާ ކަމެއް ނުހިންގާފައި އެ ރަށްރަށަށް ނާރާފައި ރައްޔިތުންގެ ވޯޓަށް އައްސަވާނެ ކަމެއް ނެތް."
ޝާހިދު ވިދާޅުވި ގޮތުގައި މިއިން އެއްވެސް ޒަމާނަކު ބޮޑުތިލަދުންމަތީގައި ނުހިންގާހާ ގިނަ މަޝްރޫއުތައް މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އަންނަނީ ހިންގަމުންނެވެ. އެއީ އެ ސަރަަހައްދުގެ 40 ރަށާއި ކުޅުދުއްފުށި ސިޓީއަށް 51.3 ބިލިއަން ރުފިޔާގެ މަޝްރޫއު ކަމަށް ވިދާޅުވި އެވެ.
މި ވޭތުވެދިޔަ ހުރިހާ އަހަރުތަކެއް އެއްކޮށްލައި ބަންޑެލި ޖަހާލައި ދައްކާލިއަސް، ޝާހިދު ވިދާޅުވި ގޮތުގައި، އެއާ އެއްވަރު ނުކުރެވޭނެ އެވެ.
އޭނާ ވިދާޅުވީ ހދ. ހަނިމާދޫގެ އެއާޕޯޓް ބޮޑުކޮށް ރައީސް ހުޅުއްވައި ދެއްވަން މަސައްކަތް ކުރައްވަނީ ތަރައްގީގެ މައި ދޮރާށި ކަމަށެވެ. އަމާޒަކީ ބިޔަ އެއާޕޯޓުން 1.5 މިލިއަން ޓޫރިސްޓުން އައުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
"މިކަމުގައި އިދިކޮޅު ފަރާތްތަކުގެ ހިޔާލު ހުރީ އެ ދޮރު ވެސް ބަންދުކޮށްލަން ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއު ހުއްޓާލަން،" ޝާހިދު ވިދާޅުވި އެވެ.