މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދޭން ނިންމާފައިވާ އުތުރު ތިލަފަޅު ހިއްކާ ގޮތުގެ ޗާޓެއް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އާންމުކޮށްފި އެވެ.

މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ މީހުންނާއި ދަފްތަރުގައި ޖެހުނުތާ 20 އަހަރު ފުރިފައިވާ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދިނުމުގެ މަޝްރޫއުއަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

"ބިންވެރިޔާ" މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ސަރުކާރުން ކުރިޔަށް ގެންދާ އެ މަޝްރޫއުގެ ދަށުން ގޯތި އުތުރު ތިލަފަޅުން ގޯތި ދޭން ނިންމާފައިވާ އިރު ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގޯތި ދިނުމަށް 251 ހެކްޓަރުގެ ބިމެއް ހިއްކާނެ ކަމަށެވެ. ޗާޓުން އެނގޭ ގޮތުގައި ގޯތި ދޭނީ ސިފައިންނަަށް ކަނޑައަޅާފައިވާ ބައިގެ ފަހަތުން ބިން ހިއްކައިގެންނެވެ.

އެ ބިމުގެ ބޮޑު މިނަކީ 5.5 މިލިއަން އަކަފޫޓު ކަމަށް އޭނާ ވިދާޅުވި އެވެ.

އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑަށް ހާއްސަ ބަނދަރެއް ހަދަން ސަރުކާރުން ނިންމާފައިވާ ތަނެކެވެ. އަދި އެތަނުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާގެ ކުންފުންޏަކަށް ވަނީ ހަވާލުކޮށްފަ އެވެ.

ނަމަވެސް ސަރުކާރުން މިހާރު ނިންމާފައިވާ ގޮތުން އެތަނުން 5،000 އަށް ވުރެ ގޯތި ދޭނެ އެވެ.

ގޯއްޗަށް އެދުމުގެ ޝަރުތުތަކަކީ ދިވެހި ރައްޔިތެއް ކަމުގައި ވުމާއި އުމުރުން 18 އަހަރުވުމުގެ އިތުރުން ބިންވެރިޔާ ސްކީމުން މީގެ ކުރިން ގޯއްޗެއް ލިބިފައި ނުވުމެވެ.

އުސޫލްގައިވާ ގޮތުން، ވަކިން ކުރިމަތިލާ ނަމަ ލިބޭނީ 1250 އަކަފޫޓެވެ. އެކަަމަކު ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ކުރިމަތިލާ ނަމަ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރުކުރެވޭނެ އެވެ. ޖޮއިންޓް އެޕްލިކޭޝަންގައި ހަތް މީހުންނަށް ވުރެން ގިނައިން ތިބި ނަމަ 4،000 އަކަފޫޓް ލިބޭނެ އެވެ.

ފްލެޓަށް ކުރިމަތިލާ މީހާގެ ޝަރުތުތަކުގެ ތެރޭގައި އަމިއްލަ ފަރާތަކުން ވިއްކާފައިވާ ފްލެޓެއް ގަނެފައި ނުވުމާއި މަހަކަށް ޖެހޭ އާމްދަނީ 60،000 ރުފިޔާ އަށް ވުރެން އިތުރު ނުވުން ވެސް ހިމެނެ އެވެ.