ފްލެޓް ކޮމިޓީގެ ޕްރެސް ކޮންފަރެންސެއްގައި އަކްރަމާއި އާރިފް ވާހަކަ ދައްކަވަނީ: ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓް ދޫކުރި ކަމުގެ ތުހުމަތުގައި މި ދެ ބޭފުޅުންގެ އިތުރުން ދެ މީހަކަށް ވަނީ ދައުވާކުރަން ކޯޓަށް ހުށަހަޅާފައި.
18 ސެޕްޓެމްބަރ 2025 - 12:16
ކުރީގެ ސަރުކާރުގައި ހުޅުވާލި ގެދޮރުވެރިޔާ ސްކީމުން ޝަރުތު ހަމަނުވާ ބަޔަކަށް އުސޫލުން ބޭރުން ޕޮއިންޓްދީ، ފްލެޓް ދިން މައްސަލާގައި ހައުސިން މިނިސްްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ފްލެޓް ކޮމިޓީގެ މެމްބަރުންތަކަކަށް ދައުވާކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅޭ ތަހުގީގެއް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ކުރަމުންދާއިރު އެ ތަހުގީގަށް އަކްރަމާއި އޭރުގެ ބައެއް އެހެން އިސް ވެރިންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.
ޕީޖީ އޮފީހުން ބުނީ ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދުނީ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ބައެއް މީހުންނަށް އުސޫލާ ހިލާފަށް ފޮއިންޓު ދީ ޝަރުތު ފުރިހަމަނުވާ ބަޔަކު ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާ މައްސަލައިގަ އެވެ.
އެ މީހުންގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
"މި މައްސަލައަކީ ދައުލަތުގެ މާލިއްޔަތާއި އާންމު ފަރުދުންގެ މަސްލަހަތާ ގުޅުންހުރި ތަހުގީގުތައް އަވަސްކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރުގެ ދަށުން ތަހުގީގު އަވަހަށް ކުރިއަށް ގެންގޮސްފައިވާ މައްސަލަ އެކެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ވެ އެވެ.
1. އަކްރަމް ކަމާލުއްދީން (ފްލެޓް ކޮމިޓީގެ ޗެއާ، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު)
2. މުހައްމަދު އާރިފް (ފްލެޓް ކޮމިޓީގެ މެމްބަރު، ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު)
3. އަހްމަދު ވިޝާން ނަސީމް، ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރު
4. ޟިރުއާމް ވަހީދު، ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރު
ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓް ދޫކުރި މައްސަލާގައި ދައުވާކުރަން ފޮނުވިއިރު، 76 ޕޮއިންޓުގެ ގުރުއަތު ނުނަގައި 75 ޕޮއިންޓަށް 300 ފްލެޓް ދިން މައްސަލައެއް ވެސް ހައުސިން މިނިސްޓްރީން ވަނީ ތަހުގީގުކޮށްދޭން އޭސީސީއަށް ހުށަހަޅައިފަ އެވެ. ފްލެޓްތަކުގެ ސޮއި ކުރުމުގެ މަރުހަލާގެ ތެރެއިން ފެންމަތިވި އެ މައްސަލާގައި އެދިފައި ވަނީ، ފްލެޓް ދިނުމުގެ އުސޫލާ ޚިލާފަށް، ވަކި ބަޔަކަށް މަންފާވާ ގޮތަށް ފްލެޓް އެލޮކޭޓްކޮށްފައިވާ މައްސަލަ ތަހުގީގުކޮށްދިނުމަށެވެ.
މިނިސްޓްރީން ބުނީ 76 ޕޮއިންޓަށް ވުރެން މަތިން ލިބުނު 301 މީހެއްގެ ގުރުއަތު ނުނަގައި އެއަށް ވުރެ ދަށުން 75 ޕޮއިންޓް ލިބުނު 315 މީހަކަށް ފްލެޓް ހަމަޖައްސައިދީފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުން 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ކުރީގެ ސަރުކާރުގައި އާއްމުކުރުމާ އެކު ބޮޑެތި މައްސަލަތަކެއް ފެންމަތިވި އެވެ. އެތައް ބަޔަކު އޭސީސީއަށް ޝަކުވާ ހުށަހެޅި އެވެ.
އެ މައްސަލަތައް ބެލުމަށް ފަހު އޭސީސީން ބުނީ ލިސްޓުގައި ހިމެނޭ 60 ޕަސެންޓް މީހުންނަށް ފްލެޓް ދިނުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ.
މި މައްސަަލަތައް ބަލަން މި ސަރުކާރުން ކޮމިޓީއެއް އެކުލަވާލައިގެން މަސައްކަތްތަކެއް ކުރުމަށް ފަހު، އެންމެ ފަހުން ނިންމީ ކުރީގެ ސަރުކާރުގެ ލިސްޓަށް ފްލެޓް ދިނުމަށެވެ. އެއީ ކުރީގެ ލިސްޓެއް އޮއްވައި އާ ލިސްޓެއް ހެދުމާ ދެކޮޅަށް ކަންބޮޑުވުންފާޅުކުރަމުން ދިއުމާ ގުޅިގެންނެވެ. އެ ލިސްޓުގައި ތިބި މީހުންނާ އެކު އެފްޑީސީން އެއްބަސްވުންތަކުގައި ސޮއިކޮށް މިހާރު އަންނަނީ ފްލެޓް ހަވާލުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖިބްރީލް އަމީން
18 September 2025
މާ ލަސްވެސް ވެއްޖެ. ދަޢުވާ ކޮށްފަ އަވަހަށް ހުކުމް ކުރޭ
މިކަންކަން
18 September 2025
ދައުވާ ކުރެވެން ޖެހޭނެ ފުލެޓް ގޯސްކޮށް ދީފަ އޮތިއްޔާ އިންސާފުވެރިކަމާ އެއްކޮއް ބަލައި ތިކަން ކުރަން ވާނެ މިކަންކަން ހައްލުވާނީ މިހެން
އަމަލު2
18 September 2025
ކޮބާ ހިޔާފުލެޓްތަކުގެ ބާކީ ހުރި ފުލެޓްތައް؟ އެވެސް ބަހާލީ ބޭނުން ބަޔަކަށް ދުވަހަކުވެސް ފުލެޓަށް ކުރިމަތި ނުލާ ބަޔަކަށް .މިކަން ބަލާކަށް ނުޖެހޭތޯ؟ އަހަރަމެން މިތިބީ ޝަރުތު ހަމަވެ ވެއިޓިން ލިސްޓުގަ ބާކީހުރި 150 ފުލެޓް ތަރުތީބުން ލިބޭނެ ވާހަކަ ބުނީމަ ހެވިފަ.
ޏަނާ
18 September 2025
ކޮބައިތޯ ބޭނުމަކީ؟ މިހާރުވެސް ފްލެޓް ދީފަ ބައެއް މީހުންނަށް ހުރިީ ނުހައްގުން. މާލޭގައި އުޅޭތާ 3 އަހަރު ނުވާ މީހުންނަށް. ހިޔާ ފްލެޓް އަދި އެހެން ފްލެޓް ލިބިފަ ތިބި މީހުންނަށް. މާލޭގައި ނޫޅޭ މީހުންނަށް. ރަނގަޅު ކުރަން ފުރުސަތު ލިބި ޒިންމާ އަދާ ނުކުރެވުމުން ފުރަތަމަ ބަލަންވީ އޮޅުވާލައިގެން މިހާރު މިކަން ކުރަމުންދާ ބައެއް ނޫންތޯ؟
ޟިފްނާ
18 September 2025
ދޮގު މައުލީމާތު ދީގެން ވެސް ފުލެޓް ލިސްޓް ގައި ތިބި މީހުންނަށް މިސަރުކާރުން ވެސް ފުލެޓް ދީފި.
އަަކުރަމު ކަމާލު
18 September 2025
ވެންޓިލޭޓަރު މައްސަލައިގަ ދައުވާ ކުރާނީ ކޮން ދުވަހަުންތޯ. އެއީވެސް ހާދަ ލާރިއެކޭ
މޮޑަން
18 September 2025
މަށަށް ހީވަނީ އަކްރަމްމެނަށްވުރެ ބޮޑަށް ބިން ކަޓުވާލުމުގަ ކުރީގަ އުޅޭނީ ފަޒުލްމެންހެން. އެކަމަކު އެމީހުން އެއުޅެނީ އަރިހުގަ. އެމީހުންގެ ނައްސަލައެއް ބެލޭނެ ތަނެއް މިގައުމަކު ނެތް.
ކައްޒާބު
18 September 2025
ޙައްގު ވީމަ ދޯ މި ސަރުކާރުން ދެއަހަރު ވަންދެން ވެރިފައި ކުރަނީއޭ ކިޔާފަ ކުރީ ލިސްޓަށް ފްލެޓު ތިދެނީ. ޏުވަންޔާ ކީއްކުރަން ތި ދެނީ. މިހާރުގެ މިނިސްޓަރުގެ މައްޗަށްނޫންތަ ދައުވާ ކުރަން ފުނުވަންވީ.