ކުރީގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ބަޔަކަށް އުސޫލުން ބޭރުން ފްލެޓް ދޭން ނިންމި ކަމަށް ބުނެ ހައުސިން މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކަށް ކުރާ ދައުވާގެ ޝަރީއަތުގައި، ގެދޮރުވެރިޔާ ޕޯޓަލް ތަހުލީލު ކުރަން އެކްސްޕާޓަކަށް ފުރުސަތު ދޭން ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓް ދިން ކަމަށް ބުނެ ދައުލަތުން ދައުވާ ކުރަނީ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އަދި ފްލެޓް ކޮމެޓީގެ އޭރުގެ މެމްބަރު މުހައްމަދު އާރިފާއި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ސުޕަވައިޒަރުން ކަމަށްވާ އަހުމަދު ވިޝާން ނަސީމާއި ޟިރުގާމް ވަހީދުގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި އަކްރަމާއި އާރިފްގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހެޅީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ދިނުމާ އެކު އެ ޕޯޓަލް ބަލަން އެކްސްޕާޓަކަށް ފުރުސަތު ދިނުމަށެވެ.

ނަމަވެސް ދައުލަތުން ބުނީ އެއީ ގިނަ ބައެއްގެ ޒާތީ މައުލޫމާތު ހިމެނޭ ޕޯޓަލްއަކަށް ވާތީ އެކްސެސް ނުދެވޭނެ ކަމަށާއި އެ މައްސަލައާ ގުޅުން ހުރި ޕޯޓަލްގެ ލޮގްތަކާއި މައުލޫމާތުތައް މިހާރު ވެސް ދިފާއީ ވަކީލުންނަށް ދީފައިވާނެ ކަމަށެވެ.

އެކްސްޕާޓަކަށް ފުރުސަތު ދިނުމާ ގުޅޭގޮތުން ދައުލަތުން ބުނީ ފަހުން ކޯޓުގެ އިސް ނެގުމުގައި އެކްސްޕާޓެއް ގެންނަން ބޭނުން ނަމަ ގެނެވިދާނެ ކަމަށެވެ.

ކުށް ކޮށްފައިވާ ގޮތާއި ވަގުތާއި އޭގެ ތަފްސީލުތައް ނުދެވޭތީ ދައުވާ ސާފުކޮށް ނުދެވޭ ކަމަށް ބުނެ ވެސް އަކްރަމާއި އާރިފްގެ ފަރާތުން ހުށަހެޅުމެއް ހުށަހެޅި އެވެ. އެކަމަކު، ދައުލަތުން ބުނީ ދައުވާ އެކަށީގެންވާ މިންވަރަށް ސާފު ކަމަށެވެ.

ދައުވާލިބޭ ޟިރުގާމްގެ ވަކީލުން ބުނީ ޕޯޓަލްއާ ބެހޭގޮތުން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އިތުރަށް ތަހުގީގު ކުރަންޖެހޭ ކަމަށް ފުލުހުންގެ ފޮރެންސިކް ތަހުލީލުގައި ލަފާ ދީފައިވާތީ އެ މައްސަލާގެ ތަހުގީގު ފުރިހަމަނުވާ ކަމަށެވެ.

އެގޮތުން ޟިރުގާމް ރާއްޖެއިން ބޭރުގައި ހުރި މުއްދަތުގައި ވެސް އޭނާގެ ލޮގިން ބޭނުން ކޮށްގެން ފޯމުތައް އެޕްރޫވްކުރި ކަމަށް ވަކީލް ވިދާޅުވި އެވެ. ނަމަވެސް އެ ޕޯޓަލަށް ވަދެވޭނީ މިނިސްޓްރީގައި ހުރި ސިިސްޓަމްތަކުން އެކަނި ކަމަށް ވަކީލް ވިދާޅުވި އެވެ.

އެކަމަކު، ދައުލަތުން ބުނި ގޮތުގައި، ފޮރެންސިކް ތަހުލީލުގައި އެގޮތަށް ބުނެފައި އޮތަސް ތަހުގީގު ފުރިހަމަނުވާ ކަމަށް ނުބުނެވޭނެ އެވެ. އަދި ދައުލަތުގެ ހެކިވެރިންގެ ހެކިބަހުން ވެސް އެ މައްސަލާގެ ގިނަ ކަންކަން ހާމަވާނެ ކަމަށް ދައުލަތުން ބުންޏެވެ.

މީގެ އިތުރުން އެ މައްސަލާގައި ބައެއް ލިޔުންތައް ބަލައިނުގަތުމަށް ވެސް ދިފާއީ ވަކީލުން ހުށަހެޅި އެވެ.

އެ މައްސަލާގައި އެ ހުށަހެޅުންތަކާ މެދު މި މަހުގެ ފަހުކޮޅު ގޮތެއް ނިންމަވާނެ ކަމަށް އެ މައްސަލަ ބައްލަވާ އިސްގާޒީ އާދަމް މުހައްމަދު ވިދާޅުވި އެވެ.