އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް، ޗައިނާގެ ރައީސް ޝީ ޖިންޕިން މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމުން ތަހުނިޔާ ފޮނުއްވައި، އެ ގައުމުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޭންގް ލިޒިން މެދުވެރިކޮށް "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ޝީ ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަނީ ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ.

އިހުލާސްތެރިކަމާ އެކު ދެ ގައުމުން އެއް ގައުމު އަނެއް ގައުމަށް އިތުބާރުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އަދި ތަރައްގީގައި ބައިވެރިވުން އޮންނާނެ ކަމަށް، ޝީ ވިދާޅުވި ކަމަށް ސަފީރުގެ ޕޯސްޓުގައިވެ އެވެ.

"ރާއްޖެ އާއި ޗައިނާގެ ގުޅުން ބަދަހިކުރުމަށް އަޅުގަނޑު ވަރަށް އިސްކަންދެން. މިއޮތް ޒަމާންވީ ރަހުމަތްތެރިކަން ދެމެހެއްޓުމާއި ކުރިއަށް އޮތް ތަނުގައި ގުޅުން ބަދަހިކޮށް، އިތުރު ކުރިއެރުންތަކާއެކު އެއްބާރުލުން ދިނުމުގެ ގޮތުން، ތިޔަބޭފުޅުންނާ އެކު މަސައްކަތް ކުރަން އަޅުގަނޑު މި ހުރީ ތައްޔާރަށް." ސަފީރުގެ އެކްސްގެ ޕޯސްޓުގައިވެ އެވެ.

މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، މާލެ އާއި ހުޅުލެ ގުޅާލި ސިނަމާލެ ބްރިޖަކީ ޗައިނާއިން ދިން ހިލޭ އެހީއާއި ލޯނުގެ ދަށުން ހެދި ތަނެކެވެ. އޭގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓު ހެދީ ވެސް އެ ގައުމުން ދިން ލޯނުންނެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ގައުމުގެ ވެރިއަކު ހޮވަން ބޭއްވި އިންތިހާބު މުއިއްޒު ކާމިޔާބުކުރެއްވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައިގެންނެވެ. މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒަށް 126،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއިރު، ރައީސަށް 108،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ.