ޚަބަރު / ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރު

އެންމެ ބޮޑެތި މައްސަލަތައް ހައްލު ކުރަން ޖެހެނީ އިންޑިއާއާ އެކު: ޑރ. މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުއިއްޒު "މިހާރު" އަށް އިއްޔެ އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަންނަވާއިރު، އެންމެ ބޮޑެތި މައްސަލަތައް ހައްލު ކުރަން ޖެހިފައި ވަނީ އިންޑިއާއާ އެކު ކަމަށާއި އެކަމަކު އެ ކަންކަން ހައްލު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި 54 ޕަސެންޓް ވޯޓުން ކުރިއަށް އޮތް ފަސް އަހަރަށް ރައީސްގެ މަގާމަށް ހޮވި މުއިއްޒު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ހާރިޖީ ގުޅުމުގެ ތެރެއިން ހައްލު ކުރަންޖެހޭ ރާއްޖޭގެ ބޮޑެތި މައްސަލަތައް ގުޅިފައި ވަނީ އިންޑިއާއާ ކަމަށެވެ. އެއީ ދިވެހި ސަރުކާރާއި އިންޑިއާގެ ސަރުކާރާ ދެމެދު ކޮށްފައިވާ މުއާމަލާތުތަކަކާ ގުޅުން ހުރި މައްސަލަތައް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެ ކަންކަން އެންމެ ބޮޑީ. އެހެންވީމާ އެ ކަންކަމަށް އެންމެ ފުރަތަމަ އެޓެންޑް ވާން ޖެހެނީ. އެޓެންޑް ވާން ޖެހޭއިރު އެ ބޭފުޅުންގެ ގާތަށް އެންމެ ފުރަތަމަ ދާން ޖެހެނީ ނުވަތަ އެ ބޭފުޅުން އަޅުގަނޑުމެންގެ ގާތަށް ވަޑައިގަންނަވާނީ،" އިންތިހާބީ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރުގެ ބައްދަލުވުމެއް އަދި ހަމަޖެހިފައި ނެތަސް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާ ސަރުކާރުން އެޕޮއިންޓްމަންޓަކަށް އެދިފައިވާ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑު ހަމަ ތައްޔާރަށް މި ހުރީ. އަޅުގަނޑު ބޭނުންވަނީ ވެސް އަޅުގަނޑުމެންގެ މައްސަލަތައް ހައްލު ކުރުމުގައި ޓްރާންސިޝަން މަރުހަލާގައި ވެސް ދެއްކެވެން ހުރި ވާހަކަތައް ދައްކަން. އެ ވާހަކަތައް ދައްކައިގެން ރަސްމީ މަސައްކަތް ފަށަންވާއިރަށް ވެސް އެ ބޭފުޅުންނަށް އެ ކަންކަމުގައި ކުރެވެން ހުރި ކަންތައްތަކަށް ތައްޔާރުވާން އަޅުގަނޑު ބޭނުން،" މުއިއްޒު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް މުއިއްޒު އިއްޔެ "މިހާރު" އާ ވާހާކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޑިޕްލޮމެޓިކް އަދި ބިނާކުރުވަނިވި ގޮތަކަށް އިންޑިއާއާ އެކު ގިނަ ކަންކަން ހައްލު ކުރެވޭނެ އެވެ.

ރައީސްކަމުގެ މަގާމާ އަންނަ މަހުގެ 17 ގައި މުއިއްޒު ހަވާލުވެވަޑައިގަތުމުގެ ތައްޔާރީތައް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ފަށާފައިވާއިރު، އެ މަނިކުފާނުގެ ފުރަތަމަ ދަތުރުފުޅު ރާއްޖެ އިން ބޭރަށް ކުރައްވާނީ އިންޑިއާ އަށް ކަމަށް އެޑްވައިޒަރު އަދި ޑިޕްލޮމެޓިކް ދާއިރާގެ ތަޖުރިބާކާރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެފައި ވެ އެވެ.

އެ ކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން މުއިއްޒު ވިދާޅުވީ، ހުރިހާ ރައީސުންގެ ފުރަތަމަ ދަތުރުފުޅު ކުރައްވާފައި ވަނީ އިންޑިއާ އަށް ކަމަށާއި އެއީ އެ ކަން އޮންނަން ޖެހޭ ގޮތް ކަމަށެވެ. ހާއްސަކޮށް މިހާރު ހުރި މައްސަލަތަކަށް ބަލާއިރު ވެސް އެންމެ ރަނގަޅު ގޮތަކީ އިންޑިއާ އަށް އެ މަނިކުފާނުގެ ފުރަތަމަ ދަތުރުފުޅު ހާއްސަ ކުރެއްވުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް އަދި ވަކި ގޮތަކަށް ކަނޑައަޅުއްވާފައި ނުވާ ކަމަށް އެ މުއިއްޒު ވިދާޅުވި އެވެ.

އަޅުގަނޑު ބޭނުންވަނީ ވެސް އަޅުގަނޑުމެންގެ މައްސަލަތައް ހައްލު ކުރުމުގައި ޓްރާންސިޝަން މަރުހަލާގައި ވެސް ދެއްކެވެން ހުރި ވާހަކަތައް ދައްކަން. އެ ވާހަކަތައް ދައްކައިގެން ރަސްމީ މަސައްކަތް ފަށަންވާއިރަށް ވެސް އެ ބޭފުޅުންނަށް އެ ކަންކަމުގައި ކުރެވެން ހުރި ކަންތައްތަކަށް ތައްޔާރުވާން އަޅުގަނޑު ބޭނުން،"--- މުއިއްޒު

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މުއިއްޒާއި ޕީޕީއެމް/ޕީއެންސީން އެންމެ ބޮޑަށް ވަކާލާތުކުރީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން އަނބުރާ އިންޑިއާ އަށް ފޮނުވައިލުމަށެވެ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ ވެސް އެ ވައުދާ އެކު އެވެ. އިންތިހާބުގެ ބޮޑު ކާމިޔާބު ފާހަގަކުރަން މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ވެސް މުއިއްޒު ދެއްވި ޔަގީން ކަމަކީ އިންޑިއާ ސިފައިން ފޮނުވާލުމުގެ ކަންކަން ކުރައްވާނެ ކަމުގެ އެވެ.

އިންޑިއާ އެކު ހުރި މައްސަލަތަކުގެ ގޮތުގައި މުއިއްޒު އިއްޔެ ވެސް ފާހަގަކުރެއްވީ ރާއްޖޭގެ ދަރަނީގެ ބޮޑު ބައެއް އެ ގައުމަށް ބަރޯސާ ކުރުމާއި އިންޑިއާގެ ސިފައިން ތިބުމާއި ރާއްޖޭގެ މިނިވަންކަމާ މެދު އުފެދޭ ސުވާލެވެ. ވިދާޅުވީ، އެ ކަންކަމުގައި ހަމަހަމަ ސިޔާސަތުތަކެއް ގެންގުޅޭ ނަމަ ރާއްޖެ އަށް އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ.

"ބޭރުގެ ސިފައިން ނުތިބެންޏާ އަޅުގަޑުމެންނަށް ނެތް އެއްވެސް މައްސަލައެއް. އަޅުގަނޑުމެންގެ ގައުމުގެ ކަންކަމުގެ ތެރެއަށް އަދި އަޅުގަނޑުމެންގެ ގައުމުގެ ފަރާތުން ދުނިޔޭގެ އެހެން ޕްލެޓްފޯމުތަކުގައި ދައްކަންޖެހޭ ވާހަކައިގައި އަޅުގަނޑުމެންގެ އަމިއްލަ ބަސް އިއްވުމުގެ މިނިވަންކަން އޮންނަންޏާ އަޅުގަނޑުމެންނަށް ނެތް އެއްވެސް ގައުމަކާ ދޭތެރޭގައި މައްސަލައެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު "މިހާރު" އަށް އިއްޔެ އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ޕީޕީއެމުން "އިންޑިއާ އައުޓް" ގޮވާފައިވާއިރު އަދި އިންޑިއާގެ މަޝްރޫއުތައް ހިންގާއިރު ހަމަހަމަ ސިޔާސަތުތަކެއް ގެންގުޅޭނީ ކޮން ގޮތަކަށް ތޯ އެހުމުން މުއިއްޒު ވިދާޅުވި ގޮތުގައި އެ މަޝްރޫއުތަކާ އެ މަނިކުފާނު ދެކޮޅެއް ނޫނެވެ. ހައްލު ކުރަން ޖެހެނީ މުއިއްޒު ވިދާޅުވި ގޮތުގައި މަޝްރޫއުތަކުގައި ހުރި މައްސަލަތަކެވެ.

"މިސާލަކަށް ހަނިމާދޫ އެއާޕޯޓް ހަދާއިރު އެ ތަނުގައި އިންޖިއަރުން ތިބޭނެ. އެކަމަކު އެއީ [އިންޑިއާ] ސިފައިންނަށް ވާކަށް ނުޖެހޭ. ސިފައިންނަށް ވުން މައްސަލައަކީ. އެހެންވީމާ އެކަން ހައްލު ކޮށްދޭން ދަންނަވަން ޖެހެނީ. އެކަން ހައްލު ވެސް ވާން ޖެހޭ. ސިވިލިއަންސް ތިބެން ޖެހޭނީ މަސައްކަތް ކުރަން. ޔުނިފޯމު ނޭޅިޔަސް މިލިޓަރީ ބޭފުޅުން ތިއްބެވުން މައްސަލައަކީ،" މުއިއްޒު ވިދާޅުވި އެވެ.

ބޭރުގެ ސިފައިން ނުތިބެންޏާ އަޅުގަޑުމެންނަށް ނެތް އެއްވެސް މައްސަލައެއް. އަޅުގަނޑުމެންގެ ގައުމުގެ ކަންކަމުގެ ތެރެއަށް އަދި އަޅުގަނޑުމެންގެ ގައުމުގެ ފަރާތުން ދުނިޔޭގެ އެހެން ޕްލެޓްފޯމުތަކުގައި ދައްކަންޖެހޭ ވާހަކައިގައި އަޅުގަނޑުމެންގެ އަމިއްލަ ބަސް އިއްވުމުގެ މިނިވަންކަން އޮންނަންޏާ އަޅުގަނޑުމެންނަށް ނެތް އެއްވެސް ގައުމަކާ ދޭތެރޭގައި މައްސަލައެއް،"--- މުއިއްޒު

މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު ވެރިކަމަށް އިންތިހާބު ކުރެއްވީ ރާއްޖޭގެ މިނިވަންކަން ޔަގީން ކޮށްދެއްވާނެ ކަމުގެ ވައުދާ އެކު ކަމަށް ވާތީ ދިވެހިންގެ ބަސް ވަނީ އިއްވާފައި ކަމަށެވެ. އެހެންވެ، ދިވެހިންގެ ނިންމުމަށް ހުރިހާ އެންމެން އިހުތިރާމް ކުރާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ޕްރޯ މޯލްޑިވްސް" ގެ ސިޔާސަތު

ރައީސްކަމަށް މުއިއްޒު އިންތިހާބު ކުރުމާ އެކު، ބައިނަލްއަގްވާމީ ގިނަ މީޑިއާތަކުން މުއިއްޒު ސިފަ ކޮށްފައި ވަނީ ޗައިނާގެ ކޮޅަށް ބުރަވެ، މަސައްކަތްޕުޅު ކުރައްވާނެ ނުވަތަ "ޕްރޯ ޗައިނާ" ގެ ބޭފުޅެއްގެ ގޮތުގައި ކަމަށް ވާތީ އެއާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން މުއިއްޒު ވިދާޅުވީ "އަޅުގަނޑަކީ ޕްރޯ މޯލްޑިވްސް" ސިޔާސަތެއް ގެންގުޅުއްވާނެ ބޭފުޅެއް ކަމށެވެ.

ވިދާޅުވީ، ޗައިނާ އާއި އިންޑިއާ އާއި އެމެރިކާ އާއި މެދުއިރުމަތީގެ ގައުމުތަކާއި އަދި އަވަށްޓެރި އެހެން ގައުމުތަކާ ވެސް ގާތް ގުޅުން ބާއްވާނެ ކަމަށެވެ. ހަމައެކަނި މައްސަލައަކަށް ވާނީ ރާއްޖޭގެ މިނިވަންކަމާ ގުޅޭ ކަންކަން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާއި އެއް ގައުމަކަށް ދަރަނި ބަރޯސާކުރުން ފަދަ ކަންކަމެވެ.

"ގައުމު އިސްކުރާނީ. ދިވެހިރާއްޖެ އިސްކުރާނީ. ޕްރޯ ކިޔަންޏާ ޕްރޯ މޯލްޑިވްސް ޕޮލިސީ [ދަމަހައްޓަވާނީ]،" މުއިއްޒު ވިދާޅުވި އެވެ.

77 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެރިބޯ

05 October 2023

އުތުރު ތިލަފަލުގައި ބާއްވާފައި އޮތް އިންޑިއާގެ އެއަރކްރާފްޓް ކެރިއަރާއި 10،000 ސިފައިން ބާލަންޖެހޭ. އެކަން މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ކުރަން ޖެހޭނެ. އެހެން ނޫނީ އަހަރެމެން އަނެއްކާވެސް “އިންޑިއާ އައުޓް” ގޮވަން މަގުތަކަށް ނުކުންނާނަން.

The name is already taken The name is available. Register?

ރަޢީސް

05 October 2023

ރައީސް އަޅުގަނޑުމެން ގެ ތރޭގ ހުންނަވާފަ މަސްވަރާއަށް މޯދީބެ ގެނަން ވީ ނޫންތޯ

The name is already taken The name is available. Register?

ބިރުބެރި

05 October 2023

މިވަރުން ދަންޏާ ދެެން އިންޑިއާ އައުޓު ގޮވާ މީހުން ޖަލަށްލާން ފަށާނެ ވަރަށް އަވަހަށް.

The name is already taken The name is available. Register?

އެމީލިއޯ

04 October 2023

އިންޑިއާ އައުޓް ޖެހި ރަތް ޓީޝަރޓް ލައިގެން މޯޑީ ކައިރިއަށް ދާތި....އޭރުން އިގޭނެ ފޭކެއް ނޫނުކަން..

The name is already taken The name is available. Register?

މަރީީ

04 October 2023

އައުޓް ޓު އިންޑިޔާ އޯލްރެޑީ؟

The name is already taken The name is available. Register?

ބަރަބޯ ޢިންޑިޔާ އައުޓް

04 October 2023

ޢިންޑިޔާ އައުޓް ޢިންޑިޔާ އައުޓް

The name is already taken The name is available. Register?

ގހގހގހ

04 October 2023

ދަރަނި ދައްކަން ކުރަންވީ ކަމަކީ ބޭކާރު އެންބަސީތސއް އުވާލާ ބޭކާރު ކޮމިޝަންތައް އުވާލާ ސިޔާސީ މަގާމުތސއް މަދުކުރުން.

The name is already taken The name is available. Register?

ހޖކލޖލ

04 October 2023

ތިކަމެއް ހިއެއްނުވޭ ވާނެހެން، މިހާރުވެސް އެކި އެމްބަސީތަކަށް ވަޒީފާއަށް ދާން ބޭނުންވާ މީހުން ތިބޭނެ ކިއުގަ. 5 އަހަރު މަގުމަތީގެ ތަޖުރިބާއަކީ ފުދޭވަރެއްގެ ބުރަދަނެއްހުންނަ އެއްޗަކަށް ވާނެހެން ހީވަނީ..

The name is already taken The name is available. Register?

ބިސްވަށި

04 October 2023

މުޢިއްޒަށް ތިއަށްވުރެ އުނދަގޫ މައްސަލައަކަށް ވާނީ ޢަދުލުއިންސާފާ ޕީޕީއެމާ އެއްކުރުން. ޕީޕީއެމްގެ އިންސާފަކީ ރައީސް ޔާމީނު ކުށްނުކުރާކަމަށް ކޯޓުއަމުރުން މިނިވަންކުރުމާ ރައީސް ސޯލިހުގެ މައްޗަށް ކުށުގެ ހުކުމްކޮށް ޖަލަށްލުން. މިހާރުވެސް ހުވާކުރުމުގެ ކުރިން ކޯޓަށް އަތްބާނާ ޔާމީނު ނެރޭ ވައުދު ފުއްދަން ތި ފެއްޓެވީ ސޯލިހަށް ނުފޫޒު ފޯރުވާގެން. ސަޕޯޓަރުން ހައްދާ އޮޅުވާފައި ސަރުކާރަށް އިންޒާރު ތިދެއްވީ! ހަމަ އެއް ގޯހެއް! ރިޕީޓިން ސޭމް.. ބަލަން ތިބެމާ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

04 October 2023

ގޭންއިންޓަރނޭޝަނަލް އެއަރޕޯޓް އޮތް ރަށުގައި ޤާއިމްކޮށްފައިވާ ފުލުހުންގެ މަރުކަޒާއި، އެމްއެންޑީއެފް SOUTHERN AREA COMMAND ހިތަދޫ ކޯއްޓޭ ނުވަތަ ހުޅުމީދޫ އަވަށަށްބަދަލުކޮށް ދިވެހި އަދި ޢިންޑިޔާ ސިފައިން "އިންސާނީ އެހީތެރިކަންދިނުމަށް ބޭނުންކުރާ" މަތިންދާބޯޓާއި ހެލިކޮޕްޓަރ ވެސް ފުވައްމުލައް އެއަރޕޯޓަށްބަދަލުކޮށް މިތަނުގައި IATA އާއި އައިކާއޯ ޤަބޫލުނުކުރާފަދަ މިލިޓަރީހަރަކާތްހިންގުން ހުއްޓާލަންޖެހޭ. އޭރުން އިންޑިޔާސިފައިންގެ ދައުރުވެސް ކުޑަކުރެވޭނެ.

The name is already taken The name is available. Register?

ކާނަލް ތިމަރު.

04 October 2023

ދީދީގެ އައިޑިއާ އަކީ އިންޑިޔާއަށްވެސް ނޭގި ގަމުން އިންޑިޔާ ސިފައިން ބޭރުކޮށްލުން އެހެން ނޫންތޯ؟ ވަރަށް ބުއްދިވެރި ނިންމުމެއް. ސިފައިން ގަމުން ބޭރުކުރާ އިރު އިންޑިޔާގެ ހެލިކެޕްޓަރާއި އިންޑިޔާ ސިފައިވެސް ގަމުން އޯތޮމެޓިކުން ބޭރުވާނެ. ގަމުގައި ނުތިބެވޭ ނަމަ އެމީހުން ބޭނުމެއްނުވާނެ އައްޑޫގައި ތިބޭކަށް.

The name is already taken The name is available. Register?

ދުއްރާ

05 October 2023

ކޮމެންޓް ކުރާއިރު އިނިގިރޭސި އަކުރުން ކޮންމެވެސް އެއްޗެއް ނުލިޔެ ހިތްހަމަ ނުޖެހެނީތަ؟ ނުވަތަ ތިމާގެ މޮޅުކަން ދައްކަންތަ؟

The name is already taken The name is available. Register?

ފައިބާފައިބާ

04 October 2023

އުތުރު ތިލަފުށިން އިންޑިއާ ސިފައިން ޖެހޭނެ ފައިބާން ނޮވެމްބަރު 11 ގެ ކުރިން އަދި އައްޑޫ ގަމުން ވެސް އިންޑިއާ ސިފައިން ޖެހޭނެ ނޮވެމްބަރު 11 ގެ ކުރިން ފައިބާން އަދި ހަނިމާދޫން ވެސް އިންޑިއާ ސިފައިން ޖެހޭނެ ފައިބާން ނޮވެމްބަރު 11 ގެ ކުރިން އެއިރުން ދިވެހިރައްޔިތުންނަށް ގަބޫލުކުރެވޭނީ އިންޑިއާ އިން ރާއްޖޭގެ މިނިވަން ކަމަށް އިހްތިރާމް ކުރާ ކަމަށް މަމެން އިންޑިއާގެ މިލިޓަރީ އެހީ ބޭނުމެއްނޫނޭ އިންޑިއާ ގެނައި އެއްޗިއްސާއިގެން އިންޑިއާ ރާއްޖޭން ފައިބަންވީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454