ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު ދުރުކުރަން މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ގަރާރުގެ ނޯޓިސް، އެ މަނިކުފާނަށާއި މަޖިލީހުގެ މެމްބަރުންނަށް މިއަދު ފޮނުވައިފި އެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި މަޖިލީހަށް ވައްދާފައިވާ ގަރާރުގެ ނޯޓިސް، މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތަށް މިއަދު ހެނދުނު ނަޝީދަށާއި މެމްބަރުންނަށް ފޮނުވާފައިވާ ކަމަށެވެ.
ގަރާރު ބަލައިގަނެ، ނޯޓިސް ފޮނުވާފައި ވަނީ އެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމާ މެދު ނަޝީދު ސުވާލު އުފައްދަވާފައިވާ ވަނިކޮށެވެ.
އެއީ، ދައުރެއްގެ ތެރޭގައި އެއް ގަރާރެއް ދެ ފަހަރަށް ހުށަހެޅި ދާނެ ކަމާ މެދު އެ މަނިކުފާނު އުފައްދަވާފައިވާ ސުވާލެކެވެ. އެ ސުވާލު އުފެދުނީ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މީގެ ކުރިން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
އެކި ސަބަބުތަކާ ހުރެ އެ މައްސަލަ ކުރިއަށް ނުގެންދެވި ހުއްޓިފައި ވަނިކޮށް، މިދިޔަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން އެމްޑީޕީން އެ ގަރާރު އަނބުރާ ގެންދިޔަ އެވެ. އެ ނޯޓިސްގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާ އަށް އެ ގަރާރު ހުށަހަޅަންޖެހެ އެވެ.
އެއާ އެކު 14 ދުވަހުގެ މުއްދަތު ހަމަވެ، މި މަހުގެ 29 ގައި ޖަލްސާއެއް ބާއްވައި، އެ ގަރާރު އެޖެންޑާ ކުރަން ޖެހެ އެވެ. އޭގެ ކުރިން، މަޖިލީހުގެ އާންމު ކޮމިޓީން އެ ގަރާރުގެ ބަހުސްގެ ވަގުތާއި ދިފާއުގައި ނަޝީދަށް ވާހަކަ ދެއްކެވުމުގެ ވަގުތު ކަނޑައަޅަން ޖެހޭނެ އެވެ.
މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރެވޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު ކަމަށް ގަވާއިދުގައި ވެ އެވެ. މަޖިލީހުގެ ރައީސް މަގާމުން ވަކިކުރެވެނީ އެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތެވެ.
އެމްޑީޕީން ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ރައްޔިތުންނަށް ބޭނުންތެރި އެތައް ބިލްތަކެއްގެ މަސައްކަތާއި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކަށް ފާރަވެރިވެ ޖަވާބުދާރީ ކުރުމުގެ ގޮތުން މުހިންމު މަސައްކަތްތަކެއް މަޖިލީހުގައި ނިންމުމަށް ތަރުތީބު ކޮށްފައި ވަނިކޮށް، ނަޝީދު މައްސަލަތައް އެޖެންޑާ ކުރައްވަނީ އަމިއްލަ މަސްލަހަތު އިސް ކުރައްވައި ވަކި ފަރާތަކަށް ބުރަވެ ހުރެ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ.
ރިޔާސަތުގައި އިންނަވައިގެން ނަޝީދު ތަކުރާރުކޮށް މަޖިލީހުގެ ގަވައިދާ ހިލާފަށް ޖަލްސާތައް ކުރިޔަށް ގެންދަވާތީ އާއި މުޅި މަޖިލީހުގެ ނިޒާމު ހިފެހެއްޓެވުމުގެ ބަދަލުގައި ނިޒާމު ގެއްލުވާލަން މަސައްކަތް ކުރާ ފަރާތްތަކަށް އެ މަނިކުފާނު ވާގިވެރިވާ ކަމަށް ވެސް އެ ގަރާރުގައި ވެ އެވެ.
ނަމަވެސް، ނަޝީދު ވަކިކުރަން އެމްޑީޕީން އުޅެނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ކަންކަމަށް ހުރަސް އެޅުމުގެ އިތުރުން މި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންތައް ފޮރުވަން ކަމަށް އެ މަނިކުފާނަށް ތާއީދުކުރައްވާ ޑިމޮކްރެޓްސްގެ މެމްބަރުން ދަނީ ތުހުމަތު ކުރައްވަމުންނެވެ.