ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް އިއްޔެ ވަޑައިގަތް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ދަތުރުކުރެއްވި ލޯންޗުގައި ޑޮކްޓަރަށް ދައްކަން މާލެ އަށް ގެނައި މީހަކު ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސް ލަސްވެގެން މިނިސްޓަރުގެ ކާރުކޮޅުގައި ގެންދަން ޖެހިއްޖެ އެވެ.

މިނިސްޓަރު އިހުސާން މާލެ ވަޑައިގަތް ލޯންޗުގައި އެ މީހާ މާލެ ގެނައީ އިއްޔެގެ އަސުރު ނަމާދަށް ހުއްޓާ ވެއްޓިގެން ޓެސްޓުތަކެއް ހަދާށެވެ. އެކަމަކު، އެ މީހާ ވެއްޓުނީ ސްޓްރޯކެއް ޖެހިގެން ކަމަށް މާލެ އަށް ގެނެސް ޑޮކްޓަރަށް ދެއްކުމުން އެނގުނެވެ.

ބަލިމީހާގެ އާއިލާ އިން "މިހާރު" އާ ވާހަކަ ދެއްކި މީހަކު މިއަދު ބުނީ، އުމުރުން 45 އަހަރުގެ އެ ފިރިހެން މީހާ މާލެ ގެނައީ ޓެސްޓުތަކެއް ހަދަން ޖެހޭ ކަމަށް އާއިލާ އަށް އަންގާފައި ކަމަށާއި ނަމަވެސް ސްޓްރޯކެއް ޖެހިފައި ހުރި ކަން އޭރު ނޭނގޭ ކަމަށެވެ.

އާއިލާ އިން ބުނީ ބަލި މީހާ މާލެ އަށް ގެންނަން ހިންމަފުށިން ލޯންޗެއް ހޯދަން ރިހެބުން މަސައްކަތް ކުރާކަން މިނިސްޓަރަށް އެނގިވަޑައިގަތުމުން، މިނިސްޓަރު ދަތުރުކުރެއްވި ލޯންޗުގައި އެ މީހާ ގެންނަން ނިންމެވީ ކަމަށެވެ.

"މާލެ ގެނެސްފައި ވެސް އެމްބިއުލެންސް ލަސްވާތީ، މިނިސްޓަރު، މިނިސްޓަރުގެ ރަސްމީ ކާރުކޮޅުގައި ހޮސްޕިޓަލަށް ފޮނުވީ ވެސް. މިނިސްޓަރު ގެ އަށް ވަޑައިގަތީ ހިންގަވާފައި،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ މާލެ އަށް ގެނައި އިރު ވެސް އެއީ ސްޓްރޯކެއް ޖެހިފައިވާ މީހެއްކަން ނޭނގޭ ކަމަށެވެ. އެކަން އެނގުނީ މާލެ ގެނެސް ޑޮކްޓަރަށް ދެއްކުމުން ކަމަށާއި މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުންޏެވެ.

ހޯމް މިނިސްޓްރީއާ އަލަށް ހަވާލުވެ ވަޑައިގަތް އިހުސާން އިއްޔެ ހިންމަފުއްޓަށް ވަޑައިގަތީ މިނިސްޓްރީގެ ދަށުން ހިންގާ ތަންތަން ބައްލަވައިލެއްވުމަށް ކުރައްވާ މަސައްކަތުގަ އެވެ. ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް ކުރީ ސަރުކާރުން ހެލްތު މިނިސްޓްރީގެ ދަށަށް ހިންގި ނަމަވެސް މި ސަރުކާރުން ވަނީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.