އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށްތަކުން ސަޕްލައި ފެނުގެ ހިދުމަތް ކެނޑިއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު "މިހާރު" އަށް ވިދާޅުވީ ފެން ކެނޑިފައި ވަނީ ފެން ޕަމްޕަށް ކަރަންޓު ދިނުމުގައި ކުއްލި ގޮތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
މިއަދު ހެނދުނުން ފެށިގެން ޝަކުވާތައް ލިބުނު ކަމަށާއި މެންދުރުގެ ވަގުތެއްގައި މައްސަލަ ފާހަގަވެ އެކަން ހައްލު ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފި ކަމަށް ނިޒާރު ވިދާޅުވި އެވެ.
"މައްސަލަ ހައްލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެބަކުރޭ. މިކަންކުރަން މާލެއިން ސްޕެއާ ވެސް ގެންނަން ޖެހިދާނެ." އޭނާ ވިދާޅުވި އެވެ.
މުޅި ދުވަހު ފެން ކެނޑިފައި ހުރިއިރު އެ މައްސަލަ ހައްލު ވާނެ އިރެއް ވެސް ނޭނގޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.
އޭގެ ސަބަބުން އައްޑޫގެ ގިނަ ގެތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށާއި މިހާރު ބޭނުން ކުރަމުން އަންނަނީ ވެސް ރިޒާވްގައި ހުރި ފެން ޕަންޕު ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ގެތަކުގައި އުޅޭނެ ހަމައެކަނި ފެނަކަ އިން ދޫކުރާ ފެން ބޭނުންކޮށްގެން އުޅޭ މީހުން. ބައެއް ގެތަކުގައި ބޭނުންކުރޭ ވަޅުފެން ވެސް. އެކަމަކު މީގެ ސަބަބުން ދަތިތަކާ ކުރިމަތިވާނެ،" އޭނާ ވިދާޅުވި އެވެ.