ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތަކުގެ ތެރެއިން އެންބީސީސީ ކުންފުންޏާ ހަވާލުކޮށްގެން ހަދާ "އަމާން ދޯދި" ފްލެޓްތަކުގެ މޮޑެލް މިއަދު ނޫސްވެރިންނަށް ދައްކާލައިފި އެވެ.
އެކަމަށް ހާއްސަކޮށް ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދޭނީ، ހައްގުވާ މީހުންނަށް ފްލެޓް ލިބޭއިރު، އެ އާއިލާތަކަށް ބޮޑު ލުޔެއް ލިބިދިނުމަށް ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ހިންގާ މިފަދަ ޕްރޮޖެކްޓްތައް މެދުނުކެނޑި ކުރިއަށް ގެންދަން މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
"މިހާރު" އަށް ވަކިން ދެއްވި އިންޓަވިއުއެއްގައި ހަމްދާން ވިދާޅުވީ، "އަމާން ދޯދި" ގެ 600 ފްލެޓް އަންނަ އަހަރުގެ އޭޕްރީލް މަހުގައި ނިންމައިލެވޭނެ ކަމަށެވެ. ވިދާޅުވީ، އެ ތަނުގެ މަސައްކަތް ވެސް ތާވަލަށް ވުރެ އަވަހަށް ކުރިއަށް ގެންދާނެ ކަމަށެވެ.
"އަމާން ދޯދި" ފްލެޓްތަކުގެ މަސައްކަތް އެންބީސީސީ އިން ކުރަނީ ދެ ކޮންޓްރެކްޓަރަކާ ހަވާލު ކޮށްގެންނެވެ. މިއަދު ދައްކާލި ދެ ކޮޓަރީގެ ޓަވަރުގެ މަސައްކަތް ކުރަނީ ރާއްޖޭގައި ފްލެޓްތައް މިހާރު ވެސް އިމާރާތް ކުރަމުން އަންނަ އިންޑިއާގެ ރެނާޓަސްއާ ހަވާލުކޮށްގެންނެވެ.
ދެ ކޮޓަރީގެ އެޕާޓްމެންޓްތަކުގައި 650 އަކަފޫޓު ހުންނަ އިރު ތިން ކޮޓަރީގެ އެޕާޓްމެންޓްތަކުގެ ސައިޒަކީ 900 އަކަފޫޓެވެ. އެ އެޕާޓްމެންޓްތައް ދެ ލޭއައުޓަކަށް ޑިޒައިން ކޮށްފައިވެ އެވެ.
ޖޭއެމްސީން ހަދާ އެޕާޓްމެންޓްތަކާއި އެންބީސީސީ އިން ހަދާ ފްލެޓްތަކުގެ ސައިޒު އެއްވަރު ނަމަވެސް އެންމެ ބޮޑު ތަފާތަކީ އެޕާޓްމެންޓްތަކުގެ ބަދިގެ ހަދާފައިވާ ގޮތެވެ. އެންބީސީސީ އެޕާޓްމެންޓްތަކުގައި ބަދިގެ ހުންނަނީ ސިޓިންރޫމުގެ ތެރޭގަ އެވެ. ނަމަވެސް ޖޭއެމްސީގައި ބަދިގެ އޭރިއާ ވަނީ ވަކިކޮށްފަ އެވެ.
އަމާން ދޯދީގެ 16 ޓަވަރުގައި 2،000 އެޕާޓްމެންޓް ހަދާނެ އެވެ. މިއީ ކުރީ ސަރުކާރުން ފެށި 4،000 ފްލެޓް މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
ފަހި ދިރިއުޅުން ފްލެޓްތަކުގެ ބައެއް ތަފްސީލު
- ޖުމްލަ 17-18 ބުރީގެ 32 ޓަވަރު.
- ކޮންމެ ފްލޯއެއްގައި 8 އެޕާޓްމެންޓް.
- ދެ ކޮޓަރީގެ 1،200 ފްލެޓް (650 އަކަފޫޓް)
- ތިން ކޮޓަރީގެ 2،800 ޕްލެޓް (900 އަކަފޫޓް)
ފަހި ދިރިއުޅުމުން އަންނަނީ ފްލެޓްތައް ވީހާވެސް އަވަހަކަށް ނިންމުމަށްޓަކައި ކޮންޓްރެކްޓަރުންނާ އެކު މަސައްކަތް ކުރަމުންނެވެ.
ފަހި ދިރިއުޅުމުން ޓަވަރުތައް އިމާރާތް ކުރަނީ ކޮންސްޓްރަކްޝަންގެ ތަފާތު ޓެކްނޮލޮޖީއެއް ބޭނުންކޮށްގެންނެވެ. އެއީ ރެއިންފޯސްޑް ކޮންކްރީޓް އެވެ. އެހެންވެ، ފުރަތަމަ ދެ ފްލޯ ފިޔަވައި، އެހެން ހުރިހާ ފްލޯއެއްގެ ސްޓްރަކްޗާ ހަދަނީ، ތައްގަނޑުތަކަށް ކޮންކްރީޓް އަޅައިގެންނެވެ. އެ ޓެކްނޮލޮޖީ ބޭނުން ކުރުމުން ކޮންމެ ފްލޯއެއްގެ ކޮންސްޓްރަކްޝަން މަސައްކަތް އާންމުކޮށް އެކަން ކުރާ ގޮތަށް ވުރެ 14-18 ދުވަސް އަވަސް ކުރެވެ އެވެ.
އެ ފްލެޓުތައް ހަދަން އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ހަމަޖައްސައިދީފައި ވަނީ ދިވެހި ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެންނެވެ.