އައްޑޫގައި މޫދަށް ފޭބި ކުއްޖަކި ގެއްލިގެން ހޯދަން ރޭ ފަށައިފި އެވެ.
ފުލުހުން ބުނީ ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި ތިން މީހުންގެ ތެރެއިން އުމުރުން 18 އަހަރުގެ ކުއްޖަކު ގެއްލިފައިވާ ކަމުގެ ރިޕޯޓު ލިބުނީ ރޭ 10:45 ހާއިރު ކަމަށެވެ.
އެ ހާދިސާގައި ގެއްލުނީ ސ. މަރަދޫ، ކުރެންދޫމާގެ މުހައްމަދު ނާއިޝް އެވެ. އޭނާ ގެއްލުނު އިރު ލައިގެން ހުރީ ހުދު ކުލައިގެ ޓީޝާޓެކެވެ.
ހާދިސާ ހިނގި ކަމަށް މައުލޫމާތު ލިބުނު ސަރަހައްދު އެމްއެންޑީއެފާއި އާންމުންގެ ވެސް އެހީތެރިކަމާ އެކު ހޯދަމުން އަންނަ ކަމަށާއި މިހާތަނަށް އޭނާގެ ހަބަރެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މިހާތަނަށް ވެސް އޭނާ ފެނިފައި ނުވާތީ އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދުތަކުން ވެސް އެ ކުއްޖާ ފެނޭތޯ ބަލައިދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.