ޒަކާތު ހައުސް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
02 ޖެނުއަރީ 2024 - 11:47
ޒަކާތުގެ އެންމެ ހައްގުވެރިންނަށް ހައްގު ގޮތުގައި ޒަކާތުގެ ނަފާ ލިބިދެވޭނެ މަގު ހަމަޖެއްސުމަށްޓަކައި ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް މިއަދު އިފުތިތާހުކޮށްފި އެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ޒަކާތު ހައުސް އިފުތިތާހު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގަތެވެ.
މިއަދުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޒަކާތު ހައުސްގެ އަލީގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ގާއިމުކުރާ ޒަކާތާއި ސަދަގާތުގެ އަދުލުވެރި އަދި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، ޒަކާތް ނެގުމާއި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމާއި ފުދުންތެރި މުޖުތަމައެއް ބިނާކުރާނެ ކަމަށެވެ.
ޒަކާތު ހައުސް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޒަކާތުގެ މަތިވެރިކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، ޒަކާތު ހައުސް އުފައްދަނީ މީހުންގެ ހޭލުންތެރިކަން އިތުރުކޮށް، އިލްމީ ދިރާސާތައް އިތުރުކޮށް، މަތިވެރި ހުކުމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނެގެހެއްޓުމަށް ކަަމަށެވެ.
ޝަހީމް ވަނީ މެނިފެސްޓޯގައި ޒަކާތަށް އިސްކަމެއް ދެއްވައި، ޒަކާތު ހައުސް އުފެއްދުމަށް ރައީސް ޑރ. މުއިއްޒު ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެ މަނިކުފާނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ޒަކާތު ހައުސްގެ ލޯގޯއާއި ކުލަ ދައްކާލައިފަ އެވެ. އަދި ޒަކާތުގެ މުހިންމު ކަމާ ގުޅޭ ވީޑީއޯ ރިޕޯޓެއް ވެސް ދައްކާލައިފައިވެ އެވެ.
ޒަކާތު ހައުސް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ޝަހީމް ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ޒަކާތް ހައްގުވާ ފަރާތްތައްކަށް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި މުދަލު ޒަކާތުގެ ނިސޯބު އިއުލާނުކުރުމާއި ފަގީރުންނާއި މިސްކީނުންގެ ދަފްތަރު ބެލެހެއްޓުން ހިމެނެ އެވެ.
ޒަކާތު ފަންޑުގެ މަންފާ ދެމެހެއްޓެނިވި ގޮތެއްގައި ލިބިދިނުމަށް އެ ފަންޑު ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރުމާއި އެކަމުގެ އަސާސީ މިންގަނޑުތައް ކަނޑައަޅައި އާންމުކުރުމަކީ ވެސް އެ އިދާރާގެ މެންޑޭޓުގައި ހިމެނޭ ކަމެކެވެ.
ރާއްޖޭގެ މާހައުލުގައި ޒަކާތާ ގުޅޭ ގޮތުން ދިމާވާ މައްސަލަތައް ދެނެގަތުމާއި ދިރާސާތައް ކުރުމާއި އެކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަކީ ވެސް ޒަކާތު ހައުސްގައި ހިމެނޭ ކަމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންތަކު
03 January 2024
ޒަކާތުހައުސް އޭ .. ޒަކާތުގެ . ކޮބާ ދިވެހި މިނިސްޓަރު
ކަސްއަނދުވާނި
03 January 2024
މުދަލުގެ ޒަކާތަށް އަމާނާތްތެރިވުމަކީ އެނެގުން ވާޖިބްފަދައިން ވާޖިބްވާނެ ކަމެކެވެ. މިކަހަލަ ތަންތަން ހަދައި މިފައިސާއަށް ޚިޔާނާތްތެެރިވެ މީހުން މުދަލުގެ ޒަކާތާއި ދެކޮޅުވެ އެއްމެފަހުން ބޮޑު ފަސާދައަކަށް ވެސް މިކަން ހިނގައިދާނެއެވެ. ދިވެހި ސިޔާސީވެރިންގެ ތެރޭގައި ﷲއަށް ބިރުވެތިވާ މީހުންނަކީ ތަދު ބަޔަކެެވެ. ވީމާ މިކަމުން ނުރަނގަޅު ނަތީޖާއެއްވެސް ނިކުތުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. މިއީ ހެޔޮނިޔަތެއް ނެތި ސިޔާސީގޮތުން ކުރާކަމެއްނަމަ ހުއްޓާލާށެވެ.
ވަރަށް ވާހަކަ
02 January 2024
އެމްޑީޕީ ކުދިންކޮޅު މިކަމުންވެސް ފިތުނަ އުފެއްދޭތޯ ބަލާނެ
މާޢިން
02 January 2024
ކަންކަން ހިންގޭ މީހުންނަށޤ ކަންކަން ހަވާލު ކުރީމަ އޭގެ ނަތީޖާ އަމަލުން ފެނިގެންދާނެ، ސާބަހޭ
ހުޒާމު
02 January 2024
ގާބިލު ވިސްނުންތޫނު ދެދުވެރި ވެރިންނަކީ މީ
ހުސޭނާ.
02 January 2024
ވަރަށްވެސް ފުރިހަމަ
އަފްރާސިޔާބު
02 January 2024
އެއީ ކުރުން ރަނގަޅު ކަމެކޭ. ޒަކާތު ހައުސް އިން ކުރާނީ ޒަކާތް ދައްކުމަށް މީހުން ހޭލުންތެރި ކުރުވުމޭ. ޒަކާތަކީ ދީނުގެ ތިންވަނަ ރުކުނޭ. ޒަކާތުގެ ނިޞާބު ހަމަވާ މުދަލުން ނުވަތަ ފައިސާ އިން ޒަކާތް ނެރުމަކީ ވާޖިބު ކަމެކޭ. މި މަތިވެރި ރުކުނަށް މީހުން ހޭލުންތެރިކުރުމުން ޒަކާތް ނެރޭނެޔޭ. އެއީ މުދަލުގައި ބަރަކާތް ލައްވާނެ ކަމެކޭ. އެހެންނަމަވެސް އެއީ ޙަރާން ގޮތުގައި ހޯދާފައިވާ އެއްޗެއްނަމަ ކިތަންމެ ގިނަވިޔަސް އެއަކުން ދުނިޔަވީ ނަފާ ނޫނީ ނުލިބޭނެތޭ.
ބުނާތޫ
02 January 2024
ދިވެހިބަސް ކުރިއަރުވަން އައި ބަޔަކު " ޒަކާތު ހައުސް" ކިޔުމުން ހަމައެއްނުޖެހޭ. ތިޔަށްވުރެ " ޒަކާތު ބިނާ" ނުވަތަ " ޒަކާތު ހިޔާ" ކީ ނަމަވެސް ތަންކޮޅެއް ދިވެހި ބަސްމަގާ ގުޅުނީސް
އަލިމަނިކު
02 January 2024
ޑރ. ޝަހީމު އަކީ އެލީޓް ޝަހުޝިއްޔަތެއް. ރައީސް ޑރ. މުއިއްޒު އަށް އަދި ގައުމަށް ނުހަނު ބޭނުންތެރި ބޭކަލެއް. ކާމިޔާބަށް އެދެން.
އަބްޑޫޅް +
02 January 2024
ޒަކާތުގެ ނުކީ ދިވެހިބަސް ދެކޭ ގަންނަ ލަދުން ދޯ؟