މާލެ ސަރަހައްދަށް މިއަދު ވެސް، ސިއްހަތަށް "ނުރަނގަޅު"ވާ ވަރަށް ވައި ނުސާފު ކަމަށާއި މި ހަފްތާ އެއްކޮށް މި ސަރަހައްދުގެ ވައި ނުސާފު ކަމަށް އެއާ ކޮލިޓީ އިންޑެކްސް އިން ދައްކައިފި އެވެ.
ވައިގެ ކޮލިޓީ ބެލުމަށް ހަދާފައިވާ ވެބްސައިޓްް "އައިކިޔު އެއާ ވިޝުއަލް އެޕް" އިން ދައްކާ ގޮތުގައި، މާލެ ސަރަހައްދުގެ ވައިގެ ނުސާފުމިން ހުރީ 168ގަ އެވެ.
ވައިގެ ފެންވަރު ރަނގަޅު ކަމަށް ބަލަނީ 50-99 އާ ދޭތެރޭގެ މިންގަނޑަކުންނެވެ. އެ މިންގަނޑުން ބޭރުވެއްޖެ ނަމަ، އެކި ބަލިތަކުގައި އުޅޭ މީހުންގެ ސިއްހަތަށް އަސަރުކުރާނެ އެވެ. އަދި އެއަށްވުރެ ބޮޑަށް ވައި ނުސާފުވެއްޖެ ނަމަ ސިއްހަތަށް ބޮޑެތި ގެއްލުންތައް ލިބޭނެ އެވެ. ބޭރަށް ނުކުތުން އެންމެ ނުރައްކާވާނެ ކަމަށް ދައްކަނީ އޭކިއުއައި 250 އަށްވުރެ މައްޗަށް ހިނގައްޖެ ނަމަ އެވެ.
މާލެ ސަރަހައްދުގެ ވައި ނުސާފުވުން ރަނގަޅުވާނެ ކަމަށް ދައްކަނީ އަންނަ ހުކުރު ދުވަހު އެވެ. އެކަމަކު އަންނަ ހަފްތާގައި ވެސް ވައި ނުސާފު ވާނެ ކަމަށް ކޮލެޓީ އިންޑެކްސް އިން ދައްކަ އެވެ.
ރާއްޖޭގައި ވައިގެ ކޮލިޓީ އެންމެ ރަނގަޅު ކަމަށް ދައްކަނީ ލ. އަތޮޅަށެވެ.
ނުސާފު ވައިން ރައްކާތެރިވުމަށް އެޗްޕީއޭގެ އިލްތިމާސް
- ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި އަދި އެލާޖީ މައްސަލަ ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
- ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުން
- ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަވަގުތު ހޭދަ ނުކުރުން
- ތުއްތު ކުދިން ބޭރަށް ނުނެރުން
- ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
- ކަސްރަތުކުމާއި ކުޅިވަރު ކުޅުންފަދަ ކަންކަން މަޑުޖައްސާލުން
މެޓު އޮފީހުން އިއްޔެ ބުނެފައި ވަނީ އިރުމަތިން ޖެހޭ ވައިގެ ސަބަބުން އުތުރާއި މެދުރާއްޖޭގެ ވައި ނުސާފުވެ، ހަމަ ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. ސާފު ދުވަހެއްގައި 10 ކިލޯ މީޓަރަށް ވުރެ ދުރު ފެނުނަސް، ފާއިތުވި 24 ގަޑިއިރު، ހާއްސަކޮށް މެދުރާއްޖޭގެ ސަރަހައްދަށް އެ މިންވަރު ފަސް ކިލޯ މީޓަރަށް ދަށްވެފައިވާ ކަމަށް ބުންޏެވެ.
މިދިޔަ އަހަރުގެ މި ދުވަސްވަރު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ނުސާފުވެ، ދުރު ފެންނަ ވަރު 60 ޕަސެންޓް ދަށަށް ދިޔަ އެވެ. އުތުރު އިންޑިއާގެ ހިމާލިޔަން ސަރަހައްދުގައި ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެ އަށް މިދިޔަ އަހަރު ވެސް ކޮށްފައި ވާއިރު މި އަހަރު ވެސް އުތުރު އިންޑިއާގައި މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް ވައި ނުސާފުވެ ދަތުރުފަތުރަށް ވެސް ހުރަސްއެޅިފަ އެވެ.