މިއަދު ވެސް ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެ "ރެޑް އެލާޓު"ގެ ހާލަތުގައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޮޑު ސަރައްހައްދަކަށް މިއަދު ދުންފުހުގެ ނުވަތަ ނުސާފު ވައިގެ އަސަރުކުރާނެ އެވެ.
"މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާ،" އެޗްޕީއޭ އިން ބުންޏެވެ.
މިވަގުތުގެ ހާލަތު
ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، އެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 154 ގަ އެވެ.
އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. އޭގެ މަނާއަކީ ވައިގެ ނުސާފުކަން، އެންމެންނަށް ނުރައްކާވާ މިންވަރަށް ހުރުމެވެ. އަދި އެއާ ކޮލިޓީ އިންޑެކްސް 101-150 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ އޮރެންޖު އެލާޓެވެ. އޭގެ މާނައަކީ ހައި ރިސްކު މީހުން ހާއްސަ ސަމާލުކަމެއް ދޭން ޖެހުމެވެ.
"އައިކިއު އެއާ"ގައި ހުރި މައުލޫމާތުން ދައްކާ ގޮތުން ވިލިމާލޭގައި "ފައިން ޕާޓިކިއުލޭޓް މެޓާ" (ހިރަފުސް ކުނޑި) ނުވަތަ ޕީއެމް2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 60 މައިކްރޯ ގްރާމްގަ އެވެ. އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 12 ގުނަ މަތީ މިންވަރެކެވެ.
މި ހާލަތުގައި ބޭރު ތެރޭގައި އުޅޭ މިންވަރު މަދުކޮށް، ބޭރަށް ނުކުންނަނަމަ މާސްކު އެޅުން ވަރަށް މުހިންމެވެ. ގޭތެރެއަށް ނުސާފު ވައި ވަނުމުގެ ފުރުސަތު ކުޑަކުރުމަށް ދޮރުތައް ބަހައްޓަން ވާނީ ބަންދުކޮށްފަަ އެވެ. އަދި ގޭގައި އެއާ ޕިއުރިފަޔާއެއް ބޭނުން ކުރެވިދާނެ އެވެ.
- ހދ. ކުޅުދުއްފުށީގައި ހުރީ 159 ގައި
- ށ. ފުނަދޫގައި ހުރީ 68 ގައި
- ދ. ކުޑަހުވަދޫގައި ހުރީ 119 ގައި
- ފުވައްމުލަކުގައި ހުރީ 82 ގައި
- އައްޑޫގައި ހުރީ 110 ގައި
މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެއަށް ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ކުރެ އެވެ. ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.
އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ މި ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. ދުން ގިނަވެ، ފުސްވުމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ދަށްވުމުން ދަތުރުފަތުރު ކުރުމަށް ވެސް އުނދަގޫވެ އެވެ. އަދި ސިއްހީ އެކި މައްސަލަތައް ވެސް ކުރިމަތިވެ އެވެ.