ވައި ނުސާފުވާ މައްސަލަ އަށް ހައްލެއް ހޯދަން އިންޑިއާއާ އެކު، މިހާތަނަށް ސީދާ މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ދިވެހި ސަރުކާރުން އިއްޔެ ބުނެފި އެވެ.
އިރުވައި މޫސުމުގައި ރާއްޖޭގެ ވައިގެ ސަރަހައްދަށް އަންނަ ނުސާފު ވައިގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ ވަޔެވެ.
އެހެންވެ، މި މައްސަލައަށް ހައްލެއް ހޯދުމަށް ސީދާ އިންޑިއާ އެކު އެއްވެސް މަޝްވަރާއެއް ކޮށްފައިވޭތޯ، އާރުޓީއައި މެދުވެރިކޮށް "މިހާރު" އިން ކުރި ސުވާލަށް ދިން ޖަވާބުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ އެ މައްސަލައާ ގުޅިގެން އިންޑިއާއާ އެކު ބައިލެޓްރަލް ބައްދަލުވުމެއް އެ މިނިސްޓްރީގެ ފަރާތުން ބާއްވާފައި ނުވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އިންޑިއާގެ ފަރާތުން ވަކި އެހީތެރިކަމެއް ދިވެހި ސަރުކާރަށް ލިބިފައި ނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
"އެހެން ނަމަވެސް، މިކަމަށް ހައްލެއް ހޯދުމަށް، މި ސަރަހައްދުގެ ގައުމުތައް ގުޅިގެން، އިންޑިއާ ހިމެނޭހެން، 'މާލެ ޑިކްލެރޭޝަން އޮން ކޮންޓްރޯލް އެންޑް ޕްރިވެންޝަން އޮން އެއާ ޕޮލިއުޝަން އެންޑް އިޓްސް ލައިކްލީ އިފެކްޓްސް ފޯ ސައުތު އޭޝިއާ' ފަދަ ޕްލެޓްފޯމްތައް މެދުވެރިވެގެން ދަނީ މަސައްކަތް ކުރަމުންނެވެ،" މިނިސްޓްރީން ބުންޏެވެ.
"މިހާރު" އިން ކުރިން ހުށަހެޅި އާރުޓިއައިއަކަށް ދިން ޖަވާބުގައި މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ޓްރާންސްބައުންޑާ ހޭޒް/ޕޮލިއުޝަންގެ ސަބަބުން ރާއްޖޭގެ ވައި ނުސާފުވުމަށް މިހާރު ދިމާވާ މައްސަލައަކީ އާންމު ސިއްހަތަށާއި ތިމާވެއްޓަށް ހުރި ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އަދި އެކަމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއްދޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އިރުވައި މޫސުން ފެށުމާ އެކު، އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ. މި ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. އަދި ދަނޑުވެރިކަމުން އުފެދޭ ކުނި ނައްތާލުމަށް އެ ތަކެތި އެންދުމާއި ކަރަންޓު އުފެއްދުމަށް ކޯލް އެންދުން އަދި އުމްރާނީ ތަރައްގީއަށް ހިންގާ ބޮޑެތި ކޮންސްޓްރަކްޝަން މަސައްކަތްތަކުން އުފެދޭ ކުނޑި އާއި ދުމެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ޑިސެމްބަރު 2024 ގައި އާންމުކޮށްފައިވާ "މޯލްޑިވްސް ނޭޝަނަލް އެކްޝަން ޕްލޭން އޮން އެއާ ޕޮލިއުޝަން" އިން އެނގޭ ގޮތުގައި މާލެ މަތީގައި އުފެދޭ ނުސާފުވައިގެ 70 ޕަސެންޓަކީ ސަރަހައްދީ ގޮތުން ރާއްޖެ މައްޗަށް ޖަމާވާ ނުސާފު ވަޔެވެ. ބާކީ 30 ޕަސެންޓަކީ މިތަނުގައި ދުއްވާ އެކި ކަހަލަ އުޅަނދުތަކުން އަދި އެ ނޫން ވެސް ގޮތްގޮތުން އުފެދޭ ނުސާފު ވަޔެވެ.
މީގެ 27 އަހަރު ކުރިން 1999 ގައި ޔޫރަޕާއި އިންޑިއާ އަދި އެމެރިކާގެ 200 އަށް ވުރެ ގިނަ ސައިންސްވެރިން ބައިވެރިވެގެން ކުރިއަށް ގެންދިޔަ "އިންޑިއަން އޯޝަން އެކްސްޕެރިމެންޓް" އިން ވަނީ އިންޑިއާ ކަނޑުގެ އުތުރުގެ ސަރަހައްދާއި ރާއްޖޭގެ މަތީގައި ދާއިމީ "ބްރައުން ކްލައުޑް" ނުވަތަ މުށިކުލައިގެ ދުންފިނީގެ ފަށަލައެއް އުފެދިފައިވާކަން އެނގިފަ އެވެ.
މި ސަރަހައްދުގެ ޖައްވު ތަޣައްޔަރުކުރާ މާއްދާތަކުގެ ގާތްގަނޑަކަށް 75-80 ޕަސެންޓް އުފެދެނީ ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ހިންގާ އިންސާނީ ހަރަކާތްތަކުގެ ސަބަބުން ކަމަށް އެ ދިރާސާގައި ވެސް ބުނެފައިވެ އެވެ.
ވައި ނުސާފުވާ ދުވަސްވަރު ރާއްޖޭގައި ނޭވާލާ ނިޒާމުގެ ބަލިތައް އަހަރަކަށް ވުރެ އަހަރަކު އިތުރުވަމުންދާ ކަން ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.