ރާއްޖެއަށް ކުރިމަތިވެފައިވާ ވައި ނުސާފުވުމުގެ މައްސަލައަކީ އާންމު ސިއްހަތަށާއި ތިމާވެއްޓަށާއި އިގުތިސާދަށް ވެސް އޮތް ނުރައްކަލެއް ކަމަށް ބަލައިގެން ސަރުކާރުން އެކަމަށް ހާއްސަ އިސްކަމެއް ދޭ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ވައި ނުސާފުވާ މައްސަލައާ ގުޅިގެން އާންމުންގެ ހުރި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި އަދި ޓްރާންސްބައުންޑާ ހޭޒް/ޕޮލިއުޝަންގެ ސަބަބުން ވައިގެ ނުސާފުވެ، އާންމު ދިރިއުޅުމަށާއި އިގްތިސާދަށް ނޭދެވޭ އަސަރު ކުރާނެކަން ގަބޫލުކުރާ ކަމަށެވެ.
އެ ހާލަތަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ސަރަހައްދުގެ ގައުމުތަކުން ބޭރުކުރާ ވިހަ ގޭހާއި ދުންތައް މޫސުމީ ވަޔާއެކު، ރާއްޖެއާ ހަމައަށް ފޯރާ ކަމަށާއި ރާއްޖޭގެ ބިމުގެ ނިސްބަތް ކުޑަވުމާއެކު ކުޑަ ސަރަހައްދެއްގައި ގިނަ ބަޔަކު ދިރިއުޅޭތީ، އެފަދަ ތިމާވެށީގެ ބަދަލުތަކުގެ ނުރައްކާ ރާއްޖެއަށް ބޮޑު ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މައްސަލަ ހައްލުކުރުމަށް މިނިސްޓްރީން ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ސައިންޓިފިކް ދިރާސާތައް ކުރުމާއި މައުލޫމާތު ބަދަލުކުރުން އަދި ސަރަހައްދީ ގައުމުތަކާ އެކު މަޝްވަރާކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނިގޮތުގައި ތިމާވެށި ރައްކާތެރިކުރުމަށް އިސްކަންދޭ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، ވައިގެ ކޮލިޓީ ރަނގަޅު ކުރުމަށް ބޭރުގެ ފަރާތްތަކާއެކު ކުރާ މަސައްކަތްތައް ރާއްޖެއިން ހުއްޓުމެއްނެތް ކުރިއަށް ގެންދާނެ އެވެ.
ރާއްޖޭގެ ވައި ނުސާފުވާ މައްސަލައަކީ އާންމު ސިއްހަތަށާއި ތިމާވެއްޓަށް ހުރި ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ގަބޫލުކުރާ ކަމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން ކުރި ސުވާލަށް ދިން ޖަވާބުގައި އެންވަޔަރްމެންޓް މިނިސްޓްރީން މިމަހު ކުރީކޮޅުގައި ބުނެފައިވެ އެވެ.
ނަމަވެސް، އެ މިނިސްޓްރީން އޭރު ބުނެފައިވަނީ ވައި ނުސާފުވާ މައްސަލަ އަށް ހައްލެއް ހޯދަން އިންޑިއާއާއެކު، މިހާތަނަށް ސީދާ މަޝްވަރާއެއް ކޮށްފައިނުވާ ކަމަށެވެ.
ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އިރުވައި މޫސުން ފެށުމާ އެކު، އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ. އެ ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. އަދި ދަނޑުވެރިކަމުން އުފެދޭ ކުނި ނައްތާލުމަށް އެ ތަކެތި އެންދުމާއި ކަރަންޓު އުފެއްދުމަށް ކޯލް އެންދުން އަދި އުމްރާނީ ތަރައްގީއަށް ހިންގާ ބޮޑެތި ކޮންސްޓްރަކްޝަން މަސައްކަތްތަކުން އުފެދޭ ކުނޑި އާއި ދުން ވެސް ހިމެނެ އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީން ޑިސެމްބަރު، 2024 ގައި އާންމުކޮށްފައިވާ "މޯލްޑިވްސް ނޭޝަނަލް އެކްޝަން ޕްލޭން އޮން އެއާ ޕޮލިއުޝަން" އިން އެނގޭ ގޮތުގައި މާލެ މަތީގައި އުފެދޭ ނުސާފުވައިގެ 70 ޕަސެންޓަކީ ސަރަހައްދީ ގޮތުން ރާއްޖެ މައްޗަށް ޖަމާވާ ނުސާފު ވަޔެވެ. ބާކީ 30 ޕަސެންޓަކީ ރާއްޖޭގައި ދުއްވާ އެކި ބާވަތުގެ އުޅަނދުތަކުން އަދި އެ ނޫން ވެސް ގޮތްގޮތުން އުފެދޭ ނުސާފު ވަޔެވެ.
މީގެ 27 އަހަރު ކުރިން 1999 ގައި ޔޫރަޕާއި އިންޑިއާ އަދި އެމެރިކާގެ 200 އަށް ވުރެ ގިނަ ސައިންސްވެރިން ބައިވެރިވެގެން ކުރިއަށް ގެންދިޔަ "އިންޑިއަން އޯޝަން އެކްސްޕެރިމެންޓް" އިން ވަނީ އިންޑިއާ ކަނޑުގެ އުތުރުގެ ސަރަހައްދާއި ރާއްޖޭގެ މަތީގައި ދާއިމީ "ބްރައުން ކްލައުޑް" ނުވަތަ މުށިކުލައިގެ ދުންފިނީގެ ފަށަލައެއް އުފެދިފައިވާކަން އެނގިފަ އެވެ.
މި ސަރަހައްދުގެ ޖައްވު ތަޣައްޔަރުކުރާ މާއްދާތަކުގެ ގާތްގަނޑަކަށް 75-80 ޕަސެންޓް އުފެދެނީ ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ހިންގާ އިންސާނީ ހަރަކާތްތަކުގެ ސަބަބުން ކަމަށް އެ ދިރާސާގައި ވެސް ބުނެފައިވެ އެވެ.
ވައި ނުސާފުވާ ދުވަސްވަރު ރާއްޖޭގައި ނޭވާލާ ނިޒާމުގެ ބަލިތައް އަހަރަކަށް ވުރެ އަހަރަކު އިތުރުވަމުންދާކަން ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.