ރާއްޖޭގެ ވައި ނުސާފުވާ މައްސަލައަކީ އާންމު ސިއްހަތަށާއި ތިމާވެއްޓަށް ހުރި ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ގަބޫލުކުރާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފި އެވެ. 

ރާއްޖޭގެ ވައި ނުސާފުވާ މައްސަލަ ސަރުކާރުން ސީރިއަސްކޮށް ބަލާތޯ، އާރުޓީއައި މެދުވެރިކޮށް "މިހާރު" އިން ކުރި ސުވާލަށް ދިން ޖަވާބުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިދިޔަ ހަފުތާގައި ބުނީ، ޓްރާންސްބައުންޑާ ހޭޒް/ޕޮލިއުޝަންގެ ސަބަބުން ރާއްޖޭގެ ވައި ނުސާފުވުމަށް މިހާރު ދިމާވާ މައްސަލައަކީ އާންމު ސިއްހަތަށާއި ތިމާވެއްޓަށް ހުރި ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އަދި އެކަމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއްދޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

މިނިސްޓްރީން ބުނީ ރާއްޖޭގެ ވައިގެ ސާފު މިނުގެ ހާލަތު ދެނެގަތުމަށް، ވަކިން ހާއްސަކޮށް ޓްރާންސްބައުންޑާ އެއާ ޕޮލިއުޝަން ދިރާސާކުރުމުގެ މަސައްކަތް މެޓް އޮފީހުގެ ހދ. ހަނިމާދޫ މޯލްޑިވްސް ކްލައިމެޓް އޮބްޒަވޭޓަރުން ކުރާ ކަމަށެވެ. އަދި އެ ދާއިރާއިން މިހާތަނަށް ކުރި ދިރާސާތައް އެކި ސައިންޓިފިކް ޖާނަލްތަކުގައި ޝާއިއު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. 

"ވައިގެ ކޮލިޓީ މޮނިޓާކުރުން ހަރުދަނާ ކުރުމަށް، ރެގިއުލޭޓާ ރެފަރެންސް ގްރޭޑް ސްޓޭޝަންތައް ގާއިމުކުރުމަށް ޕްރޮޖެކްޓެއް އެކުލަވާލާ ކުރިއަށް އެބަދެ އެވެ. މި ޕްރޮޖެކްޓުގެ ދަށުން މާލެ ސިޓީގައި އެއާ ކޮލިޓީ މޮނިޓަރިން ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ،" މިނިސްޓްރީން ބުންޏެވެ.

ވައިގެ ކޮލިޓީ ބެލެހެއްޓުމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ފަންނީ އަދި މާލީ އެހީ ހޯދުމަށް، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން މައުލޫމާތު ބަދަލުކުރުމުގައި ބައިވެރިވެ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

"ޓްރާންސްބައުންޑާ ހޭޒް/ޕޮލިއުޝަން އަކީ އެއް ގައުމަކުން އަމިއްލައަށް ހައްލު ހޯދޭނެ މައްސަލައަކަށް ނުވާއިރު މިކަމަށް ރަނގަޅު ހައްލެއް ލިބޭނެ ގޮތްތައް ދެނެގަތުމަށް ގައުމީ އަދި ސަރަހައްދީ ފެންވަރުގައި ބޭއްވޭ އެކި މަޝްވަރާތަކުގައި ބައިވެރިވެ އެވެ،" މިނިސްޓްރީން ދިން ޖަވާބުގައިވެ އެވެ.

މިނިސްޓްރީން ބުނީ ކޮންމެ އަހަރެއްގައި ވެސް ޓްރާންސްބައުންޑަ ހޭޒްގެ އަސަރު ރާއްޖެއަށް އެންމެ ބޮޑުވާ ދުވަސްވަރު، ހެލްތް މިނިސްޓްރީ ފަދަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ވައިގެ ކޮލިޓީ އަށް އަންނަ ބަދަލު އާންމުންނަށް އަންގައިދިނުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް މައުލޫމާތު ހިއްސާކުރާ ކަމަށެވެ. އަދި އާންމުންނަށް ވައިގެ ނުސާފު މިންވަރު ބަލާލެވޭނެ ގޮތާ މެދު އަހުލުވެރި ކުރުމަށްޓަކާ ޓީވީ/ރޭޑިއޯ ގެ ޒަރިއްޔާއިން މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އިރުވައި މޫސުން ފެށުމާ އެކު، އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ. މި ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. އަދި ދަނޑުވެރިކަމުން އުފެދޭ ކުނި ނައްތާލުމަށް އެ ތަކެތި އެންދުމާއި ކަރަންޓު އުފެއްދުމަށް ކޯލް އެންދުން އަދި އުމްރާނީ ތަރައްގީއަށް ހިންގާ ބޮޑެތި ކޮންސްޓްރަކްޝަން މަސައްކަތްތަކުން އުފެދޭ ކުނޑި އާއި ދުމެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ޑިސެމްބަރު 2024 ގައި އާންމުކޮށްފައިވާ "މޯލްޑިވްސް ނޭޝަނަލް އެކްޝަން ޕްލޭން އޮން އެއާ ޕޮލިއުޝަން" އިން އެނގޭ ގޮތުގައި މާލެ މަތީގައި އުފެދޭ ނުސާފުވައިގެ 70 ޕަސެންޓަކީ ސަރަހައްދީ ގޮތުން ރާއްޖެ މައްޗަށް ޖަމާވާ ނުސާފު ވަޔެވެ. ބާކީ 30 ޕަސެންޓަކީ މިތަނުގައި ދުއްވާ އެކި ކަހަލަ އުޅަނދުތަކުން އަދި އެ ނޫން ވެސް ގޮތްގޮތުން އުފެދޭ ނުސާފު ވަޔެވެ. 

މީގެ 27 އަހަރު ކުރިން 1999 ގައި ޔޫރަޕާއި އިންޑިއާ އަދި އެމެރިކާގެ 200 އަށް ވުރެ ގިނަ ސައިންސްވެރިން ބައިވެރިވެގެން ކުރިއަށް ގެންދިޔަ "އިންޑިއަން އޯޝަން އެކްސްޕެރިމެންޓް" އިން ވަނީ އިންޑިއާ ކަނޑުގެ އުތުރުގެ ސަރަހައްދާއި ރާއްޖޭގެ މަތީގައި ދާއިމީ "ބްރައުން ކްލައުޑް" ނުވަތަ މުށިކުލައިގެ ދުންފިނީގެ ފަށަލައެއް އުފެދިފައިވާކަން އެނގިފަ އެވެ. 

މި ސަރަހައްދުގެ ޖައްވު ތަޣައްޔަރުކުރާ މާއްދާތަކުގެ ގާތްގަނޑަކަށް 75-80 ޕަސެންޓް އުފެދެނީ ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ހިންގާ އިންސާނީ ހަރަކާތްތަކުގެ ސަބަބުން ކަމަށް އެ ދިރާސާގައި ވެސް ބުނެފައިވެ އެވެ.