އިންޑިއާގައި ފާހަގަކުރާ ދިވާލީ އީދާ ގުޅިގެން ބަޑިބޭހުގެ ކުޅިވަރުތައް ބޭއްވިޔަސް އެކަމުގެ ސަބަބުން ވައި ނުސާފުވާ މިންވަރު އިތުރުނުވާ ކަމަށް ބުނެ، ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ލީޑަރުން އެކަން ދިފާއުކުރަން ފަށައިފި އެވެ.

ބީޖޭޕީގެ ބައެއް އިސް ލީޑަރުން ދަނީ އީދުގެ އުފާފާޅުކުރުމަށް ހުރަސްއަޅައި ބަޑިބޭހުގެ ކުޅިވަރާއި ހަވާއެރުވުން މަނާކޮށްގެން ނުވާނެ ކަމަށް ބުނަމުންނެވެ. އަދި ވެރިރަށް ނިއު ދިއްލީ އާއި އެހެން ސަރަހައްދުތަކުގެ ވައި ނުސާފުވަނީ އެހެން ސަބަބުތަކާ ހެދި ކަމަށް އެ ޕާޓީން ދަނީ ބުނަމުންނެވެ.

އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އާދިތުޔަނާތު ވިދާޅުވި ގޮތުގައި، ބަޑިބޭހުގެ ސަބަބުން ވައި ނުސާފުވި ނަމަވެސް އެކަން ވަރަށް އަވަހަށް ހައްލުވެ، ވައި ސާފުވެގެންދާނެ އެވެ. އަދި ރައްޔިތުންނަށް މިނިވަންކަމާ އެކު އީދު ފާހަގަކުރުމުގެ ފުރުސަތު ދިނުމަށްޓަކައި އޭނާގެ ސަރުކާރުން ބަޑިބޭހުގެ ކުޅިވަރު މަނާނުކުރަން ނިންމީ ގަސްތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިއްލީގެ މިނިސްޓަރު ކަޕިލް މިޝްރާ ވިދާޅުވީ، ބަޑިބޭހުގެ ސަބަބުން ވައި ނުސާފުވާ މިންވަރު (އޭކިއުއައި) މަތިވީ ވަގުތީ ގޮތުން ކަމަށާއި މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެ މިންވަރު އާންމު ހާލަތަށް ރުޖޫއަވެފައިވާ ކަމަށެވެ. އަދި ދިއްލީގެ ވައި ނުސާފުވުމުގެ ޒިންމާ އޭނާ އެޅުވީ އިދިކޮޅު އާމް އާދުމީ ޕާޓީ (އޭއޭޕީ) އިން ވެރިކަންކުރާ ޕަންޖާބު ސްޓޭޓްގެ ދަނޑުތަކުގައި ރޯކުރާ އަލިފާނުގެ މައްސަލައާ އެވެ.

މީގެ އިތުރުން ވެސް ބީޖޭޕީގެ ބައެއް މެންބަރުންގެ ވާހަކަތަކަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އެގޮތުން، ބަޑިބޭހުން ޖަރާސީމާއި ވައިރަސްތައް ނެތިދާ ކަމަށް ބުނާ ބޯދާ ވިސްނުމެއް ތަކުރާރުކުރެއްވި ވެސްޓް ބެންގާލްގެ ބީޖޭޕީ މެންބަރު ޕާޕިއާ އަދިކާރީ ވަނީ ފާޑުކިޔުންތައް ބޮޑުވުމުން މާފަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް، ބީޖޭޕީގެ އިސް ލީޑަރެއް ކަމަށްވާ މަނޭކާ ގާންދީ ވަނީ ޕާޓީގެ ވިސްނުމާ ހިލާފަށް، އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި މުޅި އިންޑިއާގައި ބަޑިބޭސް މަނާކުރުމަށް ގޮވާލައްވައިފަ އެވެ.

ބީޖޭޕީން މިހެން ބުނި ނަމަވެސް، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދިވާލީގެ ރޭ ދިއްލީގެ ވައި ނުސާފުވި މިންވަރު ވަނީ 376 އަށް އަރާފަ އެވެ. މިއީ 2021 ވަނަ އަހަރުގެ ފަހުން ދިވާލީއެއްގައި ދިއްލީގެ ވައި އެންމެ ބޮޑަށް ނުސާފުވި ފަހަރެވެ. އަދި ޖެހިގެން އައި ދުވަހުގެ ހެނދުނު ދިއްލީގެ ގިނަ ސަރަހައްދުތަކުގެ އޭކިއުއައި ހުރީ ނުރައްކާތެރި މިންވަރެއް ކަމަށްވާ 400 އިން މަތީގަ އެވެ. ދިއްލީގެ ވައި ނުސާފުވުމުގެ 71 ޕަސެންޓް ހިއްސާކުރަނީ ބަޑިބޭސް ކަމަށް ވެސް ރިޕޯޓްތަކުން ދައްކަ އެވެ.

މިކަމާ ގުޅިގެން، އިދިކޮޅު ކޮންގްރެސް ޕާޓީ އާއި އޭއޭޕީން ވަނީ ދިއްލީގެ ބީޖޭޕީ ސަރުކާރުން ވައި ނުސާފުވި މިންވަރުގެ ހިސާބުތައް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ބީބީސީން ކުރި ތަހުގީގަކުން އެނގިފައިވާ ގޮތުގައި، ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑުން ވަނީ ވައި ނުސާފުވި މިންވަރު އެންމެ މަތިވި ވަގުތުތަކުގެ ރީޑިންގްތައް އާންމު ހިސާބުތަކުން އުނިކޮށްފަ އެވެ. އޭގެ ސަބަބުން ރަސްމީ ހިސާބުތަކުން ދެއްކީ ހަގީގީ މިންވަރަށް ވުރެ ދެބައިކުޅަ އެއްބައި ދަށް އަދަދެކެވެ.