ވައި ތަޣައްޔަރުވެ، އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަނެއްކާވެސް ހާސްކަމުގެ ތެރެއަށް ހިނގައްޖެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ އެންމެ ދަށް މިންގަނޑަށް ވުރެ 30 ގުނަ އިތުރަށް ދިއްލީގައި މިހާރު ވަނީ ވައި ތަޣައްޔަރުވެ ނުރައްކާވެފަ އެވެ.
ވައިގެ ކޮލިޓީ ބަލާ މޮނިޓަރުތަކުން ދައްކާ ގޮތުގައި، ބުދަ ދުވަހު ދިއްލީގެ ބައެއް ސަރަހައްދުތަކުގައި ޕީއެމް 2.5 (ލޭގެ ތެރެއަށް ވާސިލްވާ ކެންސަރަށް މަގުފަހިކުރުވާ ކުދި ޒައްރާތައް) ގެ މިންވަރު ވަނީ ކިއުބިކް މީޓަރަކަށް 461 މައިކްރޯގްރާމަށް ވުރެ މައްޗަށް ގޮސްފަ އެވެ.
މި ހާލަތު ގޯސްވެފައި މިވަނީ، 30 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ އެ ސިޓީގެ ތަޣައްޔަރުވުން ކުޑަކުރުމަށްޓަކައި ޓްރެފިކް ކޮންޓްރޯލް ކުރުމާއި އިމާރާތްކުރުމުގެ މަސައްކަތްތައް ހުއްޓުވުން ފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅިތާ ތިން ދުވަސް ފަހުންނެވެ. ނަމަވެސް، ކުރިއަށް އޮތް އާދިއްތަ ދުވަހު ފާހަގަކުރާ ހިންދޫންގެ "ދިވާލީ" އާ ދިމާކޮށް ބާއްވާ ހަވާއެރުވުންތަކާ އެކު މި ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބެލެވެ އެވެ. މި އަހަރު ކޯޓުން، ތިމާވެއްޓާ ރައްޓެހި "ގްރީން" ހަވާ އެރުވުމުގެ ހުއްދަ ދީފައިވީ ނަމަވެސް، އާންމުކޮށް މިފަދަ ގަވާއިދުތަކަށް އަމަލެއް ނުކުރެ އެވެ.
އިންޑިއާގެ އެންވަޔަރަންމަންޓް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދިއްލީގެ ފިނިމޫސުމުގެ ވައި ތަޣައްޔަރުވުމުގެ 23 ޕަސެންޓް ހިއްސާކުރަނީ ދުއްވާ އެއްޗެހިން އަރާ ދުމެވެ. އަދި ދަނޑުބިންތަކުން އަންދާ ބާވަތްތައް 20 ޕަސެންޓް ހިއްސާކުރާއިރު، ބޯޓުދެލިން ހިންގާ ހަކަތައިގެ ޕްލާންޓްތަކާއި ސިނާއީ މަސައްކަތްތަކުގެ 9 ޕަސެންޓް ހިއްސާވެ އެވެ.
މެޑިކަލް ޖާނަލް "ލެންސެޓް ޕްލެނެޓަރީ ހެލްތު" ގައި 2024 ވަނަ އަހަރު ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، 2009 އާއި 2019 އާ ދެމެދު އިންޑިއާގައި ވައި ތަޣައްޔަރުވުމުގެ ސަބަބުން 3.8 މިލިއަން މީހުން މަރުވެފައިވެ އެވެ.