އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ހޮޓަލެއްގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 21 މީހުން މަރުވެއްޖެ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

މިއީ އެ ސިޓީގައި މި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ހިތާމަވެރި އަދި އެންމެ ގިނަ ބަޔަކު މަރުވި އަލިފާނުގެ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާ އެވެ.

އަލިފާން ނިއްވާ ސާމާނު އިމާރާތްތަކުގައި މަދުވުމާއި، ރައްކާތެރިކަމުގެ ގަވާއިދުތަކަށް އަމަލު ނުކުރުމުގެ  ސަބަބުން އިމާރާތްތަކުގައި އަލިފާނުގެ ހާދިސާތައް ހިނގުން އިންޑިއާގައި ވަރަށް އާންމެވެ.  

ދިއްލީ ފުލުހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހެނދުނުގެ ވަގުތެއްގައި، ސިޓީގެ ދެކުނުގައި އޮންނަ ކާރޫބާރޫ ބޮޑު އަވަށެއްގައި ހުންނަ "ފްލަރިޝް ސްޓޭ" ނަމަކަށް ކިޔާ ބެޑް-އެންޑް-ބްރެކްފާސްޓް ހޮޓަލެއްގަ އެވެ.

"މި ހިތާމަވެރި ހާދިސާގައި، މަދުވެގެން 21 މީހުން މަރުވެފައިވާކަން، ހިތާމައާ އެކު އިއުލާނުކުރަން،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އަދި މިހާތަނަށް 40 އަށްވުރެ ގިނަ މީހުންނަށް ފަރުވާ ދޭން ހޮސްޕިޓަލްތަކަށް ގެންގޮސްފައިވެ އެވެ.

އިންޑިއަން އެކްސްޕްރެސް އާއި އެ ގައުމުގެ އެހެން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަރުވި މީހުންގެ ތެރޭގައި ބޭސްފަރުވާއަށް އެ ސިޓީއަށް ގޮސް އުޅުނު އެފްރިކާގެ ގައުމުތަކުގެ ބައެއް ރައްޔިތުން ހިމެނެ އެވެ.

ފުލުހުން ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އަލިފާން ނިއްވާ 8 ވެހިކަލް ބޭނުންކޮށްގެން ކަމަސެވެ.

"މި ހާދިސާގައި އަސަރުކުރި ފަރާތްތަކަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ ހުރިހާ އިދާރާއަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދޭ،" ފުލުހުން ބުންޏެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށް ވިދާޅުވެފަ އެވެ.

އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.

ނަމަވެސް، އިންޑިއާގައި އާންމުކޮށް އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބަކީ އެކަށީގެންވާ ގޮތަށް ކަރަންޓު ވަޔަރިން ނެތުމުގެ ސަބަބުން އިލެކްޓްރިކަލް ޝޯޓް ސާކިޓްތަކެވެ.

މިދިޔަ މާޗު މަހު ވެސް އިންޑިއާގެ އިރުމަތީ ހިސާބެއްގައި ހުންނަ ސަރުކާރު ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، ހާލު ބޮޑުވެގެން ފަރުވާދެމުންދިޔަ 10 ބަލި މީހުން މަރުވެފައިވެ އެވެ.