ހިންދޫންގެ ދިވާލީ ފާހަގަކުރުމަށް ރޭ ބޭއްވި ބަޑިބޭހުގެ ކުޅިވަރުތަކާ އެކު، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ބައެއް ސަރަހައްދުތަކުގެ ވައި ނުސާފުވި މިންވަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ރައްކާތެރި މިންގަނޑަށް ވުރެ 58 ގުނަ މައްޗަށް މިއަދު އަރައިފި އެވެ.

ދުނިޔޭގެ އެންމެ ވައި ނުސާފު އެއް ވެރިރަށް ކަމަށްވާ ނިއު ދިއްލީގައި ކޮންމެ އަހަރަކު ވެސް ބާއްވާ މި އީދުގައި އެތައް މިލިއަން ބަޔަކު ހަވާ އަރުވަ އެވެ. މީގެ ސަބަބުން، އުޅަނދުފަހަރުގެ ދުމާއި ދަނޑުތަކުގައި ރޯކުރާ އަލިފާނުގެ އިތުރުން ކާރުހާނާތަކުގެ ސަބަބުން ފިނި މޫސުމުގައި އުފެދޭ ނުސާފު ދުމުގެ އަސަރު އިތުރަށް ގޯސްވެ އެވެ.

ދިވާލީ ތެރޭގައި މިހާރު ހުއްދަ އޮންނަނީ ތިމާވެއްޓަށް ގެއްލުން ކުޑަ، ވައި ނުސާފުވުން މަދުކޮށްދޭ "ގްރީން" ބަޑިބޭސް ވަކި މިންވަރަކަށް ބޭނުންކުރުމަށެވެ. އިންޑިއާގެ ސުޕްރީމް ކޯޓުން މި މަހު ކަނޑައެޅި މި އުސޫލަށް އާންމުކޮށް އަމަލެއް ނުކުރެ އެވެ. ރޭ ވެސް މުޅި ސިޓީގައި ވަނީ ބާރުގަދަ ބަޑިބޭސްތައް ގޮއްވައިފަ އެވެ.

ދިވާލީ ފާހަގަކުރުމަށް އިންޑިއާގެ ނިއު ދިއްލީގައި ރޭ ކުލަތަކުން ދިއްލާފައި. -- ފޮޓޯ: އޭއެފްޕީ
ދިވާލީ ފާހަގަކުރުމަށް އިންޑިއާގެ ނިއު ދިއްލީގައި ރޭ ކުލަތަކުން ދިއްލާފައި. -- ފޮޓޯ: އޭއެފްޕީ

ވައިގެ ކޮލިޓީ މޮނިޓާކުރާ ޖަމިއްޔާއެއް ކަމަށްވާ އައިކިއުއެއާ އިން ދިއްލީ ސަރުކާރުގެ ސްޓޭޝަނެއްގެ މައުލޫމާތާ ހަވާލާދީ ބުނި ގޮތުގައި، ބަޑިބޭސް ގޮއްވުން އެންމެ ބޮޑަށް ކުރިއަށް ދިޔަ ވަގުތުގެ އަށް ގަޑިއިރު ފަހުން، މިއަދު ހެނދުނު މަންދިރް މާގް ސަރަހައްދުގައި، ކެންސަރަށް މަގުފަހިވާ ޕީއެމް 2.5 ގެ ނުރައްކާތެރި ވިހަ މާއްދާތައް ހުރި މިންވަރު ވަނީ ކޮންމެ ކިއުބިކް މީޓަރެއްގައި 879 މައިކްރޯގްރާމަށް އަރައިފަ އެވެ. މިއީ ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ އެންމެ މަތީ މިންގަނޑަށް ވުރެ ގާތްގަނޑަކަށް 59 ގުނަ އިތުރު އަދަދެކެވެ.

އާބާދީ 30 މިލިއަނަށް ވުރެ ގިނަ ނިއު ދިއްލީގެ ވައި ނުސާފުވުން ކޮންޓްރޯލް ކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ވަނީ ފާއިތުވި ހަފުތާތަކުގައި ޓްރެފިކާއި އިމާރާތްކުރުމުގެ މަސައްކަތްތަކަށް ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ.

ދިވާލީގެ ހަވާއެރުވުމަށް ފަހު މިއަދު ހެނދުނު އިންޑިއާގެ ނިއު ދިއްލީގެ ވައި ނުސާފުވެ އިރުގެ އަލިކަން ފަނޑުވެފައި. -- ފޮޓޯ: އޭއެފްޕީ
ދިވާލީގެ ހަވާއެރުވުމަށް ފަހު މިއަދު ހެނދުނު އިންޑިއާގެ ނިއު ދިއްލީގެ ވައި ނުސާފުވެ އިރުގެ އަލިކަން ފަނޑުވެފައި. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ އެންވަޔަރަމަންޓް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ފިނި މޫސުމުގައި ދިއްލީގެ ވައި ނުސާފުވާ ސަބަބުތަކުގެ ތެރޭގައި އެންމެ ބޮޑު ހިއްސާއެއް އޮންނަނީ އުޅަނދުފަހަރާއި ކާރުހާނާތަކާއި އިންޖީނުގެތަކުގެ އިތުރުން ދަނޑުތަކުގައި ރޯކުރާ އަލިފާނުން ބޭރުވާ ގޭސްތައް ޖައްވުގައި އެކުވެގެން އުފެދޭ "ސެކަންޑަރީ ޕާޓިކަލްސް" އަށެވެ. އެއީ 27 ޕަސެންޓެވެ. މީގެ އިތުރުން އުޅަނދުފަހަރުގެ ދުމުން 23 ޕަސެންޓް ހިއްސާކުރާއިރު، ދަނޑުތަކުގެ ކުނިބުނި އެންދުން ފަދަ ކަންކަމުން 20 ޕަސެންޓް އަދި ކޯލް އިންޖީނުގެތައް ހިމެނޭހެން ކާރުހާނާތަކުން ނުވަ ޕަސެންޓް ހިއްސާކުރެ އެވެ.

ސައިންޓިފިކް ޖާނަލެއް ކަމަށްވާ "ދަ ލެންސެޓް ޕްލެނެޓަރީ ހެލްތު" ގައި 2024 ވަނަ އަހަރު ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، 2009 އާއި 2019 އާ ދެމެދު އިންޑިއާގައި 3.8 މިލިއަން މީހުން މަރުވުމާ ވައި ނުސާފުވުމާ ގުޅުން ހުއްޓެވެ. -- އޭއެފްޕީ