އިންޑިޔާގެ ކަލްކަތާގެ ހޮޓަލެއްގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން ނުވަ މީހުން މަރުވެ، އިތުރު ބަޔަކަށް އަނިޔާވެއްޖެ ކަމަށް އެ ސިޓީގެ ފަޔާ ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

"ބުދަ ދުވަހުގެ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި ކުޑަކުއްޖަކު ހިމެނޭހެން ނުވަ މީހުން ވަނީ މަރުވެފައި،" ވެސްޓް ބެންގޯލް ސްޓޭޓްގެ ފަޔާ ސާވިސަސް ޑިރެކްޓަރު އަނޫޖް ޝަރްމާ އޭއެފްޕީ އަށް ވިދާޅުވި އެވެ.

"ހޮޓާ ތެރޭގައި ވަނީ ބޯ ދުމުގެ އަސަރު. ބައެއް މީހުން މަރުވެފައި ތިއްބާ ފެނުނީ ފާޚާނާތަކުގެ ތެރެއިން."

އަނޫޖް ޝަރްމާ ވިދާޅުވި ގޮތުގައި، މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ މި ބަޖެޓް ހޮޓަލުގައި ހުރި އޭސީއެއް ގޮވުމުގެ ސަބަބުން ކަމަށް މިހާތަނަށް ވަނީ ބެލެވިފަ އެވެ.

އޭނާ ވިދާޅުވީ ހަ ފިރިހެނުންނާއި، ދެ އަންހެނުން އަދި ކުޑަކުއްޖެއް ހޮޓަލުން ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ވެސްޓް ބެންގޯލްގެ ވެރިކަން ކުރާ ޕާޓީގެ މެންބަރެއް ކަމަށްވާ ސަންތޯޝް ޕަތަކް ވިދާޅުވި ގޮތުގައި، މަރުވި ބައެއް މީހުންނަކީ ބޭސްފަރުވާއަށް ކަލްކަތާއަށް ގޮސް ތިބި ބަންގްލަދޭޝްގެ ރައްޔިތުން ކަމަށް ބެލެވެ އެވެ.

"އަޅުގަނޑުމެން މިދަނީ މަރުވި މީހުންގެ ގައުމު ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން،" ނޫސްވެރިންނަށް އޭނާ ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތު ހޮޓަލުގައި 60 މީހުން ތިއްބެވެ.

އަލިފާން ނިއްވާ ވަސީލަތްތައް މަދުވުމާއި، ރައްކާތެރިކަމުގެ ގަވާއިދުތަކަށް ގަވާއިދުން ހުރުމަތްތެރިކޮށް ނުހިތުމުގެ ސަބަބުން އިމާރާތްތަކުގައި އަލިފާން ރޯވުމުގެ ހާދިސާތައް އިންޑިއާގައި ވަރަށް އާންމެވެ. -- އޭއެފްޕީ