އިންޑިއާގެ އިރުމަތީ ސަރަހައްދުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، ޓްރޯމާ ކެއާ ޔުނިޓްގައި އެޑްމިޓްކޮށްފައި ތިބި ހާލު ބޮޑު 10 މީހަކު މަރުވެއްޖެ ކަމަށް މިއަދު ބުނެފި އެވެ. 

އަލިފާން ނިއްވާ އާލާތްތައް ނެތުމާއި ރައްކާތެރިކަމުގެ ގަވާއިދުތަކަށް އިހުމާލުވުމުގެ ސަބަބުން އިމާރާތްތަކުގައި ރޯވުމަކީ އިންޑިއާގައި އާއްމު ކަމެކެވެ.

އޮޑީޝާގެ ޗީފް މިނިސްޓަރު މޯހަން ޗަރަން މާޖީ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ރޭ ފަތިހު އަލިފާން ރޯވީ އޮޑިޝާގެ ކަޓަކް ސިޓީގައި ހުންނަ އެސްސީބީ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ.

"ޓްރޯމާ އައިސީޔޫ ވޯޑްގައި ރޯވީ ޝޯޓް ސާކިޓެއްގެ ސަބަބުން،" އަލިފާން ރޯވި އިރު 23 މީހަކަށް އެތަނުގައި ފަރުވާދޭން އެޑްމިޓްކޮށްފައި ތިބި ކަމަށް ވެސް ޗީފް މިނިސްޓަރު ވިދާޅުވި އެވެ. 

އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވެފައިވާ އިރު، ބާކީ ތިބި ބަލި މީހުން އެހެން ވޯޑުތަކަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަލި މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި 11 މުވައްޒަފަކު ފިހިގެން އަނިޔާވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. 

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ބަދަލުގެ ގޮތުގައި 2،160 ޑޮލަރު ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ. 

އިންޑިއާގައި އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ކަރަންޓް ޝޯޓް ސާކިޓް އެވެ.

ޓެމިލް ނާޑޫގެ އަމިއްލަ ހޮސްޕިޓަލެއްގައި 2024 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ވެސް ހަ މީހުން މަރުވެ ގިނަ ބަޔަކު ޒަހަމްވި އެވެ. ހަމަ އެ އަހަރު އުއްތަރަ ޕްރަދޭޝްގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ، ތުއްތު 10 ކުއްޖަކު ވަނީ މަރުވެފަ އެވެ. -- އޭއެފްޕީ