ކުރިއަށް އޮތް ފަސް ދުވަހު ވެސް ނުސާފު ވައި ނުވަތަ ހޭޒްގެ އަސަރު ރާއްޖެއަށް ބޮޑުވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ނުސާފު ވައިގެ އަސަރު މިއަދު މުޅި ރާއްޖެއަށް، ހާއްސަކޮށް އުތުރާއި މެދު ތެރޭގެ ހިސާބުތަކަށް ކުރަމުންދާ ކަމަށެވެ. އުތުރުގެ ރަށްރަށަށް ދުރު ފެންނަ މިންވަރު ދެ ކިލޯމީޓަރަށް ވުރެ ދަށުން ރިޕޯޓްކުރަމުން ދާ ކަމަށް އެ އިދާރާއިން ބުންޏެވެ.

"ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ދުންފުހުގެ އަަސަރު ހުންނާނެ ކަމަށް ބެލެވޭ،" މެޓް އޮފީހުން ބުންޏެވެ. 

އެހެންވެ، ގިނަ ވަގުތު ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ މީހުންނާއި ކަނޑުދަތުރުކުރާ މީހުން ވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމުން މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިވަގުތުގެ ހާލަތު

ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، އެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 115 ގަ އެވެ. އަދި މާލޭގައި އަމިއްލަ މީހަކު ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މާލޭގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 85 ގަ އެވެ. 

އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. އޭގެ މަނާއަކީ ވައިގެ ނުސާފުކަން، އެންމެންނަށް ނުރައްކާވާ މިންވަރަށް ހުރުމެވެ. އަދި އެއާ ކޮލިޓީ އިންޑެކްސް 101-150 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ އޮރެންޖު އެލާޓެވެ. އޭގެ މާނައަކީ ހައި ރިސްކު މީހުން ހާއްސަ ސަމާލުކަމެއް ދޭން ޖެހުމެވެ. 

މި ހާލަތުގައި ބޭރު ތެރޭގައި އުޅޭ މިންވަރު މަދުކޮށް، ބޭރަށް ނުކުންނަނަމަ މާސްކު އެޅުން ވަރަށް މުހިންމެވެ. ގޭތެރެއަށް ނުސާފު ވައި ވަނުމުގެ ފުރުސަތު ކުޑަކުރުމަށް ދޮރުތައް ބަހައްޓަން ވާނީ ބަންދުކޮށްފަަ އެވެ. އަދި ގޭގައި އެއާ ޕިއުރިފަޔާއެއް ބޭނުން ކުރެވިދާނެ އެވެ.

  • ހދ. ކުޅުދުއްފުށީގައި ހުރީ 154 ގައި
  • ށ. ފުނަދޫގައި ހުރީ 68 ގައި
  • ދ. ކުޑަހުވަދޫގައި ހުރީ 75 ގައި
  • ފުވައްމުލަކުގައި ހުރީ 62 ގައި
  • އައްޑޫގައި ހުރީ 66 ގައި

މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެއަށް ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ކުރެ އެވެ. ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.

އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ މި ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. ދުން ގިނަވެ، ފުސްވުމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ދަށްވުމުން ދަތުރުފަތުރު ކުރުމަށް ވެސް އުނދަގޫވެ އެވެ. އަދި ސިއްހީ އެކި މައްސަލަތައް ވެސް ކުރިމަތިވެ އެވެ.